ވާހަކަ ޙިޖުރަ 30

ޙިޖުރަ 30

ޙިޖުރަ 30

ކިޔާލަން ހޭދަވާނީ 19 މިނިޓް

ފޮންޓް ސައިޒް

"ކީކޭ؟!" ނަވާޒް ހާސްކަން އެކުލެވިފައިވި ގޮތަކަށް އަހާލިއެވެ.

"ތި އަޑުއިވުނީ ރަނގަޅަށް. އޭނަ ދެންމެއަކު މިގެއަށް އައި. އައިއްސަ ވާހަކަ ދެއްކި ގޮތުން ހީވަނީ އޭނައަށް އެނގިއްޖެހެން މިފްތާޙްމެންގެ ގެ އެންދީ އަހަރުމެންކަން. އޭނަ ބުނީ މިއަދު ހުރިހާ ހައްދެއް ފަހަނަޅައިފިއޭ. މިއަދުން ފެށިގެން ތިމަންނަ މަސައްކަތް ކުރާނީ އަހަރުމެންނާ ދެކޮޅަށޭ." އަމީން ކިޔައިދިނެވެ. އެންމެ ފަހު ބަސްތަކަކާއެކީ ފޯނުގެ އަނެއްކޮޅުން ވާހަކަ އަޑުއަހައިގެން އިން ނަވާޒްގެ ދެލޯ މެރުނެވެ. އޭނަގެ ދެބުމަ ކައިރިވީ ގޮތުން އޭނައަށް ފުން އަސަރުތަކެއް ކުރިހެން ހީވެއެވެ. އޭނަ ފޯނު ކަންފަތުގައި ޖައްސައިގެން އެއްވެސް އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން އިނެވެ.

"ނަވާޒް؟" އަމީން ގޮވާލިއެވެ.

"އާނ ކީކޭ؟" ނަވާޒް ހޭވެރިކަމެއް ލިބުނު ފަދައަކުން ބުނެލިއެވެ.

"ނަވާޒް ކީކޭތަ ބުނަނީ މިކަމާމެދު؟ އަހަންނަށް ފެންނަ ގޮތުގަ އަހަރުމެންނާއި ދެކޮޅަށް ޔޫނުސްއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ. މިފްތާޙްމެނަށް ދެން ނޫސް އަނބުރާ ގެންނަން ކެރޭނެހެނެއް އަހަންނަށް ހިއެއްނުވޭ. ޔޫނުސް އެމީހުންނަށް އެހީވެދޭން އުޅެފިއްޔާ އަހަރެން މިހިރީ އެކަން ބަލަން. އޭނަ އަމިއްލައަށް އެކަންޏެއް އަހަރުމެންނާއި ދެކޮޅަށް ނުތެދުވެވޭނެ. ތެދުވުނިއްޔާ ދެން އަހަރުމެންގެ އަމާޒުފައްގަނޑަކަށްވާނީ އޭނަ." އަމީންގެ ވާހަކަ ނިމުނުތަނާ ނަވާޒް ވާހަކަ ދެއްކިއެވެ.

"އުނހު އެހެން ހަދައިގެން ނުވާނެ." ނަވާޒް ކަންބޮޑުވެފައި ކަހަލަ ގޮތަކަށް އަވަސްއަވަހަށް ބުނެލިއެވެ.

"އެއީ ކީއްވެ؟" އަމީން ނިތަށް ރޫއަރުވަމުން އަހާލިއެވެ. އަމީންގެ އެ ސުވާލުން ނަވާޒްގެ އަނގަ ބަންދުވިއެވެ. އޭނަ އިސްޖަހާލަމުން ޖެހިލުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.

"އެއީ.....އަހަރުމެންގެ ނޫހަށް އަންނަ ގިނަ ކިޔުންތެރިންނަށް އެންމެ ކަމުދާ ނޫސްވެރިޔަކީ ޔޫނުސް. އަހަރުމެން ޔޫނުސްއަށް ކަމެއްކޮށްފިކަން މީހުންނަށް އެނގިއްޖެއްޔާ އަހަރުމެންނަށް ބައިވަރު ސަޕޯޓަރުން ގެއްލޭނެ." ނަވާޒް ބުނެލިއެވެ.

"ނަވާޒް......ޔޫނުސްގެ ސަޕޯޓަރުން އުޅޭ. އެކަމަކު އަހަރުމެންގެ ނޫހާއި އަހަރުމެން ވެސް ވަކި ބަރޯސާވަނީ އޭނައަކަށް ނޫން. އެހެން ނޫނަސް އަހަންނަށް އެނގޭ އެހެން މީހުންނަށް ނޭނގޭ ގޮތްގޮތަށް ކަންތައް ކުރަން." އަމީން ބުންޏެވެ.

"އެކަމަކުވެސް ރަނގަޅުވާނީ އޭނައަށް އަނިޔާ ކުރުމަށްވުރެ އޭނަ އަނބުރާ ގެންނަން މަސައްކަތް ކުރިއްޔާދޯ؟ އޭނައަށް ފައިސާ ދީގެން އެކަން ކުރެވިދާނެއެއްނޫންތަ؟" ނަވާޒް ބުނެލިއެވެ. އަމީން ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ބޯހޫރުވާލިއެވެ.

"ހިއެއްނުވޭ މިކަން ފައިސާއަކުން ޙައްލު ކުރެވޭނެހެނެއް. އޭނަ ބުނީ މައްސަލައެއްނެތޭ ތިމަންނަ މަރާލަން މަސައްކަތް ކުރިޔަސް." އަމީން ބުނެލި ވާހަކައިން ފޯނުގެ އަނެއްކޮޅުގައި ހުރި ނަވާޒްގެ ދެލޯ ބޮޑުވިއެވެ.

"އެހެން ނަހަދައްޗޭ!" ނަވާޒް އެހެން ބުނެލިއިރު އޭނަގެ މޫނުމަތީގައި ބިރުވެރިކަމާއި ހިތާމައިގެ އަސަރެއްވިއެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ ނަވާޒް؟ މިއީ މިކަހަލަ ކަމެއް އަހަރުމެން ރާވާ ފުރަތަމަ ފަހަރެއްނޫން. މީގެ ކުރިން ނަވާޒް ތިކަހަލަ ވާހަކައެއް ނުދައްކާ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ނަވާޒް އަބަދުވެސް ހުންނަނީ. މިހާރު ކިހިނެއްތަ މި ވަނީ؟ މިއީ އަނެއްކާ އެ ޔޫނުސްއަށް ކަމެއްކުރަން އުޅޭތީތަ؟ އެއީ ވަކި ޚާއްޞަ މީހަކީތަ؟ އޭނަ އަހަރުމެންނާ ގުޅުނީއްސުރެ އަހަންނަށް ފާހަގަވި ނަވާޒް އޭނަ މާ ކައިރިކޮށްގެން އުޅޭކަން. ކުރިން އަހަރެން ހީކުރީ އޭނަ ގެއްލެން ބޭނުންނުވާތީވެ ކަމަށް އެގޮތަށް ކަންތައް ކުރީ. އެކަމަކު މިއަދު އެނގިއްޖެ އަދި އެހެން ސަބަބެއް އެބައޮތްކަން. ބުނެބަލަ ނަވާޒް. ޔޫނުސް އެއީ ކާކު؟" އަމީން ހިސާބަކަށް ނުރުހުންވެހުރެ އެންމެ ފަހަކަށް ސުވާލުކުރިއެވެ. ނަވާޒް ކާރުތެރޭގައި އިނދެ އެސްފިޔަ ޖަހަމުން އެކި ދިމަދިމާލަށް ކަޅި ހިންގާލިއެވެ. އޭނަގެ ކަޅި ހުއްޓުނީ ކާރުގެ ލައްޕާލެވިފައިވާ ކުޑަ ބިއްލޫރި ދޮރުން ބޭރަށެވެ. އެވަގުތަކީ ޓްރެފިކް ލައިޓް ރަތަށް ބަދަލުވި ވަގުތަށްވުމުން އޭނަ އިން ކާރުވެސް މަޑުކޮށްލައިފިއެވެ. އެ ކާރުގެ ކައިރިއަށް އައިސް މަޑުކޮށްލި ސައިކަލު ނަވާޒަށް ފެނުނެވެ. އެ ސައިކަލުމަތީގައި ތިބީ ޒުވާން ބައްޕައަކާއި ޔުނިފޯމެއްގައި އިން ކުޑަ ފިރިހެން ކުއްޖެކެވެ. ސައިކަލުގެ ކުރީގައި އެ ކުއްޖާ އިން އިރު އޭނަ ސައިކަލުގައި ހުރި އެކި ފިތްތަކަށް ފިތަން މަސައްކަތް ކުރަމުން ދިޔައެވެ. އެކުއްޖާގެ ބައްޕަ ކޮންމެވެސް އެއްޗެކޭ ކިޔަމުން އޭނަގެ އަތް ދުރުކުރުވިއެވެ. އެކުއްޖާ އަތްތިރިކޮށްގެން އިރުކޮޅަކު އިނދެފައި މި ފަހަރު އަތްބޭއްވީ ހުންގާނުގައި ހިފާލެވިފައިވި ބައްޕަގެ އަތްމަތީގައެވެ. އެއާއެކު މިފަހަރު ބައްޕަ ހީލަމުން އެއްޗެކޭ ބުނެލުމުން އެކުއްޖާވެސް އުޖާލާވި ހިނިތުންވުމަކާއެކީ ބައްޕައަށް ބަލާލިއެވެ. އެއަށްފަހު ކުއްޖާ އަނެއްކާވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލުމުން ބައްޕަ އެކުއްޖާގެ ބޮލުގައި ބޮސްދިނެވެ. މަންޒަރު ބަލަން ކާރު ތެރޭގައި އިން ނަވާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަމެކެވެ. ކަންފަތުގައި ޖައްސާފައި ހުރި ފޯނުން އަމީން ގޮވާ އަޑު އިވެމުން ދިޔައެއްކަމަކު އޭނައަށް އެއަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަވާޒް ހުރި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ޓްރެފިކް ލައިޓް ފެއްސަށް ބަދަލުވެ އޭނަގެ ކާރު ދުއްވަން ފެށިއެވެ. ކައިރިން ފެންނަމުން ދިޔަ ސައިކަލު ނަވާޒްގެ ކާރަށްވުރެ ކުރިއަށް އަރައިގެން ދިޔައެވެ. ނަވާޒް ފުން ނޭވައެއް ދޫކޮށްލަމުން އަމީނަކަށް ފަރުވާލެއްނުދީ ފޯނު ކަންފަތުން ނަގާލަމުން ކަނޑާލިއެވެ.

