މި ސޫރަތް ބާވާލެއްވުނު ސަބަބު:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަލަކު ނިޔާވި ހިނދުގައި މުޝްރިކުންގެ މީހަކު ބުނިއެވެ. "މުޙައްމަދަކީ ދަރިޔަކުވެސް ހުރި މީހެއް ނޫނެވެ." އެހިނދު މާތް ﷲ މިސޫރަތް ބާވާލައްވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށްވާ މާތް ﷲ ގެ ފަޟްލަވަންތަކަން ބަޔާންކޮށްދެއްވިއެވެ. މާތް ﷲ އެކަލޭގެފާނަށް ގިނަގުނަ ނިޢްމަތްތައް ދެއްވާފައިވާކަން އަދި އާޚިރަތުގައިވެސް ދެއްވާނެކަން ބަޔާން ކުރެއްވިއެވެ.
﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ﴾ މި އާޔަތުގައި މުޚާޠަބު ކުރައްވާފައި މިވަނީ އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން ކަލޭގެފާނަށް ދެއްވީމެވެ.”
عَنْ أَنَسٍ قَالَ بَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ بَيْنَ أَظْهُرِنَا إِذْ أَغْفَى إِغْفَاءَةً ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا فَقُلْنَا مَا أَضْحَكَكَ يَا رَسُولَ اللَّهِ قَالَ أُنْزِلَتْ عَلَيَّ آنِفًا سُورَةٌ فَقَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ فَصَلِّ لِرَبِّكَ وَانْحَرْ إِنَّ شَانِئَكَ هُوَ الْأَبْتَرُ ثُمَّ قَالَ أَتَدْرُونَ مَا الْكَوْثَرُ فَقُلْنَا اللَّهُ وَرَسُولُهُ أَعْلَمُ قَالَ فَإِنَّهُ نَهْرٌ وَعَدَنِيهِ رَبِّي عَزَّ وَجَلَّ عَلَيْهِ خَيْرٌ كَثِيرٌ "[1] މާނައަކީ: މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރުމެންނާއި އެކު ހުންނަވަނިކޮށް ކުޑަކޮށް ނިދިޖެހި ވަޑައިގަތެވެ. އެއަށްފަހު ހިނިވަރުނަ ކުރައްވަމުން އެކަލޭގެފާނުގެ ބޯފުޅު އުފުއްލަވާ ލެއްވިއެވެ. ތިމަންމެން ދެންނެވީމެވެ. "ﷲ ގެ ރަސޫލާ އެވެ. ކަލޭގެފާނު ހިނިވަރުނަ ކުރެއްވީ ކީއްވެގެންތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "މީގެ ކުޑައިރުކޮޅެއް ކުރިން ތިމަންކަލޭގެފާނުގެ މައްޗަށް ސޫރަތެއް ބާވާލެވިއްޖެއެވެ. އެއަށްފަހު ސޫރަތުލް ކައުޘަރުގެ އާޔަތްތައް ކިޔަވާ ވިދާޅުވިއެވެ." އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "ކައިޘަރަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟" ތިމަންމެން ދެންނެވީމެވެ. "ﷲ އާއި އެކަލާންގެ ރަސޫލާ މޮޅަށް ދެނެވޮޑިގެންވެއެވެ." ޙަދީޘް ކުރެއްވިއެވެ. "އެއީ ތިމަންކަލޭގެފާނަށް ދެއްވާނެކަމަށް ﷲ ވަޢުދުވެ ވޮޑިގެންފައިވާ ކޯރެކެވެ. އޭގައި އެތަށް ބައިވަރު ހެޔޮކަންތައް ލައްވާފައިވެއެވެ."
