ޢިލްމީ ޚަޒާނާގެ 100 ވަނަ ޕްރޮގްރާމް 11 މާރޗްގައި ދަރުބާރުގޭން ވަގުތުން ގެންނަން ހަމަޖެހިފައިވާ ކަމަށާއި އެޕްރޮގްރާމްއަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ފޯރީގައި ކުރިއަށްދާކަމަށް ޕްރޮގްރާމް އުފެއްދުމުގައި ހަރަކާތްތެރިވާ އިސް ބޭފުޅަކު ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ގެނެސްދޭ “ޢިލްމީ ޚަޒާނާ” ގެ 100 ވަނަ ޕްރޮގްރާމް ވަރަށް ކުލަގަދަކޮށް ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި އަންނަ ހުކުރު ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖެހިފައިވާއިރު އެޕްރޮގްރާމްގައި ވަރަށް ހާއްސަ ކަންތައްތަކެއް ރޭވިފައިވާކަމަށްވެސް ޕްރޮގްރާމްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވަނީ ހާމަކޮށްފައެވެ.
2009 މާރޗް 6 ގައި ފޮނުވަން ފަށާފައިވާ މި ޚާއްސަ ޕްރޮގްރާމަކީ ކޮންމެ ހަފްތާއަކު ގެނެސްދޭޢިލްމީ ދީނީ ވެރައިޓީ ޝޯވް އެކެވެ. މުހިންމު ދީނީ މަޢުޟޫއުތަކަށް އިންސާފުކުރުމުގެ އިތުރުން ޢާއްމުންނަށް ހުޅުވާލައިގެން ލައިވްކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ޢާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި، ޙަޤީޤީ ޢިބްރަތްތެރި ވާހަކައާއި، ރިޕޯޓް އަދި ޚާއްޞަ މެހުމާން ފަދަ ބައިތައް ގެނެސްދެވެއެވެ. “ޢިލްމީ ޚަޒާނާ” ގެ 100 ވަނަ ޝޯވް ވެގެންދާނީ ރާއްޖޭގެ ތާރީޚްގައި ރޭޑިއޯ ޝޯވްއެއް ފުރަތަމަ ފަހަރަށް ސްޓޫޑިއޯއިން ބޭރުގައި ޢާއްމުންނަށް ހުޅުވާލައިގެން މިހާ ކުލަގަދަކޮށް ބާއްވާ ފުރަތަމަ ހުށައެޅުން ކަމުގައެވެ. “އިލްމީ ޚަޒާނާ” އަށް ޢާއްމުންގެ ފަރާތުން ލިބެންފެށި ތަރުހީބެއްގެ ބޮޑުކަމުން، އެ ސިލްސިލާގެ ޕްރޮގްރާމުތަކުގެ ރިކޯޑިން ހިމެނޭ ސީޑީތައް ވެސް ސަން.އެފް.އެމް އިން ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި މިޚާއްޞަ ޝޯވް އޮންނަރޭ “ޢިލްމީ ޚަޒާނާ” ގެ ހުރިހާ ޕްރޮގްރާމްތަކުގެ ސީޑީ ލިބެން ހުންނާނެ ކަމަށް ދިއިސްލާމް އަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...