ނަވާޒް އޭނަ އުޅޭ ޢިމާރާތުގެ އެންމެ މަތީގައި ހުންނަ ކޮޓަރީގެ ދޮރު ހުޅުވައި އެކޮޓަރިއަށް ވަތް ވަގުތުވެސް އޭނަގެ މޫނުމަތިވަނީ މިލާފައެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން އޭނަ ގޮސް އިށީނީ އެނދުމަތީގައެވެ. މޫނުމަތީގައި ދެއަތް އަޅަމުން ނަވާޒަށް ވިސްނެންފެށީ އޭނަގެ ދިރިއުޅުމާއި މެދުގައެވެ. މިއަދު އޭނަ މި ދުނިޔެއިން ވެސް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އޭނަގެ ދަރިފުޅު ކައިރީގައި ހުރުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އޭނައަށް މިހާތަނަށް އެއްކުރެވުނުހާ ފައިސާގެ ބޭނުންކޮށްގެން ވެސް އޭނައަށް ނުކުރެވޭނެ ހަމައެކަނި ކަމަކީ އެއީއެވެ.

މީގެ އަހަރުތަކެއް ކުރިން ނަވާޒް އޭނަގެ އަންހެނުން ޝަހީމާ ވަރިކުރީ އޭނަ އޭރު މަސައްކަތް ކުރަމުން ދިޔަ ރިސޯޓުން ދިމާވި އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އާސިޔާއަކީ ނަވާޒަށް ރީތިވި ޒުވާން ކުއްޖެކެވެ. އާސިޔާ ނަވާޒަށް ސަމާލުކަން ދެމުން ދިޔަ ގޮތުން ނަވާޒަށް ވެސް އާސިޔާއަށް ސަމާލުކަން ދެވުނެވެ. އާސިޔާ އޭނައާއި ރައްޓެހިވުމަށް އެދުމުން ނަވާޒް ފުރަތަމަ ޖެހިލުންވިއެވެ. ނަމަވެސް އެ ޖެހިލުންކަން ކެނޑުނީ އޭނަ ރިސޯޓުގައި ކުރާ ކަމެއް އެހެން މީހަކަށް އެނގޭނީ ކިހިނެއްބާއޭ ހިތް ބުނުމުންނެވެ. ނަވާޒް އާސިޔާއާއި ރައްޓެހިވިތާ މަސްތަކެއް ފަހުން އާސިޔާ ނަވާޒް ގާތު ޝަހީމާ ވަރިކޮށް އޭނައާއި އިނުމަށް އެދުނެވެ. ނަވާޒް ވަގުތުން ބުނީ އޭނަ ވިސްނާފައި ޖަވާބެއްދޭނެ ކަމަށެވެ. އޭގެފަހުން އެތައް ދުވަހެއް ވަންދެން ނަވާޒް ދެ ޚިޔާލެއްގެ މަތީގައި ހުއްޓެވެ. އޭނައަށް އޭރު ޝަހީމާއަށްވުރެ ބޮޑަށް އާސިޔާ ކަމުދެއެވެ. ނަމަވެސް އިތުރު ފިޔަވަޅެއް ނާޅާ ހުރީ ޔޫނުސްގެ ސަބަބުންނެވެ. އޭނަ ޝަހީމާ ވަރިކުރުމުން ޔޫނުސްއަށްވާނީ ކިހިނެއްބާއޭ ހިތަށްއަރަމުން ދިޔައެވެ. ކޮންމެއަކަސް އެ ފިކުރުވެސް ގެއްލި ދިޔައީ ޚުދު އާސިޔާގެ ބައްޕަ އަމިއްލައަށް ނަވާޒްގާތު އާސިޔާއާއި އިނުމަށް އެދުމުންނެވެ. އާސިޔާގެ ބައްޕައަކީ އޭނަ މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގެ އިތުރުން އެހެން ދެ ރިސޯޓެއްގެ ވެސް ވެރި ފަރާތެވެ. އެހެންކަމުން އާސިޔާއާއި އިނދެފިއްޔާ އޭނައަށް އިހުނަށްވުރެ ތަނަވަސް، އާ ދިރިއުޅުމެއް ލިބިދާނެ ކަމަށް ނަވާޒްގެ ހިތް ބުންޏެވެ. ޔޫނުސްއަށް ކޮންމެ ގޮތެއްވިޔަސް އޭނައަށް އެހެން ދަރިން ވެސް ލިބިދާނެއޭ ހިތައި ނަވާޒް ޝަހީމާމެން ދޫކޮށް މާލެއަށް ފުރައިގެން އައިސް އާސިޔާއާއި އިނެވެ. އެ ދެމީހުންގެ ޒަވާޖީ ޙަޔާތް ފެށިގެން ދިޔައީ އޮމާންކޮށެވެ. އާސިޔާގެ ބައްޕަ އެއް ރިސޯޓު ނަވާޒްގެ ނަމަށް ބަދަލުކުރުމުން ދެމީހުންނަށް ލިބުނީ ވެސް ނުހަނު ތަނަވަސް ދިރިއުޅުމެކެވެ. ނަވާޒް ޝަހީމާއާއި ޔޫނުސްގެ މަތިން މުޅިން ވެސް ހަނދާން ނެތުނެވެ. އޭނައަށް މުޅިންހެން ވިސްނެމުން ދިޔައީ އޭނައަށް ލިބިފައިވާ ފައިސާ ގިނަކޮށް އޭނަގެ އާ ދިރިއުޅުން އިތުރަށް ތަނަވަސްކުރެވޭނެ ގޮތްތަކާއިމެދުގައެވެ. މާލެއަށް އައިސް އުޅުމުގެ ތެރޭގައި ދިމާވި އެކިއެކި ސިޔާސީ މީހުންގެ ފަރާތުން އެކަން ކުރެވޭނެ މޮޅު ގޮތެއް ނަވާޒަށް އެނގުނެވެ. އަތުގައި ފައިސާ ހުރުމުން ޕާޓީއެއް އުފެއްދުމަށްޓަކައި މީހުން އެއްކުރުމަކީ ނަވާޒަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. މަދު މަސްތަކެއްގެ ތެރޭގައި މޯލްޑިވިއަން ރީފޯމް ޕާޓީ އުފެދި އޭނަ އެ ޕާޓީގެ ރައީސަށްވިއެވެ. ހަމަ އެއާއެކު އޭނަ އޭރު ހިންގަމުން ދިޔަ ނޫސްވެސް މަޝްހޫރުވެގެން ދިޔައެވެ. މި ދުވަސްކޮޅުގެ އާސިޔާގެ ބަނޑުބޮޑުވެގެން ދިޔުމުން ނަވާޒަށް ހީވީ ދުނިޔޭގައި ވީހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނީހެންނެވެ.