ޢަރަބި ބަހުގައި ކައުޘަރުއަކީ ގިނަގުނަވެގެންވާ ހެޔޮކަމެވެ. މިގޮތުން ނަބިއްޔާ صلى الله عليه وسلم އަށް ދުނިޔެއާއި އާޚިރަތުގައި ގިނަގުނަވެގެންވީ ހެޔޮކަން ﷲ ތަޢާލާ މިންވަރު ކުރެއްވިއެވެ. މީގެތެރޭގައި ސުވަރުގޭގައިވާ މާތްވެގެންވާ ފެންއާރު ހިމެނެއެވެ. އެއީ އެތަނަކުން އެކަލޭގެފާނުގެ ޙައުޟަށް [މަޙުޝަރުގެ މައިދާނުގައިވާ ފެންގަނޑަށް] ހުއްޓުމެއްނެތި ފެން އޮހިއޮހި ހުންނަ ތަނެވެ. [1] އެތާނގެ ފެން، ކިރަށްވުރެ ހުދުކަން ގަދަވެގެން ވެއެވެ. އަދި މާމުޔަށްވުރެ މީރުކަން އިތުރުވެގެން ވެއެވެ. "وَأَطْيَبَ رَائِحَةً مِنَ الْمِسْكِ)) “އަދި ގޮމަކަސްތޫރިއަށްވުރެ އޭގެ ވަސް މީރުވެގެން ވެއެވެ.” ޤިޔާމަތް ދުވަހުގައި މިފެންގަނޑު ވާހުށީ މަޙްޝަރުގެ މައިދާނުގައެވެ. ނަބިއްޔާ صلى الله عليه وسلم ގެ އުއްމަތުގެ މުއުމިނުތަކުން އެތަނުން ފެންބޯނެއެވެ. އަދި ގިނަގުނަ ކަމާއި ޗާލުކަމުގައި އެއާރުގެ ކަންވާރުތައް ވާހުށީ އުޑުގެ ތަރިތައް ފަދައިންނެވެ.
މިފެންގަނޑާއި ހަމައަށް ވާޞިލުވެވޭނީ ކޮން ބަޔަކަށް؟
އެކަލޭގެފާނުގެ ޝަރީޢަތަށް ވާޞިލްވެއްޖެ މީހާ (އެބަހީ ތަބާވެއްޖެ މީހާ) އާޚިރަތްދުވަހުގައި އެ ފެންގަނޑަށް ވާޞިލް ވާނެތެވެ. އަދި އެކަލޭގެފާނުގެ ޝަރީޢަތަށް ވާޞިލްނުވި މީހާ އާޚިރަތްދުވަހުގައި އެއިން މަޙްރޫމު ކުރެވޭ ހުއްޓެވެ.
އަދިވެސް ނަބިއްޔާ صلى الله عليه وسلم އަށް ދުނިޔޭގައި ދެއްވިގެންވާ ގިނަގުނަ ހެޔޮކަންތަކުގެ ތެރޭގައި، ޖާބިރު رضي الله عنه ގެ އަރިހުން ދެޞަޙީޙުގައި ޘާބިތުވެފައި ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.."أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدًا مِنَ الأَنْبِيَاءِ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلا مِنْ أُمَّتِي أَدْرَكَتْهُ الصَّلاةُ فَلْيُصَلِّ، وَأُعْطِيتُ الشَّفَاعَةَ، وَأُحِلَّتْ لِيَ الْمَغَانِمُ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً" މާނައީ: ތިމަންކަލޭގެފާނުގެ ކުރިން އެއްވެސް ނަބިއްޔަކަށް ނުދެއްވާ ފަސްކަމެއް ތިމަންކަލޭގެފާނަށް ދެއްވުނެވެ: މަސްދުވަހުގެ ރާސްތާގެ ބިރުގެންނެވުމަކުން ތިމަންކަލޭގެފާނަށް ނަޞްރު ދެއްވުނެވެ. އަދި ޠާހިރު ކޮށްދޭ ތަނެއް ކަމުގައްޔާއި މިސްކިތެއް ކަމުގައި (އެބަހީ އަޅުކަން ކުރެވޭ ތަނެއް ކަމުގައި) ތިމަންކަލޭގެފާނަށްޓަކައި ބިންގަނޑު ލެއްވުނެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ނަމާދު ވަގުތު ދެކިއްޖެ މީހާ ނަމާދު ކުރާހުށިކަމެވެ. އަދި ޝާފާޢަތްތެރިވުން ތިމަންކަލޭގެފާނަށް ދެއްވުނެއެވެ. ޣަނީމާ މުދާ ވެސް ތިމަންކަލޭގެފާނަށްޓަކައި ޙަލާލު ކުރެއްވުނެއެވެ. އަދި ނަބިއްޔުން ފޮނުއްވުނީ އެބޭކަލުންގެ ޤައުމަށް ޚާއްޞަކޮންނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ ޢާންމުކޮށް މުޅި އިންސާނިއްޔަތަށެވެ.”
