ތ ގުރައިދޫ އެންޑޯމެންޓް މޫވްމެންޓް (ޖެމް) އިން 1439 ވަނަ އަހަރުގެ ރަމަޟާންމަހަށް ޙާއްސަކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ރަމަޟާންމަހުގެ 20 އިން 27 އަށް ޖެމްގެ ފަރާތުންވަނީ 4 މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ޤުރުއާން ކިޔެވުމާއި މަދަހަ ކިޔުމާއި ޚުޠުބާ ކިޔުމުގެ އިތުރުން ބަންގި ގޮވުމުގެ މުބާރާތެވެ.
ރަށުގެ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތްތަކުގައި 235 ވަނަ ބައިވެރިން ވާދަކޮށްފައިވެއެވެ.
މިމަހުގެ 25 ވަނަ ދުވަހު މިމުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި އިނާމް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ތ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ފަޔާޟްއެވެ.
ކޮންމެ މުބާރާތެއްގެ ވެސް ކޮންމެ އުމުރު ފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ، އަދި ކޮންމެ މުބާރާތެއްގެ ވެސް މުޅި މުބާރާތުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވާ ޓްރޮފީ އާއި ހަނދާނީ ލިޔުން ދީފައިވާއިރު ކޮންމެ މުބާރާތެއްގެ ހުރިހާ ގޮތަކުން 1 ވަނަ އަށް އައި ފަރާތް އެންމެ އަލިގަދަ ތަރީގެ ގޮތުގައި ހޮވާ ފައިސާގެ އިނާމާއި ޓްރޮފީ، ހަނދާނީ ލިޔުން ދީފައިވެއެވެ.
އެގޮތުން ޤުރުއާން ކިޔެވުމުގެ ބައިން މުޅި މުބާރާތުގެ އަލިގަދަ ތަރިއަކަށް ހޮވުނީ އާން އަލީޝާ ޝާފިއުއެވެ. ބަންގި ގޮވުމުގެ މުބާރާތުން އަލިގަދަ ތަރިއަކަށް އަބްދުﷲ މައިޝަން ހަސަން ހޮވުނުއިރު ހުޠުބާ ކިއުމުގެ ބައިން އަލިގަދަ ތަރިއަކަށް ހޮވުނީ މުހައްމަދު އަމާން އެވެ. އަދި މަދަހަ ކިޔުމުގެ ބައިން މުޅި މުބާރާތުގެ އަލިގަދަ ތަރިއަކަށް ހޮވުނީ އައިޝަތު އަފުނާންއެވެ. އައިޝަތު އަފުނާނަކީ ވޭތުވެދިޔަ 3 އަހަރު ވެސް މަދަހަ ކިއުމުގެ ބައިން އަލިގަދަ ތަރި ހާޞިލް ކޮށްފައިވާ ފަރާތެވެ.
މިމުބާރާތަށް ބޭންކް އޮފް މޯލްޑިވްސް ގުރައިދޫ ބްރާންޗާއި އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އިސްލާމިކް އެސޯސިއޭޝަން އޮފް ތ ގުރައިދޫގެ އިތުރުން އަމިއްލަ ފަރާތްތަކުން އިނާމް ހުށަހަޅާފައިވާ ކަމަށް ޖެމްއިން މައުލޫމާތު ދެއެވެ.
މިމުބާރާތްތަކާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި ޖެމްގެ ސެކެރެޓަރީ އަސްލަމް އަހްމަދުމަނިކު ވިދާޅުވީ މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އަންނަ އަހަރު މުއައްސަސާތަކަށާއި، އާންމުންނަށް ގްރޫޕް މަދަހަ ކިޔޭ ގޮތަށް މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި މި މުބާރާތްތައް ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ، ފައިސާގެ ދަތިކަން ކަމަށެވެ.
މިފަދަ މުބާރާތްތަކެއް ކުރިއަށް ގެންދިޔުމުގެ މަޤްޞަދަކީ ކުޑަކުދިންނާ ބޮޑެތިމީހުންގެ ހިތްތަކުގައި އިސްލާމީ ބިންގާ ވަރުގަދަކޮށް، ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށް ބާރުއެޅުން ކަމަށް ޖެމްއިން މައުލޫމާތު ދެއެވެ.
ޖެމްއަކީ 1990 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 28 ވަނަ ދުވަހު އުފެއްދި ޖަމިއްޔާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...