ނަވާޒްގެ އުފާވެރިކަން މާ ގިނަ ދުވަހެއް ވަންދެން ދެމިގެން ނުދިޔައެވެ. ވިހެއުމުގެ ދުވަސް ކައިރިވަމުން ދިޔަވަރަކަށް އާސިޔާގެ ޞިއްޙީ ޙާލަތު ދައްވަމުން ދިޔައެވެ. ލޯބިލޯބި ފިރިހެން ކުއްޖަކު ވިހެއުމުގެ ތެރޭގައި އާސިޔާ ދުނިޔެ ދޫކުރިއެވެ. އެ ހިތާމައިގައި ނަވާޒް އުޅެމުން ދަނިކޮށް އޭނަގެ ބޯ މައްޗަށް އާ ކޮޅިގަނޑެއް ވެރިވިއެވެ. އޭނަގެ ތުއްތު ދަރިފުޅުގެ ފުއްޕާމޭގައި މައްސަލައެއް ހުރިކަން އެނގުނީ އެ ދަރިފުޅަށް 7 ދުވަސްވެސް ނުފުރެނީހެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ ނަވާޒް އޭނަގެ ދަރިފުޅަށް ވެސް މުޅި ޢުމުރަށް އަލްވަދާޢު ކިޔަން ޖެހުނެވެ. އެއަށްފަހު ނަވާޒްގެ ޙަޔާތަށް ވެރިވީ އޭނަ ދުވަހަކުވެސް އިޙްޞާޞް ނުކުރާފަދަ އެކަނިވެރިކަމެކެވެ. އޭނަ އަބަދުވެސް ބޭނުންވެގެން ހުރި ގޮތަށް އޭނަގެ ބޭންކް އެކައުންޓްތަކަށް ކޮންމެ ދުވަހަކު އެތައް ލާރިއެއް އެއްވަމުން ދިޔައެއްކަމަކު އެކަމުން އޭނަގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ގެނެސް ނުދެއެވެ. އޭނަ އިތުރަށް މާޔޫސްވަމުން ދިޔައީ އެކި އެއްވުންތަކުގައި އޭނަގެ އެކުވެރިން އެމީހުންގެ ޢާއިލާތަކާއެކީގައި އުޅޭތަން ފެނުމުންނެވެ. އޭނަގެ އެކުވެރިން އެމީހުންގެ ކުދިން މިވެނި ޤައުމަކުން ކިޔަވައިގެން މިވެނި ވަޒީފާއެއް އަދާކުރަމުން ދާ ވާހަކަތައް އަޑު އިވުމުންނެވެ. އެއްދުވަހު ނަވާޒާއި އަލަށް ބައްދަލުވި ސިޔާސީ މީހަކު އޭނަގެ ދަރިފުޅެއް ނުހުންނަނީތޯ ސުވާލުކުރިއެވެ. ނަވާޒަށް ވަގުތުން އާނއެކޭ ބުނެވެން އުޅުނީ އޭނަގެ އަމިއްލަ ދެއަތުން އޭނަގެ ދަރިފުޅު ސަންދޯކުގައި ބޭއްވި ހަނދާންވެފައެވެ. ނަމަވެސް ނުބުނެވުނީ އެއަށްވުރެ ކުރީގެ ހަނދާނެއްވެފައެވެ. އޭނަ މާލެއަށް އައުމުގެ ވެސް ކުރީގެ ހަނދާނެކެވެ. އެއާއެކު ޔޫނުސް ކޮބައިތޯ އޭނަގެ ހިތް ސުވާލު ކުރިއެވެ. ޔޫނުސްގެ ނަން ހިތަށް ވެރިވަމުން ދިޔަގޮތުން އޭނައަށް އެރޭގެ އެ އެއްވުމުގައި ހަމަޖެހިގެން ނުވެސް ހުރެވުނެވެ. ގެއަށް ގޮސް އޭނައަށް ކޮޓަރި ތެރެއިން ހޯދުނީ ޔޫނުސްގެ އެއްވެސް ނިޝާނެއް އޭނައަށް އެހާ ހިސާބަށް ގެނެވުނުތޯއެވެ. ނަވާޒް ހޯދަމުން ދަނިކޮށް އޭނައަށް އޭނަ ވަރަށް ކުރީއްސުރެ ގެންގުޅުނު ކެމެރާއެއް ފެނުނެވެ. އެ ކެމެރާގައި ހުރި ޔޫނުސްގެ ފޮޓޯތައް ފެނިފައި ނަވާޒްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއިއެކު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. ކުޑަކުޑަ ޔޫނުސްގެ ފޮޓޯތައް ފެނިފައި ޔޫނުސް މިހާރު ބޮޑު މީހަކަށް ވެދާނެއޭ އޭނަގެ ހިތް ބުންޏެވެ. ހަމަ އެއާއެކު އޭނަ ޔޫނުސް ދެކިލަން އިންތިހާއަށް ބޭނުންވިއެވެ. އެހެނަސް ޔޫނުސް އޭނަ ދެކިލަން ބޭނުން ނުވެދާނެއޭ ހިތް ބުނި ވަގުތު އެ ހިތަށް ތަދުވިއެވެ. އޭނައަށް ޔޫނުސްއާއިމެދު ކަންތައް ކުރެވުނު ގޮތް ހަނދާނަށް އައުމުން ނަވާޒް އެ ދުވަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. އޭނަ ދިޔަފަހުން ޔޫނުސް އުޅުނީ ކޮންފަދަ ޙާލެއްގައިބާވައޭ ނަވާޒްގެ ހިތް ބުންޏެވެ. އޭނަގެ ދަހިވެތިކަމުގެ ސަބަބުން އޭނަ ޔޫނުސްއަށް ދޭން ވާޖިބުވި ލާރިކޮޅު ވެސް ނުފޮނުވައެވެ. ޔޫނުސް ދުނިޔޭގައި އެބަހުރި ބާވައޭ ނަވާޒްގެ ހިތަށް އެރި ވަގުތު އޭނަގެ ހިތަށް ބިރުވެރިކަމެއްވަނެވެ. އޭނަ ވަގުތުން ޔޫނުސް ވީ ތަނެއް ބަލަން ބޭނުންވިއެވެ. އޭނަ މީހަކަށް އަންގައި ހޯދަން އުޅެނިކޮށް އޭނައަށް އޭނަގެ ނޫހުން ޔޫނުސްގެ ނަން ފެންނަން ފެށިއެވެ. އަހުމަދު ޔޫނުސްގެ ނަން ފެނުނު ފުރަތަމަ ދުވަހު ނަވާޒަށް އޭނަގެ ލޮލަށް އިތުބާރެއްވެސް ނުކުރެވުނެވެ. ނަމަވެސް އެ ނަމުގެ ކައިރީގައި ހުރި ފޮޓޯގައި ހުރީ ހަމަ އޭނަގެ ދަރިފުޅުކަން ނަވާޒަށް ޔަޤީން ކުރެވުނެވެ. ޔޫނުސް އޭނައަށްޓަކައި މަސައްކަތް ކޮށްދެނީ އޭނަދެކެ ލޯބިވާތީވެކަމަށް ނަވާޒަށް ޤަބޫލުކުރެވުނެވެ. ނަމަވެސް އެތައް އަހަރަކަށްފަހު އޭނަ ޔޫނުސްއާއި ބައްދަލުވީ ފުރަތަމަ ދުވަހު ޔޫނުސް ހިނިތުންނުވީ ގޮތުން އޭނަ އޮޅުން އެރިއެވެ. އޭނަ ޔޫނުސްގެ ގައިގައި ބައްދާލުމުން ވެސް ޔޫނުސް ބުމަގޮށްޖެހިފައި ހުރި ގޮތުން އޭނަ ކިހިނެއްވީތޯ ސުވާލުކުރަން ބޭނުންވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޔޫނުސް އޭނައަށް ނަފްރަތު ކުރާކަން ނަވާޒަށް އެނގުންވަމުން ދިޔައެވެ. ޔޫނުސް އަބަދުވެސް އޭނަގެ ނަމުން ގޮވައި ނުރުހުމުގެ ރާގަކަށް ވާހަކަ ދައްކާ ގޮތް އެކަމުގެ ހެއްކަކަށް ފުދެއެވެ. ނަވާޒް ޔޫނުސް ވަކިން ގެނެސް އަމިއްލަ ބައްޕައާއި ތިގޮތަށް ވާހަކަ ދައްކައިގެން ނުވާނެއޭ ބުނަން ބޭނުންވެއެވެ. ނަމަވެސް އޭނަ އެހެން ނަހަދަނީ އޭނައަށް ޔޫނުސްގެ ފަރާތުން ޙައްޤުވަނީ ވެސް އެފަދަ "އިޙްތިރާމެއް" ކަމަށް އޭނައަށް ޤަބޫލު ކުރެވުނީތީވެއެވެ. އޭނަ ޔޫނުސްއާއިމެދު ކަންތައް ކޮށްފައިވަނީ އެހާވެސް ގޯސްކޮށެވެ. އޭނައާއި ވާހަކަ ދައްކަނީ ވެސް އެއީ ޔޫނުސްއަށްވީތީވެއޭ ނަވާޒްގެ ހިތަށްއަރައެވެ. އެހެން މީހެއްގެ ދަރިއަކަށްވިނަމަ ދެކިލަން ވެސް ނުއުޅުނީހެވެ. ކޮންމެއަކަސް ޔޫނުސް އޭނަ ދުރުކުރާ މިންވަރު އިޙްޞާޞް ކުރެވޭ ކޮންމެ ފަހަރަކު ނަވާޒްގެ ހިތް ކުނޑިކުނޑިވެއެވެ. އޭނަ ޔޫނުސްގާތު މަޢާފަށް އެދެން ބޭނުންވެއެވެ. ނަމަވެސް އެދެން ނުކެރެނީ ޔޫނުސް އޭނައަށް މަޢާފު ކުރުމުގެ ބަދަލުގައި ކިޔާނެ އެއްޗެއްސަށް އޭނައަށް ކެތްނުކުރެވޭނެހެން ހީވާތީވެއެވެ. މިހުރިހާ ކަމެއް މިހެން އޮތަސް ނަވާޒްގެ ހިތް ޔޫނުސް ގިނަގިނައިން ދެކިލަން އެދެއެވެ. ޔޫނުސްގެ ކައިރީގައި ހުންނަން އެދެވެއެވެ. ނާންނާނެ ދުވަހެއްކަން ޔަޤީންވެ ހުރެވެސް ނަވާޒަށް އިންތިޒާރު ކުރެވެނީ ޔޫނުސް އޭނައާއި ދިމާލަށް ބައްޕާއޭ ކިޔައި ގޮވާލާނެ ދުވަހަކަށެވެ. މިއަދު އަމީންގެ ފަރާތުން އިވުނު ވާހަކައިން އެ ދުވަސް އައުމަކީ ނާދިރު ކަމެއްހެން ނަވާޒަށް ހީވެއްޖެއެވެ. ޔޫނުސް އޭނަ ކުރާ ނުބައި ކަންތައްތަކަށް ނަފްރަތު ކުރީތީ އޭނައަށް ޙަޤީޤަތުގައި ޔޫނުސްއާމެދު ފަޚުރުވެރިވެވުނެވެ. ނަމަވެސް އޭނައާއި ވާހަކަ ދައްކައިގެން އެ ކަންތައް ޙައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ވެސް އޭނައާއި ދެކޮޅަށް ނިކުންނަން އުޅޭތީ ނަވާޒްގެ ހިތް ދެރަވިއެވެ. ޔޫނުސް އެގޮތަށް ކަންތައް ކުރާނީ ޔޫނުސްއަށްޓަކައި އޭނައަކީ ބީރައްޓެއްސަކަށްވީތީ ވެއެއްނޫންހެއްޔެވެ؟ ނަމަވެސް އެކަން އެގޮތަށް ވާންވީ ކީއްވެހެއްޔެވެ؟ އޭނަ ޔޫނުސްއާމެދު ގޯސްކޮށް ކަންތައް ކުރުމުގެ ކުރިން ޔޫނުސް އޭނައާއި ހާދަ ގާތެވެ. އޭނަ ރިސޯޓުން ގެއަށް އަންނައިރަށް ޔޫނުސް އޭނަގެ އަތުތެރެއަށް އަންނާނެއެވެ. އޭނަ ޔޫނުސް ގޮވައިގެން ސައިކަލުގައި މުޅި ރަށު ވަށައި ދުއްވާފައި ވާނެއެވެ. ޤަވާޢިދާއި ޚިލާފަށް ވިޔަސް ޔޫނުސް ފުރާވަރަށް އެޅިގެން އުޅުނު ދުވަސްވަރު އޭނަ ސައިކަލުގެ ފަހަތުގައި އިނދެގެން ޔޫނުސްއަށް ސައިކަލު ދުއްވުމުގެ ފުރުޞަތު ދިނެވެ. ޗުއްޓީ ބައެއް ދުވަސް ދުވަހު އޭނަ ޔޫނުސްއާއެކީ ފުޓުބޯޅަވެސް ކުޅެފައިވާނެއެވެ. ޔޫނުސްއާއެކީ އަތިރިމައްޗަށް ގޮސް މަޑި އެރުވުން ފަދަ ހުނަރުތައް ވެސް ޔޫނުސްއަށް ދަސްކޮށްދިނީ އޭނައެވެ. ޔޫނުސް ހަމަ އެހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނީބާވައޭ ނަވާޒްގެ ހިތަށްއަރައެވެ.