މިއީ ގިނަގުނަވެގެންވީ ހެޔޮކަމެކެވެ. އެހެނީ ހަމަކަށަވަރުން މުޅި އިންސާނިއްޔަތަށް ޢާންމުކޮށް އެކަލޭގެފާނު ފޮނުއްވުމީ އެންމެ ގިނަ ނަބިއްޔުން އެކަލޭގެފާނަށް ތަބާވެވަޑައިގަތުން ލާޒިމު ކުރާނޭ ކަންތަކެވެ. އަދި އެކަން ވެފައިވީވެސް އެފަދައިންނެވެ. ފަހެ ސަލާމާއި ޞަލަވާތްލެވި އިތުރު އެކަލޭގެފާނު ވެވަޑައިގެންނެވީ އެންމެގިނަ ނަބިއްޔުން ތަބާވެވަޑައިގެންނެވި ކަލޭގެފާނަށެވެ.
ދެންފަހެ ހެޔޮކަމަށް މަގު ދެއްކުމީ އެހެޔޮކަންކުރާ ފަރާތާ އެއްފަދާގައިވާ ކަމެއްކަން އެނގި ބަޔާންވެގެން ވެއެވެ. އަދި މިބޮޑުވެގެންވާ އުއްމަތަށް ލިބުނު، އެހެން އުއްމަތް ތަކަށް ނުލިބޭ ބޮޑު ޝަރަފަކީ މުޙައްމަދު ނަބީކަލޭގެފާނެވެ. މިކަމަށްޓަކައި އެކަލޭގެފާނުގެ އުއްމަތުގެ ކޮންމެ ފަރުދެއްގެ އަޖުރުން ބައެއް [އެބައިމީހުންނަ އުނިވުމަކާ ނުލައި] އެކަލޭގެފާނަށް ވެއެވެ. ﷲ ތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް އުއްމަތުގެ ޢަދަދު އެނގިގެން ނުވެއެވެ.
އަދި އާޚިރަތް ދުވަހުގައި އެކަލޭގެފާނަށް ދެވިފައިވާ ހެޔޮކަންތަކުގެ ތެރޭގައި المَقَامُ المَحْمُوْد (ޙަމްދު ލިބިގެންވާ މަޤާމް) ހިމެނެއެވެ. އަދި އޭގެ ތެރޭގައި ބޮޑުވެގެންވާ ޝަފާޢަތްތެރިވުން ހިމެނެއެވެ. ފަހެ ޤިޔާމަތް ދުވަހުގައި މީސްތަކުން ވާހުށީ އެބައިމީހުންނަށް ތަޙައްމަލު ނުވާފަދަ ދެރައާއި ހިތާމައިގެ ތެރޭގައެވެ. ދެންފަހެ އެބައިމީހުން ޝަފާޢަތްތެރިކަމަށް އެދި ދަންނަވައެވެ. އަދި އާދަމްގެފާނުގެ އަރިހަށް އާދެއެވެ. އެއަށްފަހު ނޫޙުގެފާނުގެ އަރިހަށެވެ. އެއަށްފަހު އިބްރާހީމްގެފާނު ދެން މޫސާގެފާނު ދެންއެއަށްފަހު ޢީސާގެފާނު –عليهم الصلاة والسلام– ގެ އަރިއަހަށެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބީކަލޭގެފާނުގެ އަރިހަށް އަތުވެއްޖައުމަށް ދާންދެނެވެ. ފަހެ އެކަލޭގެފާނު ތެދުވެވަޑައިގެން ޝަފާޢަތްތެރި ވެދެއްވައެވެ. އަދި އެކަލޭގެފާނުގެ ޝަފާޢަތުން، ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ ޙިސާބު ބައްލެވުމުގެ ފައިސަލާ ކުރައްވަތެވެ.
މިއީ އިސްވެދިޔަ މީސްތަކުންނާއި ފަސްވެއައި މީސްތަކުން އެކަމަށްޓަކައި ޙަމްދުކުރި މަޤާމެކެވެ. އަދި ﷲ ތަޢާލާގެ ބަސްފުޅުގައި މިވާހަކަ ވޭމެއެވެ: ﴿عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا﴾ (سورة الإسراء: 79) މާނައީ: “އެކަމުން، ކަލޭގެފާނުގެ ވެރިރައްބު، ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!”
ކޮންމެއަކަސް "ކައުޘަރު" ގެ މުރާދަކީ: ގިނަގުނަވެގެންވާ ހެޔޮކަމެވެ. އޭގެތެރޭގައި ސުވަރުގޭގައިވާ ފެންއާރު ހިމެނެއެވެ. ފަހެ އެއްވެސް ޝައްކެއް ނެތްގޮތުގައި ސުވަރުގޭގައިވާ ފެންއާރަކީ އެއީ ކައުޘަރު އާރެވެ. އަދި މި ސޫރަތުގައި ހަމައެކަނި ކައުޘަރުގެ ނަންގަނެވިފައި ވިއެއްކަމަކު، މިއީ ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ صلى الله عليه وسلم އަށް ދެއްވާފައިވާ ހަމައެކަނި ހެޔޮކަންތަކެއް ނޫނެވެ.
ދެންފަހެ އެކަލޭގެފާނަށް ދެއްވާފައިވާ ގިނަގުނަވެގެންވީ ހެޔޮކަންތަކުގެ ވާހަކަ ޛިކުރު ކުރެއްވުމާއެކު ވަޙީ ކުރައްވާފައި މިވަނީ: ﴿فَصَلِّ لِرَبِّكَ وَانْحَرْ﴾ “ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!” މިމަތިވެރިވެގެންވީ ނިޢުމަތްތަކަށް އެކަލާނގެއަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. ނަމާދުކޮށް އަދި ﷲ އަށްޓަކައި ޤުރުބާން ކުރުމުންނެވެ. މިތާނގައި ނަމާދުގެ މުރާދަކީ އެންމެހާ ނަމާދު ތަކެވެ.
ޤުރުބާން ކުރުމާ ގުޅިފައިވާ އެންމެ ފުރަތަމަ ނަމާދަކީ ޢީދު ނަމާދެވެ. ނަމަވެސް މިއާޔަތްވަނީ ޢާންމުކޮށް ޝާމިލުވެގެންނެވެ. ﴿فَصَلِّ لِرَبِّكَ﴾ މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ!” ފަރުޟު ނަމާދު ތަކާއި ސުންނަތް ނަމާދުތައް ވެސް މެއެވެ. ޢީދުގެ ނަމާދު ތަކާއި ހުކުރު ނަމާދު އަދި ﴿وَانْحَرْ﴾ އެބަހީ: ނަޙްރު ކުރުމުން އެކަލާނގެއާ ކުއްތަންވުން ޙާޞިލްކުރާށެވެ.
ދެންފަހެ ނަޙުރު[1] ކުރުން ޚާއްޞަ ވެގެންވަނީ ޖަމަލަށެވެ. އަދި ޛަބަޙަ[2] ކުރުން ވަނީ ގެރި އަށާއި ބަކަރިއަށެވެ. ނަމަވެސް މިތާ ޛިކުރު ކުރެވިފައި ވަނީ ނަޙްރު ކުރުމެވެ. އެހެނީ އެހެން ބާވަތަކަށްވުރެ ޖަމަލުގެ ފައިދާ މިސްކީނުންނަށް މާބޮޑުވެގެން ވެއެވެ. މިހެންކަމުން ޙައްޖަތުލް ވަދާޢުގައި ހަދުޔުގެ ގޮތުގައި ސަތޭކަ ޖަމަލު، ނަބިއްޔާ صلى الله عليه وسلّم ޤުރުބާން ކުރެއްވިއެވެ. އަދި އޭގެ ތެރެއިން ފަސްދޮޅަސް ތިން އެތި އެކަލޭގެފާނުގެ އަތްޕުޅުން ނަޙްރު ކުރެއްވިއެވެ. އަދި ބާކީބައި ޢަލީ ބިން އަބީޠާލިބް رضي الله عنه އާ ހަވާލު ކުރެއްވުމުން އެކަލޭގެފާނު އެތަކެތި ނަޙްރު ކުރެއްވިއެވެ.