ނަވާޒް އޭނަގެ ތެމިގެން ދިޔަ ލޯ ފޮހެމުން މޫނުން އަތް ނެގިއެވެ. އޭނައަށް އެއްލި ކަޅިއަކުން ފާރުގައި ހުރި ގަޑިން މިއަދުގެ ތާރީޚު ފެނިފައި އޭނަ މިރޭ އޮތް ޖަލްސާއެއްގެ ވާހަކައަށް ތައްޔާރުވާންޖެހޭކަން ނަވާޒް ހަނދާންވިއެވެ. ހަމަ އެއާއެކު އޭނަ އެ މަސައްކަތަށްޓަކައި ތެދުވިއެވެ.

 

**

"ދެން؟" ނަޞްރާ އެހެން އަހާލީ އޭނަގެ ކައިރީގައި އެނދުމަތީގައި އިށީނދެގެން އިން ޔޫނުސްއާއެވެ. ޔޫނުސް ދެފައި ދަމާލައިގެން ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިންއިރު އެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ. ނަޞްރާ ޖަވާބަކަށް އިންތިޒާރު ކޮށްގެން ޔޫނުސްއަށް ބަލަން އިނެވެ. ޔޫނުސް ވަނީ މިއަދު އަމީންމެން ކުރި ކަންތަކުގެ ވާހަކައާއި އޭނަ އަމީންގެ ގެއަށް ގޮސް ދެއްކި ވާހަކަތައް ނަޞްރާއަށް ކިޔައިދީފައެވެ. ޔޫނުސް ދެން ކަންތައް ކުރަން އުޅެނީ ކިހިނެއްކަން ނަޞްރާ ދެނެގަންނަން ބޭނުންވިއެވެ.

"ޔޫނުސް އަހަރެން ސުވާލެއް އެބަކުރަން. ދެން ކިހިނެއްތަ ހަދަން ތިއުޅެނީ؟" ޔޫނުސް ޖަވާބެއްނުދީ އިންނަން ފެށުމުން ނަޞްރާ އަހާލިއެވެ.

"ނޭނގެ ނަޞްރާ. އެކަމަކު އަހަރެން އެމީހުން ސަލާމަތްވިޔަކަ ނުދޭނަން." ޔޫނުސް ރުޅިވެރިކަމާއެކީ އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ނަޞްރާ ޔޫނުސްއަށް ބަލަން އިނދެފައި އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ޔޫނުސްގެ އެއްއަތް ނަގައި އެއަތުގައި ދެއަތުން ހިފާލިއެވެ.