އަދި އެއިން ކޮންމެ ޖަމަލެއްގެ ކުޑަ އެތިކޮޅެއް ފިޔަވައި ހުރިހާ ބައެއް ޞަދަޤާތް ކުރެއްވިއެވެ. އަދި އެބައި ނަންގަވައި ތެއްޔަކަށް އަޅައި ކެއްކުމުން އެކަލޭގެފާނު އެއިން ފަރީއްކުޅުވިއެވެ. އަދި އޭގެ ގަރުދިޔަގަނޑުން ބުއިން ހިއްޕެވިއެވެ. އަދި އެތަކެތީގެ މީރު ބައިތަކާއި ހަމަށް ދާންދެން ޞަދަޤާތް ކުރެއްވުމަށް އެކަލޭގެފާނު صلى الله عليه وسلّم އަމުރު ކުރެއްވިއެވެ.
ދެންފަހެ އާޔަތުގައި އައިސްފައިވާ އަމުރަކީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އުއްމަތަށް ކުރެވިފައިވާ އަމުރެކެވެ. ފަހެ އަހުރެމެންނަށް ވަނީ ﷲ އަށްޓަކައި އިޚްލާޞްތެރި ކަމާއެކު ނަމާދު ކުރުމެވެ. އަދި އަހުރެމެންގެ ނަބިއްޔާ صلى الله عليه وسلّم އަށް އަމުރު ކުރެއްވިފައިވާ ފަދައިން، ޤުރުބާން ކުރުމުގައިވެސް އެކަލާނގެއަށް އިޚްލާޞްތެރި ވުމެވެ.
އުޟްޙިޔާ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެއެވެ.
ގުރްއާނުގެ ދަލީލުތައް:
- ސޫރަތުލް ކައުޘަރުގެ 2 ވަނަ އާޔަތް: (فَصَلِّ لِرَبِّكَ وَانْحَرْ) މާނައަކީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!"
- ސޫރަތުލް އަންޢާމްގެ 162 ވަނަ އާޔަތް: (قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ." މިއާޔަތުގައި މިވާ "ނުސުކު" ގެ މުރާދަކީ ކަތިލުމެވެ.
- ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތް: (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!".
ސުންނަތުގެ ދަލީލުތައް:
- وعن عبد الله بن عمر رضي الله عنهما قال : « أقام النبي صلى الله عليه وسلّم بالمدينة عشر سنين يضحي » رواه أحمد (4935) والترمذي (1507) ، وحسنه الألباني في مشكاة المصابيح ( 1475 ) މާނައަކީ: މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނެވި ދިހައަހަރުވެސް ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލައްވައެވެ".
- عن البراء بن عازب رضي الله عنه أن النبي صلى الله عليه وسلّم قال: «من ذبح بعد الصلاة فقد تم نسكه وأصاب سنة المسلمين » . رواه البخاري(5545 މާތްﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ނަމާދު ފަހުން ކަތިލައިފިމީހާ އެމީހެއްގެ ނުސުކް ނުވަތަ ކަތިލުން ފުރިހަމަކޮށްފިއެވެ. އަދި މުސްލިމުންގެ ސުންނަތާ އެއްގޮތަށް ކަންތައްކޮށްފިއެވެ".
އުޟްޙިޔާ ކަތިލުމުގެ ވަގުތު:
އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށެނީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކުގައެވެ. އަދި އުޟްޙިޔާ ކަތިލުމުގެ ވަގުތު ނިމެނީ ޛުލްޙިއްޖާމަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުމާއި އެކުގައެވެ. އެހެންކަމުން އުޟްޙިޔާ ކަތިލުމަށް ޢީދުދުވަހާއި އައްޔާމުއް ތަޝްރީގު ތިންދުވަސް ލިބެއެވެ.
އެންމެ މޮޅުއިތުރު ގޮތަކީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކު ވީހާވެސް އަވަހަކަށް ކަތިލުމެވެ. އަދި ޢީދު ދުވަހުގެ އެންމެ ފުރަތަމަ ކެއުމަކީ އުޟްޙިޔާ އިން ކާކެއުން ކަމުގައި ހެދުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތަކީ މިއީއެވެ.
روى أحمد (22475) عن بُرَيْدَةَ رضي الله عنه قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ ، وَلا يَأْكُلُ يَوْمَ الأَضْحَى حَتَّى يَرْجِعَ ، فَيَأْكُلَ مِنْ أُضْحِيَّتِهِ . ބުރައިދާ ރަޟިޔަﷲ ޢަންހު-ގެ ކިބައިން އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ފިޠުރު ޢީދު ދުވަހު އެއްޗެއް ފަރިއްކުޅުއްވައިގެން މެނުވީ ކީރިތި ރަސޫލާ ޢީދުނަމާދަށް ނިކުމެވަޑައި ނުގަންނަވައެވެ. އަދި އަޟްޙާ ޢީދު ދުވަހު ޢީދުނަމާދުން އަވަދިވެ ވަޑައިގެން އެކަލޭގެފާނުގެ އުޟްޙިޔާ އިން މެނުވީ ފަރީއްނުކުޅުއްވައެވެ".
އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހުންނަން ޖެހޭ ޝަރްޠުތައް:
އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހަޝަރްޠެއް ހަމަވާން ޖެހޭނެއެވެ. އެއީ:
- ނަޢަމް ޞޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރަކަށްވުން، ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُواۗ وَبَشِّرِ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!". ނަޢަމް ޞޫފީގެ ތެރޭގައި ހިމެނެނީ ޖަމަލު، ގެރި އަދި ބަކަރިއެވެ.
2.ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޢުމުރު ހަމަވެފައިވާ ޖަނަވާރަކަށް ވުން، ޖަމަލެއްނަމަ އޭގެ ޢުމުރުން ފަސްއަހަރު ހަމަވެފައިވުން، ގެރިއެއްނަމަ ދެއަހަރު ހަމަވެފައިވުން، އަދި ކަންބަޅިއެއް ނަމަ އަހަރުވެފައިވުން، އަދި ޖިޒަޢެއް ނަމަ ބައި އަހަރު ހަމަވެފައިވުން،
- ޢައިބުތަކުން ސަލާމަތްވެގެންވާ އެއްޗަކަށްވުން، މިގޮތުން އަންނަނިވި ޢައިބުތަކުން ސަލާމަތްވެފައިވާ އެއްޗަކަށްވާން ޖެހޭނެއެވެ.
ފުރަތަމަ: ފާޅުކޮށް އެނގޭވަރަށް އަވަރުވެފައިވާ އެއްޗަކަށް ނުވުން،
ދެވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރުގެ ބައްޔެއް ހުރި އެއްޗަކަށް ނުވުން.
ތިންވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރަށް ކޮރުއެއްޗަކަށް ނުވުން.
ހަތަރުވަނަ: ބުއްދި ފިލައިގޮސްފައިވާ އެއްޗަކަށް ނުވުން.
ފަސްވަނަ: ލޯކަނު އެއްޗަކަށް ނުވުން،
ހަވަނަ: އަލްމަބްޝޫމާ
ހަތްވަނަ: ވިހަން ދަތިވެފައިވާ އެއްޗަކަށް ނުވުން،
އަށްވަނަ: ތަނަކުން ވެއްޓި މަރަށް ތައްޔާރުވެފައިވާ އެއްޗަކަށް ނުވުން.
ނުވަވަނަ: ދެއަތުންކުރެ އަތެއް ނުވަތަ ދެފައިން ކުރެ ފަޔެއް ބުރިވެފައިވާ އެއްޗަކަށް ނުވުން.
ދިހަވަނަ: ޢުމުރުން ދުވަސްވުމުގެ ސަބަބުން ހިނގައިގަތުމަށް އުނދަގޫވެފައިވާ އެއްޗަކަށް ނުވުން.
- ކަތިލެވޭ އެއްޗަކީ އުޟްޙިޔާ ކަތިލާ މީހާގެ މިލްކަކަށްވުން. ނޫންނަމަ ވެރިމީހާގެ އިޛްނަ ލިބިގެން ކަތިލެވޭ އެއްޗަކަށްވުން،
- އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެތީގައި އެހެންމީހެއްގެ ޙައްގެއް އެކުލެވިފައިނުވުން، މީހަކު ރަހުނެއްގެ ގޮތުގައި ޙަވާލުކޮށްފައިވާ ނަޢަމް ސޫތްޕަކުން އުޟްޙިޔާ އެއް ކަތިނުލެވޭނެއެވެ.
- ޝަރީޢަތުގައި ކަނޑައެޅިފައިވާ ވަގުތުގައި ކަތިލުން. والله أعلم.