"ޔޫނުސް، އަހަރެން ވަރަށް އުފާކޮށްފިން ޔޫނުސް އެޗް.އެން ނިއުސްއިން ވަކިވީތީ. އެކަމަކު އެއްވެސް މީހަކަށް ތިހާ ރުޅިވާކަށް ނުވާނެ. އަހަރުމެން ރުޅިވާންޖެހޭނީ މީހުންކުރާ ނުބައި ކަންތައްތަކަށް. މީހުންނަކަށްނޫން. އެއީ ކޮންމެ މީހަކުވެސް އިޞްލާޙުވުމުގެ ފުރުޞަތެއް އޮންނާނެތީ. ޔޫނުސް ކޮންމެ ކަމެއް ކުރިޔަސް އެކަން ވެގެން ނުވާނެ ބަދަލު ހިފުމުގެ ނިޔަތުގަ ކުރާ ކަމަކަށް. އެކަން ވާންޖެހޭނީ ރަނގަޅު ބަދަލެއް ގެނައުމުގެ ނިޔަތުގަ ކުރާ ކަމަކަށް. އޭރުން އެކަމެއް ކާމިޔާބުވާނީ. ޔޫނުސް އަދި ހަނދާން ބަހައްޓަންވާނެ ތި މަސައްކަތް ކުރަން އުޅެނީ އަމިއްލަ ބައްޕައާއި ދެކޮޅަށްކަން. ބައްޕައާއި ދެކޮޅަށް މަސައްކަތް ކުރިޔަސް ބައްޕައަށް އިޙްތިރާމްކުރަން އެނގެންވާނެ. ބައްޕަ ދެރަވާ ކަހަލަ ގޮތަކަށް ކަންތައް ކޮށްގެން ނުވާ....." ނަޞްރާގެ ވާހަކަ މެދުކެނޑުނީ ޔޫނުސް އޭނަގެ އަތް ނަޞްރާގެ އަތުތެރެއިން ދަމައިގަތުމުންނެވެ.

"އޭނަގެ ވާހަކަ ނުދައްކާ! އޭނަ މި ހުރިހާ ނުބައެއްގެ އަސްލަކީ. މި ކަންތައް ފެށުނީ އޭނައިން. އެ އަމީން މިފްތާޙްބެމެންގެ ގެ އަންދާލީވެސް އޭނަގެ އެދުމަށް ކަމަށްވާނީ!" ޔޫނުސް ރަތްވެފައިވާ ދެލޮލުން ނަޞްރާއަށް ބަލަން އިނދެ ހަރުއަޑުން ބުނެލިއެވެ. އެ އަޑު އިވިފައި ނަޞްރާ ނުތަނަވަސްވިއެއްކަމަކު އޭނަ ހިތްވަރު ކުރެވޭތޯ ބެލިއެވެ.

"ޔޫނުސް، އަމިއްލަ ބައްޕައާމެދު ތިގޮތަށް ވާހަކަ ދައްކައިގެން ނުވާނެ. އެއްފަހަރު ބައްޕައަށް ކުރެވޭ ކަންތައްތަކާމެދު ބައްޕައާ ލޯބިން ވާހަކަ ދައްކާލަބަލަ." ނަޞްރާ ބުނެލިއެވެ.

"އޭނައާ؟ ލޯބިން ވާހަކަ ދައްކަންވީ؟ ދުވަހަކުވެސް ނުކުރާނަން ތިކަމެއް. އަހަރެން އޭނަ ކާމިޔާބުވިޔަކަ ނުދޭނަން އެއްވެސް ކަމަކުން." ޔޫނުސް ދެންވެސް ހަރު އަޑުން އެހެން ބުނެލަމުން ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ނަޞްރާ ބަލަބަލާ ހުއްޓާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ޔޫނުސް ސިޓިންގް ރޫމަށް ގޮސް އެތާނގެ މެދުގައި މަޑުކޮށްލަމުން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

"ހެލޯ." އެކޮޅުން ޖަވާބު ދިނީ އައި.ސީ.ޔޫގެ ދޮރު ކައިރީގައި ކޮޅަށްހުރި ނާސިފެވެ.

"ނާސިފް.....މިހާރު ނާސިފްމެންގެ ސައިޓަށް ހަމަ އެއްގޮތަކަށް ވެސް ނުވަދެވޭތަ؟" ޔޫނުސް ހިތް އަވަސްވެފައިހުރި ވަރުން ސީދާ މަޢުޟޫއަށް ދިޔައެވެ.

"އާނ ޔޫނުސް." ނާސިފް ޔޫނުސް ވާހަކަ ދެއްކި ގޮތުން ހިސާބަކަށް ޙައިރާންވެހުރެ ބުނެލިއެވެ.

"އެހެންވިއްޔާ ހިނގާ ދެމީހުންވެގެން އަލުން ސައިޓެއް އުފައްދަން." ޔޫނުސް ބުނެލިއެވެ. އެ ވާހަކަ އިވިފައި ނާސިފް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

"ޔޫނުސް.......އަހަންނަށް ހީވަނީ މިހާ ހިސާބުން އަހަރުމެން ދެން މިކަން ހުއްޓާލަންވީހެން. އިން ފެކްޓް އަހަރެން މި އުޅެނީ ހުއްޓާލަން. އަހަރެން ހުރިހާ ނޫސްވެރިންނަށް ވެސް އަންގައިފިން ދެން އަނބުރާ އައުމުގެ އެއްވެސް ބޭނުމެއްނެތޭ." ނާސިފްގެ ވާހަކަ ނިމުނުތަނާ ޔޫނުސް ވާހަކަ ދެއްކިއެވެ.

"ވަޓް؟! ނާސިފް ކީއްވެ އެހެން ހެދީ؟ އެ ނުލަފާ މީހުންގެ ކުރިމަތީގަ ނާސިފް ބަލި ޤަބޫލުކުރީތަ؟" ޔޫނުސް ހަރުކަށި ގޮތަކަށް އަހާލިއެވެ.

"ޔޫނުސް އަހަރުމެން ކިތަންމެ ނުރުހުނަސް ގިނައިން ފައިސާ ހުރި ބަޔަކު އެ މީހުންގެ ދަށުގައި ތިބި މީހުންގެ މައްޗަށް އަތްގަދަ ކުރާނެ. ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތް ކުރެވިއްޖެ އެމީހުންގެ ކުރިމަތީގަ ކޮޅަށް ހުރެވޭތޯ. އެކަމަކު ދެނެއް ނުހުރެވޭނެ. މިއަދު އެނގިއްޖެ އެމީހުންނަށް ކުރެވިދާނެ ކަންތައް." ނާސިފް އެހެން ބުނެލީ އައި.ސީ.ޔޫގެ ކުޑަ ދޮރުން އޭނަގެ ބައްޕައާއި ދިމާލަށް ދެރަގޮތަކަށް ބަލަން ހުރެއެވެ.

"އެކަމަކު ނާސިފް....." މިފަހަރު ޔޫނުސްގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

"ޔޫނުސް އަހަރެން މިއުޅެނީ ބައްޕައާއެކީ މާދަމާ އިންޑިޔާއަށް ފުރަން. އެ މީހުން އެ އިންތިޒާރުކުރާ އިންތިޚާބެއް ނުނިމެނީސް އަހަރުމެން މިކޮޅަށް ދެން ނާންނާނަން." ނާސިފް ބުނެލިއެވެ.

"އެކަމަކު ނާސިފް އެމީހުން......" ޔޫނުސްގެ ވާހަކަ މިފަހަރުވެސް މެދުކެނޑުނެވެ.