އެއަށްފަހު ވަޙީ ކުރައްވާފައި ވަނީ: ﴿إِنَّ شَانِئَكَ هُوَ الْأَبْتَرُ﴾ “ހަމަކަށަވަރުން، ކަލޭގެފާނުދެކެ ރުޅިއަންނަ މީހާއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.” މިއީ އެކަލޭގެފާނަށް ކައުޘަރުދެއްވުމާއެކު، އެކަލޭގެފާނުދެކެ ރުޅި އަންނަމީހާއަށް އޮތް ގޮތެވެ. ﴿شَانِئَكَ﴾ އެބަހީ ކަލޭގެފާނުދެކެ ރުޅިއަންނަ މީހާއެވެ. ‘الشَّنَئَان‘ އެއީ ނުރުހުންތެރި ކަމެވެ. މިގޮތަށް މާތް ﷲ ގެ ވަޙީބަސްފުޅުގައި ވެއެވެ: ﴿وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَن تَعْتَدُوا﴾ (سورة المائدة: 2) މާނައީ: “އަދި ތިޔަބައިމީހުން ޙުރުމަތްތެރިވެގެންވާ މިސްކިތަށް (އެބަހީ: ކަޢުބަތުﷲ ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ!” އެބަހީ އެބައިމީހުންގެ ރުޅިވެރިކަމަކީ ތިޔަބައިމީހުން ހައްދު ފަހަނައަޅަންވީ ކަމެއް ކަމުގައި ނަހަދާށެވެ. ﴿وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا﴾ (سورة المائدة: 8) މާނައީ: “އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ!” އެބަހީ: އެބައިމީހުންގެ ކިބައިގައިވާ ރުޅިވެރިކަމަކީ ތިޔަބައިމީހުން ޢަދުލުވެރިކަން ދޫކޮށްލަންވީ ސަބަބެއް ކަމުގައި ނަހަދާށެވެ. ﴿اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ﴾ (سورة المائدة: 2) “ތިޔަބައިމީހުން ޢަދުލުވެރި ވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ.”
ﷲ ގެ ބަސްފުޅު ﴿إِنَّ شَانِئَكَ﴾ ގައިވާ شَانِئَك: އެބަހީ ކަލޭގެފާނުދެކެ ރުޅިއައުމެވެ. ﴿هُوَ الْأَبْتَرُ﴾ “އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.” الْأَبْتَر: މިއީ (بَتَرَ) ގެ اسْمُ تَفْضِيْل (‘އެންމެ’ ގެ މާނާގައި ބޭނުން ކުރެވޭ ގޮތް) އެވެ. މާނައީ ކެނޑިގެން ވުމެވެ. އެބަހީ އޭނާއަކީ އެންމެ ބޮޑަށް ކެނޑިގެންވާ މީހާއެވެ. އެންމެހާ ހެޔޮކަމުން ކެނޑިގެންވާ މީހާއެވެ. މިފަދައިން ޤުރައިޝް ވަންހައިގެ ކާފަރުން ވެސް ބުނެއުޅުނެވެ. ((مُحَمَّدٌ أَبْتَرٌ، لاَ يُوْلَد لَه، وَلَوْ وُلِدَ لَه فَهُوَ مَقْطُوْعُ النَّسْل)) މާނައީ: “އެންމެބޮޑަށް ކެނޑިގެންވަނީ މުޙައްމަދެވެ. އޭނާއަށް ދަރިއަކުވެސް ނުލިބެއެވެ. އަދި ދަރިއަކު ލިބިއްޖެނަމަ އެކުއްޖާ ވާނީ ނަސްލު ކެނޑިގެންވާ ދަރިއަކަށެވެ.” ފަހެ ﷲ ސުބުޙާނަޙޫ ވަތަޢާލާ ބަޔާންކޮށްދެއްވާފައި މިވަނީ އެންމެ ބޮޑަށް ކެނޑިގެންވާ މީހަކީ ރަސޫލާ صلى الله عليه وسلّم ދެކެ ރުޅިއަންނަ މީހާއެވެ. ފަހެ އޭނާއީ ހުރިހާ ހެޔޮކަމަކުން އެންމެ ބޮޑަށް ކެނޑިގެންވާ ފަރާތެވެ. އޭނާގެ ކަންކަމުގައި އެއްވެސް ބަރަކާތެއް ނުވެއެވެ. އޭނާގެ ދިރިއުޅުން ވާހުށީ އެކުރެވުނު ކަމުގެ ހިތާމައިގެ މަތީގައެވެ.
މިއީ އޭނާ ރުޅިއަންނަ ފަރާތަކީނަމަ އެކަލޭގެފާނުގެ ޝަރުޢާ މެދުވެސް އޭނާ ނުރުހުންތެރި ވާނެއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلّم ގެ ޝަރީޢަތަށް ނުރުހުންތެރިވެއްޖެ މީހާ ނުވަތަ އިސްލާމްދީނުގެ ޝިޢާރުތަކުންކުރެ ޝިޢާރަކާމެދު ނުވަތަ ބޯލަނބައި ކިޔަމަންގަތުމުގެ ގޮތުން މީސްތަކުން ކުރަމުންދާ އަޅުކަމަކާމެދު ނުރުހުންތެރިވެއްޖެ މީހާއީ ހަމަކަށަވަރުންވެސް ކާފިރެކެވެ. ދީނުން ބޭރުވެފައިވާ މީހެކެވެ. މާތް ﷲގެ ބަސްފުޅުގައިވާ ގޮތުގެ މަތީންނެވެ: ﴿ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّـهُ فَأَحْبَطَ أَعْمَالَهُمْ﴾ (سورة محمد: 9) މާނައީ: “އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރެއްވިއެވެ.”
ކާފިރުކަމުން މެނުވީ ޢަމަލުތައް ބާޠިލުނުވާ ހުށްޓެވެ. ފަހެ ނަމާދުގެ ވާޖިބުކަމާމެދު ނުރުހުންތެރިވެއްޖެ މީހާ އޭނާ ނަމާދު ކުރި ކަމުގައި ވާނަމަ އަދި ޒަކާތްދޭ މީހާ ޒަކާތުގެ ވާޖިބު ކަމާމެދު ނުރުހުންތެރި ވީނަމަވެސް އެބައިމީހުންނީ ހަމަ ކާފަރުންނެވެ. ދަންނައެވެ! އިންކާރު ކުރުމެއް ނެތި އެއިން ކަމެއް ކުރުމަށް ބުރަހެލިވެއްޖެ މީހާއީ ނިފާޤުކަމުގެ ކަންތަކުން ކުރެ ކަމެއް އޭނާގައި ހުރެއްޖެ މީހެކެވެ. ނަމަވެސް ކާފިރެއް ނޫނެވެ. އޭނާގެ މައްޗަށް ކަމެއް ބުރަވެއްޖެ މީހާއާއި އިންކާރު ކުރި މީހާ ތަފާތުވެގެން ވެއެވެ.
ކޮންމެއަކަސް މިސޫރަތް ގުޅިލާމެހިފައި ވަނީ ﷲ ތަޢާލާ އެކަލާނގެ ރަސޫލާ صلى الله عليه وسلّم އަށް ދެއްވާފައިވާ ގިނަގުނަވެގެންވާ ހެޔޮ ނިޢުމަތްތައް ބަޔާން ކުރެއްވުމުގެ މައްޗަށެވެ. އެއަށްފަހު އަމުރު ކުރައްވާފައި ވަނީ ނަމާދު ކުރުމަގައްޔާއި ޤުރުބާން ކުރުމުގައި އަދި އެނޫންވެސް އަޅުކަންތަކުގައި ﷲ ތަޢާލާއަށް ހިތްނިޔަތް ޚާލިޞް ކުރުމަށެވެ. އޭގެފަހުގައި ބަޔާން ކުރައްވާފައިވަނީ ރަސޫލުﷲ صلى الله عليه وسلّم ދެކެ ރުޅިއަންނަ މީހާއި ނުވަތަ އެކަލޭގެފާނުގެ ޝަރީޢަތުން ކަމަކާ މެދު ނުރުހުންތެރިވެއްޖެ މީހާއީ ފަހެ އޭނާއީ އެއްވެސް ބަރަކާތެއް ނެތް ހެޔޮކަމުން ކެނޑިގެންވާ މީހާ ކަމުގައެވެ.
[1] صحيح مسلم » كتاب الصلاة » باب حجة من قال البسملة آية من أول كل سورة سوى براءة، رقم الحديث 400
ޚިޔާލު