"ބައްޕަ އަދިވެސް ހޭނާރާ ޔޫނުސް!" ނާސިފް އިހުނަށްވުރެ ހަރުއަޑަކުން އެ ވާހަކަ އެންގިއިރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ނާސިފްގެ އަޑުގައި ތުރުތުރެއްވިކަން ފާހަގަވުމުން ޔޫނުސްގެ އަނގަ ބަންދުވިއެވެ. ނާސިފް ދެން މިވާހަކަ ދައްކަން ބޭނުމެއްނުވާކަން ޔޫނުސްއަށް ސާފުކޮށް އެނގުންވިއެވެ. ޔޫނުސްއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ނާސިފް ފޯނު ކަނޑާލުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. ކަންފަތުން ފޯނު ނަގާލިއިރު އެ މޫނުމަތީގައިވީ ނާއުއްމީދުގެ އަސަރުތަކެކެވެ. އޭނަގެ ހިތަށް ވެރިވެގެން ދިޔައީ މީގެ އިރުކޮޅެއް ކުރިން ނަޞްރާ ކޮށްލި ސުވާލެވެ. އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އެންމެ ކުރިން ވެސް ނިންމައިގެން ހުރީ އަމީންމެނާއި ބަދަލު ހިފުމުގެ ގޮތުން ނާސިފްމެނަށް އެހީވުމަށެވެ. ކަންތައް މިހެން ވެދާނެއެކޭ އޭނަ ހިއެއްނުކުރެއެވެ. ޔޫނުސް ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ފަސްއެނބުރި ބަލާލި ވަގުތު ފުރަގަހުގައި ދެއަތް އުރައިގެން ނަޞްރާ ހުރިތަން ފެނިފައި އޭނަ ކުޑަކޮށް ސިހުންވިއެވެ.

"ނާސިފް ބުނީ ކީކޭ؟" ނަޞްރާ ސުވާލު ކުރިއެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ އިސްޖަހާލަމުން މޫނު އަނބުރާލިއެވެ. އެއަށްފަހު ސިޓިންގް ރޫމުގައި ހުރި ދިގު ސޯފާގައި ގޮސް އިށީނެވެ. ނަޞްރާވެސް އިތުރު އެއްޗެކޭ ނުބުނެ ލަސް ހިނގުމެއްގައި ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. ހިމޭންކަމުގެ ވަގުތުކޮޅެއް ވަންދެން ދެމީހުން ތިބި ގޮތަށް ތިއްބެވެ. ޔޫނުސް ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސައިގެން އިނީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. ނަޞްރާ އިންތިޒާރު ކުރަމުން ދިޔައީ އޭނަ ވާހަކަ ދައްކާނެ އިރަކަށެވެ. މިނެޓްތަކެއް ހިނގިފަހުން ނަޞްރާގެ އެ އިންތިޒާރު ނިމުމަކަށް އައެވެ.

"ނާސިފް ބުނީ ތިމަންނަމެން ނޫސް ހުއްޓާލަނީއޭ." ޔޫނުސް އިންގޮތަށް އިނދެ މަޑުމައިތިރި އަޑަކުން ބުނެލިއެވެ.

"ޔޫނުސް އުޅުނީ އެމީހުންނާ އެހީވާންދޯ؟" ނަޞްރާ އޭނައަށް ހީވިގޮތް އަހާލިއެވެ. ޔޫނުސް ދެންވެސް ދެލޯ މަރައިގެން އިނދެ މަޑުމަޑުން ބޯޖަހާލިއެވެ.

"ދެން ވާނީވެސް އެހެންތާ.....ސައިޓްވެސް ގެއްލުވާލީމަ ނޫސް އަނބުރާ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ." ނަޞްރާ ބުނެލިއެވެ

"އެކަމަކު ނޫސް ނެތިއްޔާ އަމީންމެނަށް ފަސޭހައިން އެމީހުންގެ ކުށްތަކުން ރެކެވޭނެ. އަހަރެން ބޭނުމެއްނޫން އެހެންވާތަން ދެކޭކަށް. އަހަރެން ބޭނުން ކޮންމެވެސް އެއްގޮތަކަށް އެމީހުން ހުއްޓުވަން. އެމީހުން އިންތިޚާބު ކާމިޔާބުކޮށްފިއްޔާ ވާނެގޮތާމެދު ނަޞްރާ ވިސްނާލަބަލަ." ޔޫނުސް ނަޞްރާއަށް ބަލާލަމުން ކޮންޓްރޯލް ކުރެވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. ނަޞްރާ ތިރި ބަލާލަމުން ބޯޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަން ވެރިވިއެވެ

"އެހެންވިއްޔާ ޔޫނުސް ނޫހެއް ނެރެންވީއެއްނު؟" އިރުކޮޅެއްގެ ވިސްނުމަށްފަހު ނަޞްރާ ބުނެލިއެވެ.

"ނޫހެކޭ؟ އަހަރެން އަމިއްލައަށް؟" ޔޫނުސް އޭނަގެ މޭގައި އެއްއަތް ޖައްސާލަމުން ބުނެލިއެވެ. ނަޞްރާ ހޫންލައްވާލިއެވެ.

"އަހަންނަށް ވެވުނު ވަރަކުން އެހީވެދޭނަން. ގޭގެއަށް ބަހާ ނޫހަކަށް ނުވިޔަސް އޮންލައިން ނޫހެއް އުފެއްދިދާނެއެއްނު؟ އެޗް.އެން ނިއުސް ގޮތަށް؟" ނަޞްރާ ޚިޔާލެއްދިނެވެ. ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

"އޮންލައިން ނޫހެއް އުފެއްދުމަކީ ހަމައެކަނި ސައިޓެއް ހަދާލުމެއް ނޫނޭ ނަޞްރާ. އަހަންނަށް އެކަނި ކިހިނެއް ހުރިހާ ޚަބަރެއް އެއްކުރެވޭނީ؟" ޔޫނުސް ބުނެލިއެވެ.

"އެކަނި ހަދާށެކޭ އަހަރެން ނުބުނަމޭ." ނަޞްރާ ބުންޏެވެ

"ދެން؟ ކޮން ތަނަކުން އަހަރެން އެހާ ގިނަ ނޫސްވެރިން ހޯދަނީ؟" ޔޫނުސް ލުއި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. ނަޞްރާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންގޮތުން އޭނަ އިނީ ފުން ވިސްނުމެއްގައިކަން އެނގެއެވެ.

"ޔޫނުސްގެ ލައިކް ޕޭޖެއް އޮވޭތަ؟" ނަޞްރާ ކުއްލިއަކަށް ޔޫނުސްއަށް ބަލާލަމުން ސުވާލުކުރިއެވެ.

"އާނ ކިހިނެއްވީ؟" ޔޫނުސް ޙައިރާންވެހުރެ އަހާލިއެވެ.

"ބައިވަރު ލައިކްސް ލިބިފަ ހުރޭތަ؟ ޕޭޖްގަ އުޅޭ މީހުން ޕޯސްޓްތަކަށް ކޮމެންޓްކޮށް ހަދާތަ؟" ނަޞްރާ އެހިއެވެ.

"ގާތްގަނޑަކަށް އެއްހާހާ ގާތްވާނެ ލައިކްސްތައް. އާނ ކޮމެންޓްތައް ލިބޭ. އެކަމަކު އާއްމުކޮށް ކޮމެންޓް ކުރާ މީހުން އަބަދުވެސް ފެންނާނީ." ޔޫނުސް ޖަވާބުދިނެވެ.

"ގްރޭޓް! ޔޫނުސް، ވެދާނެ އަހަރެން މިދެނީ މޮޔަ ޚިޔާލަކަށް ކަމަށްވެސް އެކަމަކު ހީވޭ މީތި ކާމިޔާބުވާނެހެން. ޔޫނުސް ހަދަން ވީ ގޮތަކީ ޔޫނުސްގެ އެކިއެކި ސަޕޯޓަރުންނަށް ވަކިވަކިން މެސެޖުތަކެއް ފޮނުވަންވީ. ކޮންމެ މީހަކު ކައިރިން ފުރަތަމަ ސުވާލު ކުރާނީ އެމީހަކު ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުރިތޯ. ހުރިއްޔާ އެ މީހަކަށް ކިޔައިދޭނީ ޔޫނުސް އުޅެނީ ކީއްކުރަންކަން. ބުނާނީ ތިމަންނަ މިއުޅެނީ ނޫހެއް ފަށަންވެގެންނޭ. އެ ނޫހަށްޓަކައި ނޫސްވެރިން ހޯދަންވެގެންނޭ މިއުޅެނީ. ދެން އިތުރަށް ޝައުޤުވެރިކަން ހުރިއްޔާ އެމީހެއްގެ ލިޔުމެއް ހޯދާފަ ޔޫނުސް ހިތްހަމަޖެހޭތޯ ބަލާނީ." ނަޞްރާ ނުހަނު ފޯރިއާއެކީ ކިޔައިދިނެވެ. ޔޫނުސްއަށް ވަގުތުން ހެވެން ފެށިއެވެ.

"ހެހެހެހެ......ހާދަ އެހެން ކަހަލަ ޕްލޭންއެކޭ. ތިކަންކޮށް ނިމޭއިރު އަހަރެންގެ ސަޕޯޓަރުން އަހަރެންގެ ދުޝްމިނުންނަށް ބަދަލުވެދާނެހެން ހީވަނީ. އެހާވަރަށް ނުވެސް އެނގޭ މީހުންނަށް އުނދަގޫ ކުރާކަށް ނުވާނެއެއްނު؟" ޔޫނުސް ހެވިފައި އިނދެ ބުނެލިއެވެ.

"ބައެއް މީހުންނަށް އެއީ އުނދަގުލަކަށްވެދާނެ. އެކަމަކު ހަމައެކަނި ތެދު ޚަބަރު ޗާޕުވާ ނޫހަކަށް އެދިއެދި ތިބި މީހުން މަދުވާނެއެކޭ އަހަރެން ނުބުނާނަން." ނަޞްރާ ސާބިތުކަމާއެކީ ބުނެލިއެވެ. އެ ވާހަކަ އިވުމުން ޔޫނުސްގެ ހިނިތުންވުން ފަނޑުވެ އެ މޫނުމައްޗަށް ވެސް ސާބިތުކަން ވެރިވިއެވެ. އޭނަ ތުން ފިއްތާލަމުން ބޯޖަހާލިއެވެ.

ޔޫނުސް ހަމަ އެ ދުވަހުގެ ރޭ ނަޞްރާ ބުނި ގޮތަށް ކަންތައް ކުރަން ފެށިއެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް އޭނަ މެސެޖެއް ފޮނުވުމުން ގިނަ މީހުންވީ އުފަލެވެ. އޭނަ ހީކުރި ވަރަށްވުރެ ބޮޑަށް އޭނަ މަޝްހޫރެވެ. ތަފާތު މިޒާޖުގެ މީހުންނާއި ވާހަކަ ދެއްކުންވެގެން ދިޔައީ ޔޫނުސް ޝައުޤުވެރިވާފަދަ ކަމަކަށެވެ. އޭނައަށް މައްސަލައަކަށްވީ އެކި މީހުން އޭނަ އެޗް.އެން ނިއުސްއިން ވަކިވި ސަބަބާއިމެދު ސުވާލުކުރާތީވެއެވެ. ނަޞްރާގެ އެދުމުގެ މަތިން ޔޫނުސް ވީހާވެސް ވަރަކަށް އެ ނޫހާއި ނޫހުގެ ވެރިންނާއިމެދު ވެސް އެއްވެސް ނުބައި ވާހަކައެއް ދެއްކުމެއްނެތި ކުރިއަށް ދެވޭތޯ ބެލިއެވެ. ޔޫނުސް އެރޭ ލެޕްޓޮޕް ލައްޕާލިއިރު ވެސް އޭނައަށް ނޫސްވެރިޔަކު ލިބިއްޖެއެވެ. ނަޞްރާގާތު އެ ވާހަކަ ބުނިއިރު ޔޫނުސްއަށް ހުރެވުނީ ހެވިފައެވެ. ނަޞްރާ ބޯ ކަހާލަމުން ތިމަންނަގެ މޮޔަ ޚިޔާލު ދެން ރަނގަޅުދޯއޭ ބުނެލި ގޮތުން ޔޫނުސްގެ ހިތް ލޯބިން ފުރިގެންއައެވެ. އޭނައަށް ނަޞްރާގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ނަޞްރާ އޭނަގެ ޙަޔާތުގައި ވި ކަމަށްޓަކައި އޭނައަށް އެރޭ ހާސްފަހަރު ޝުކުރުކުރެވުނެވެ. ނަޞްރާއަށް ނުވިނަމަ އޭނަ މިރޭ ވީހީ ކިހާ ބޮޑު ފިކުރެއްގައި ކަމެއްވެސް ޔޫނުސްއަކަށް ނޭނގެއެވެ. އޭނައަކީ ނޫސްވެރިކަން ފިޔަވައި އެހެން ދާއިރާއަކުން މާ ބޮޑަށް ކުރިއަށް ދެވޭނެ ވަރަކަށް ކިޔަވައިގެން ހުރި މީހެއްވެސް ނޫނެވެ. ނަމަވެސް މިރޭ ނަޞްރާ މި ދިން ޚިޔާލުން އޭނަ މުޅި ޤައުމުން ވެސް ހޮވާލެވޭނެ ފަދަ ޝަޚުޞިއްޔަކަށްވުމުގެ ފުރުޞަތު އެބައޮތްހެން ޔޫނުސްއަށް ހީވިއެވެ. ނަޞްރާ ބުނިހެން އޭނައަކީ ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރާ މީހަކަށްވާން ޔޫނުސް ބޭނުންވިއެވެ.

ރަނގަޅު ބަދަލެއް ގެނައުމުގެ ޝުޢޫރު އުފެދުނީ ހަމައެކަނި ޔޫނުސްގެ ހިތުގައެއްނޫނެވެ. އަފްރީންގެ ހިތުގައި އެފަދަ ޝުޢޫރެއް އުފެދިގެން ދިޔައީ އޭނަގެ ވަށައިގެންވި މީހުން ޤުރުއާނަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން އޭނައަށް އިޙްޞާޞް ކުރެވުމުންނެވެ. އެއްދުވަހު އެސަމްބްލީގައި އަފްރީން ވަރަށް ފަހަކަށް އޭގެ މާނަ ރަނގަޅަށް ދެނެގަތް އާޔަތްތަކެއް ކިޔެވިގެން ދިޔައެވެ. އެ އާޔަތްތައް އަޑުއިވެން ފެށުމުން ވެސް އަފްރީންއަށް ހިނިތުންވެލެވުނެވެ. އޭނަ ދެލޯ މަރައިގެން އަޑުއަހައިގެން ހުއްޓާ އެންމެ ފަހު އާޔަތް ކިޔެވިގެން ދިޔަ ވަގުތު ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އަފްރީންގެ ލޯ ތެމުނެވެ. އޭނަ ދެލޯ ހުޅުވާލިއިރު އޭނަގެ ކުރިމަތީގައި ހުރި ކުއްޖާ އާ ފުރާލިތަން ފެނިފައި އަފްރީން ޙައިރާންވިއެވެ. ކަނާތް ފަރާތަށް ބަލާލިއިރު އެހެން ކުއްޖަކު ހުރީ ނިޔަފަތި ބަލާށެވެ. އަފްރީން އެކި މީހުންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގާލިއިރު އެންމެންގެ މޫނުތަކުން ވެސް ފެނުނީ ފޫހިކަމެވެ. އެހާ އަސަރުގަދަ އާޔަތްތައް ކިޔެވިގެން ދިޔުމުން ވެސް އެމީހުންގެ ހިތަށް އަސަރުނުކުރި ގޮތުން އަފްރީން އަޖާއިބުވިއެވެ. އެއީ އެމީހުންނަށް މާނަ ނޭނގޭތީވެއޭ ފުރަތަމަ އަފްރީންގެ ހިތަށްއެރިއެވެ. ނަމަވެސް ދިވެހި ތަރުޖަމާ ކިޔާލުމުން ވެސް އޭނަގެ އެކުވެރިންނަކަށް މާ ބޮޑު ބަދަލެއްނާދެއެވެ. އަފްރީނަށް ވިސްނާލެވުނެވެ. މީގެ ދުވަސްތަކެއް ކުރިން ޚުދު އޭނަގެ މޫނުމަތިން ވެސް މިފަދަ ވަގުތުކޮޅެއްގައި ފެނުނީހީ އެފަދަ ކުލަވަރެކޭ އޭނަގެ ހިތް ބުންޏެވެ. އެއީ އޭރު ޤުރުއާނުގެ އާޔަތްތަކަކީ ކިހާ ފުރިހަމަ އެއްޗެއްކަން އޭނައަށް ނޭނގޭތީވެއެވެ. އޭނަގެ އެކުވެރިން ވެސް ފޫހިވެފައި މިތިބެނީ އެ އެކުވެރިންނަށްވެސް ނޭނގޭތީވެތާއެވެ. އެ އެކުވެރިންނަށް ޤުރުއާނުގެ ފުރިހަމަކަން ދެއްކުމަށް އަފްރީންގެ ހިތުގައި ކުއްލިއަކަށް ޢަޒުމެއް ކަނޑައެޅިގެން ދިޔައެވެ. އޭނަ ހަމަ އެދުވަހު ގެއަށް ގޮސް އެސަމްބްލީގައި ކިޔާނެ ސްޕީޗެއް ލިޔުނެވެ. އެ ސްޕީޗްގައި ވަނީ އެދުވަހު ކިޔެވުނު އާޔަތްތައް ތަފްޞީލުކޮށް ބުނެދީފައެވެ. އަފްރީން އެތައް ދުވަހެއް ވަންދެން އެ ސްޕީޗް ވީހާވެސް ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ކިޔޭތޯ މަސައްކަތް ކުރިއެވެ. އޭނަ ހިތްހަމަޖެހޭ ވަރުވުމުން އެންމެ ފަހަކަށް އޭނަ އެއްދުވަހުގެ ހެނދުނު އެ ސްޕީޗް އެސަމްބްލީގައި ކިޔުނެވެ. އެ ސްޕީޗަށް ލިބުނު ތަޢުރީފުގެ ހޫނުކަމުން އަފްރީންއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. މުޅި އެދުވަހު އޭނަގެ އެކި އެކުވެރިން އެ ސްޕީޗް ރީތި ވާހަކަ ބުނުމުން އަފްރީން އުފާވަމުން ދިޔައީ ވަކި އޭނައަށް ތަޢުރީފެއް ލިބޭތީވެއެއްނޫނެވެ. އޭނަގެ އެކުވެރިން ޤުރުއާނާއި ކައިރިވާކަން އިޙްޞާޞް ކުރެވުމުންނެވެ. އަފްރީންއަށް އިތުރު ސްޕީޗްތައް ލިޔުމުގެ އާ ހިތްވަރެއް ލިބުނެވެ.

އެއްދުވަހު އަފްރީން އެސަމްބްލީގައި ސްޕީޗްދޭ ވާހަކަ އިވިފައި މިޞްބާޙް އެދުވަހު ގަޑިއަށް ސްކޫލަށް އަންނަން ނިންމިއެވެ. އަފްރީންގެ ސްޕީޗްގައި ޤުރުއާނުގެ ކޮންމެވެސް ވާހަކައެއް ދައްކަން ފެށުމުން މިޞްބާޙް ފޫހިވިއެވެ. އޭނައަށް އަފްރީން ދެއްކި ވާހަކައަށް ސަމާލުކަން ދެވެމުން ދިޔައީ ވަކި ވަރަކަށެވެ. މިޞްބާޙަށް އެ ސްޕީޗުން އިވުނުހާ ވެސް ވާހަކައަކީ އަފްރީން ތަކުރާރުކޮށް ބުނާ ވާހަކައެވެ. އެއީ ޤުރުއާނުގެ އާޔަތްތަކުގެ މާނަ ހަމައެކަނި ތަރުޖަމާއަކުން ފުރިހަމައަށް ނޭނގޭނެ ވާހަކައެވެ. ވީ ފޫއްސާއެކީ ހަމަ އަސްލުކޮށްހޭ މިޞްބާޙްގެ ހިތަށްއެރިއެވެ. އެއީ އޭނަ ދުވަހަކުވެސް އަޑުއެހި ވާހަކައެއްނޫނެވެ. ޤުރުއާން އިތުރަށް އުނގެނުމަށްޓަކައި ވަދެވިދާނެ ސައިޓެއްގެ ނަންވެސް އަފްރީން ސްޕީޗްގައި ބުންޏެވެ. އެއާއެކު އަފްރީންގެ ހިތް ދަމައިގަންނާނެ ގޮތުގެ އާ ޚިޔާލެއް މިޞްބާޙަށް ލިބުނެވެ. ސިނާން ބުނި ގޮތުގައި އަފްރީނަށް އެންމެ ބޮޑަށް ކަމުދާނީ އަބަދުވެސް އޭނައަށްވުރެ ބޮޑަށް އެނގޭ ފިރިހެން ކުދިންނެވެ. އޭނައަށް އަފްރީން އުނގެނިފައިވާ ވަރަށްވުރެ އިތުރަށް ޤުރުއާން އުނގެނެވިއްޖެނަމަ އަފްރީނަށް އޭނަ ކަމުދިޔުމުގެ ފުރުޞަތު ބޮޑުވާނެކަމަށް މިޞްބާޙްގެ ހިތް ބުންޏެވެ.

އެދުވަހު ގެއަށް ގޮސް މިޞްބާޙް އަފްރީން ބުނި ސައިޓްގެ ނަން ހަނދާންކޮށް އެ ސައިޓަށްވަނެވެ. ސައިޓްގައި ހުރީ ޢައްމާ ފޮތުގެ އެކި ސޫރަތްތަކުގެ ނަން ދެވިފައިހުރި އޯޑިޔޯ ކްލިޕްތަކެވެ. މިޞްބާޙް ދެ ޚިޔާލެއްގެ މަތީގައި އިނދެ ނާސް ސޫރަތުގެ ނަން ދެވިފައިވި އޯޑިޔޯ ކްލިޕް ޕްލޭ ކޮށްލިއެވެ. އެ ސޫރަތް ކިޔެވެން ފެށުމުން މިޞްބާޙަށް ކުއްލިއަކަށް ލެޕްޓޮޕްގެ އަޑުމަޑު ކޮށްލެވުނީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. ސޫރަތް ނިމުމުގެ ކުރިން މިޞްބާޙް އެ އޯޑިޔޯ ތަންކޮޅެއް ކުރިއަށް ޖައްސާލިއެވެ. މީގައި ހުރީ ސޫރަތުގެ ކޮންމެ ބަހެއް ވަކިވަކިން ތަފްޞީލުކޮށް ބުނެދީފައިކަން މިޞްބާޙަށް އެނގުންވިއެވެ. އެއާއެކު އޭނަ ވީ އަމަށަކު ފޫއްސެއްނޫނެވެ. އޭނައަށް ވަގުތުން އެ ސައިޓް ކްލޯޒްކޮށްލެވުނީ މިއީ ވާނެ ވަރުގެ ކަމެއްނޫނޭ ހިތާއެވެ. ނަމަވެސް އޭނަ ކޮންމެ ގޮތެއް ހަދާފަވެސް އަފްރީން އޭނަގެ މުށުތެރެއަށް ގެންނަން ޖެހޭކަން ހަނދާންވި ވަގުތު މިޞްބާޙް ޔޫޓިއުބުން ޤުރުއާނާއިބެހޭ ވީޑިޔޯއެއް ފެނޭތޯ ބެލިއެވެ. ބަލާނެ މަންޒަރެއް ހުރުމުން އޭނަގެ ސަމާލުކަން އެއަށް ދެވޭނެހެން ހީވީތީވެއެވެ. ޔޫޓިއުބުން ސާޗްކުރަމުން ގޮސް މިޞްބާޙް އެންމެ ފަހަކަށް ލެކްޗަރެއް ހުޅުވާލިއެވެ. އެ ލެކްޗަރުގައި ބުނެދެވެން ފެށީ ނޫރު ސޫރަތުގައި އޮންނަ ނޫރާއިބެހޭ އާޔަތުގެ ވާހަކައެވެ. ނޭނގޭ ސަބަބަކާހުރެ މާ ގިނައިރެއްނުވެ މިޞްބާޙަށް ލެކްޗަރުގެ ތެރެއަށް ވަދެވުނެވެ. އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއްގެ މަތިން ހަނދާން ނެތުނެވެ. ލެކްޗަރުގެ ވަކި ހިސާބަކުން އަޖައިބުވިވަރުން މިޞްބާޙަށް ނޭނގި އޭނަގެ އަނގަ ހުޅުވުނެވެ. އޭތި ނިމުނުއިރު މިޞްބާޙަށް ހުރެވުނީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެއްގައެވެ. އޭނަ ދުވަހަކުވެސް މިހާ ފުރިހަމަކަމެއް ނުދެކެއެވެ. އޭނައަށް މީގެ ކުރިން މިކަން ނޭނގުނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނަ ވަގުތުން އެ ލެކްޗަރު ފޭސްބުކްއިން އެކުވެރިންނާއި ޙިއްޞާކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ ކުއްލިއަކަށް މިހާ ޞާލިޙުވީ ކިހިނެއްތޯ އެންމެން ސުވާލު ކުރާނެތީ މިޞްބާޙް ޚިޔާލު ބަދަލުކޮށްލިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ޤުރުއާނަށް ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ.

ނުނިމޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.