(أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ﴿١﴾ ) "އެތުގެ އެކުވެރިންނާމެދު (އެބަހީ: فيل ބާގައިމީހުންނާމެދު (ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟"
މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މުޚާޠަބު ކުރައްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްތޯ ނުވަތަ މުޅި އުއްމަތަށްތޯ، މި މައްސަލާގައި މުފައްސިރުންގެ ޚިޔާލު ތަފާތުވެފައިވެއެވެ.
އެއްގޮތަކީ: މި އާޔަތުގައި މު މުޚާޠަބު ކުރައްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.
ދެވަނަ ގޮތަކީ: މި އާޔަތުގައި މުޚާޠަބު ކުރައްވާފައި މިވަނީ މުޅި އުއްމަތަށް ކަމުގައި ބުނާ ބުނުމެވެ.
މި އާޔަތުގައި މުޚާޠަބު ކުރައްވާފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކަމުގައި ބުނިނަމަވެސް، އެކަލޭގެފާނާއި އެކު އެކަލޭގެފާނުގެ އުއްމަތުގެ އެންމެން ވަދެގެންދާނެއެވެ. އެހެންކަމުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަވެގެން އައި ޚިޠާބެއް އުއްމަތުގެ އެންމެންނަށް ޝާމިލުވަނީއެވެ.
މި އާޔަތުގައި މިވާ ޚިޠާބަކީ އެންމެންގެ މައްޗަށް އޮތް ޚިޠާބެއް ކަމަށްވަނީނަމަ، އެއީ ޢާއްމު ޚިޠާބެއް ކަމެވެ.
ކޮންމެއަކަސް، މި އާޔަތްތަކުގައި ބަޔާން ކުރައްވަނީ ފީލްބާގައިގެ މީހުންނަށް ކަންތައް މެދުވެރިވީ ގޮތުގެ ވާހަކައެވެ. ފީލް ބާގައިގެ މީހުންނަކީ ޔަމަންގެ ބަޔެކެވެ. އެބައިމީހުން ބޮޑު ފީލެއް ހިފައިގެން މައްކާ އަށް އައީ ކަޢްބަތުﷲ ގެފުޅު މުގުރާލުމަށެވެ. މިކަމަށް އެމީހުންނަށް އަމުރު ކުރީ ޙަބަޝާގެ ރަސްގެފާނެވެ.
މިކަން މެދުވެރިވާން ދިމާވި ސަބަބު:
މީސްތަކުން ކަޢުބަތުﷲ ގެފުޅަށް ގޮސް އަޅުކަންކޮށް ހަދާތީވެ، ޔަމަންގެ ރަސްގެފާނު ވަރަށް ބޮޑަށް ކަންބޮޑުވެ، އެކަން ހުއްޓުވޭނެ ގޮތަކާއި މެދުގައި ވިސްނާ ފިކުރު ކުރަން ފެށިއެވެ. އެހެންވެގެން ކަޢްބާ އާއި ވައްތަރު ތަނެއް ޔަމަނުގައި ހެދިއެވެ. އަދި އެތަނަށް މީސްތަކުން ޙައްޖަށް އައުމަށް ގޮވާލިއެވެ. މިކަމާއި ޢަރަބިން ވަރަށް ބޮޑަށް ރުޅި އައިސް، އެމީހުންގެ ތެރެއިން މީހަކު ޔަމަނަށް ގޮސް، ހަދާފައިވާ ކަޢްބާ އަށް ބޮޑުކަމުގޮސް، އަދި އެތަނުގެ ފާރުތަކުގައި ނަޖިސް އުނގުޅިއެވެ. މި ޚަބަރު ލިބިވަޑައިގަތުމުން ޔަމަންގެ ރަސްގެފާނު ވަރަށް ބޮޑަށް ކޯފާވިއެވެ. އަދި ޙަބަޝާގެ ރަސްގެފާނަށް މިޚަބަރު ދެއްވިއެވެ. އެހިނދު ޙަބަޝާގެ ރަސްގެފާނު ބޮޑުވެގެންވާ ފީލެއް (އެތެއް) ހަދިޔާ ކުރެއްވިއެވެ. ބުނެވޭ ގޮތުގައި އޭގެ 6 ފީލް ހަދިޔާ ކުރެއްވިއެވެ. ދެން ޔަމަންގެ ރަސްގެފާނު އޭނާގެ ލަޝްކަރު އެއްކުރައްވާ މައްކާގައި ހުންނަ ކަޢްބަތުﷲ ގެފުޅު މުގުރާލަން ދިޔުމަށް އަމުރު ކުރެއްވިއެވެ. އެހެންނަމަވެސް، ﷲ ތަޢާލާ އެކަލާންގެ ގެފުޅު ރައްކާތެރިކުރެއްވިއެވެ. އެބައިމީހުން "މުޣައްމަސް" އޭ ކިޔުނު ހިސާބަށް އައުމާއި އެކު އެބައިމީހުން ގެނައި އެއްތައް ހުއްޓި ހަޅޭއްލަވައިގަތެވެ. އަދި ގެފުޅާއި ދިމާލަށް ދަތުރު ކުރުމުން މަނާވެގަތެވެ. އެއެއްޗެތި ބެލެހެއްޓުމާއި ޙަވާލުވެތިބި މީހުން މަޖްބޫރު ކުރުވުމުންވެސް އެއެއްތައް އެކަމާ ދެކޮޅުހެދިއެވެ. ޔަމަނާއި ދިމާލަށް މިސްރާބު ޖަހައިފިނަމަ ބާރަށް ދުވެފައި ދެއެވެ. މައްކާ އާއި ދިމާލަށް އަބުރާލައިފިނަމަ ހުއްޓެއެވެ. ދެން ﷲ އެބައިމީހުންގެ މައްޗަށް ދޫނިތަކެއް ފޮނުއްވާ، އެދޫނިތައް އެބައިމީހުންނާއި ދިމާލަށް ކުދިހިލަތެއް އުކިއެވެ. އެހިލަތަކުން އެބައިމީހުންގެ ގައިގާ ޖެހުމާއި އެކު އެބައިމީހުން މަރުވެގެން ދިޔައެވެ.
ވަކިވަކި ކަލިމަތަކުގެ މާނަ:
(الْفِيلِ ) އެތް، ނުވަތަ އެލިފަންޓް
(كَيْدَهُمْ ) އެބައިމީހުންގެ މަކަރުވެރި ރޭވުންތައް
(تَضْلِيلٍ ) ގެއްލުމާއި ހަލާކު
(أَبَابِيلَ ) ޖަމާޢަތް ޖަމާޢަތަށް
(تَرْمِيهِم بِحِجَارَةٍ ) އެދޫނިތައް ލަޝްކަރުގެ މީހުންގެ ގަޔަށް ހިލައުކިއެވެ.
(عَصْفٍ ) ހުއި
ސޫރަތުގެ ޚުލާޞާ މާނަ:
ގެފުޅު މުގުރާލުމަށް ޓަކައި ބޮޑު ލަޝްކަރެއް މައްކާ އަށް އައެވެ. އެލަޝްކަރުގައި ބޮޑުވެގެންވާ އެތެއް އޮތެވެ. އެހިނދު މާތް ﷲ އެބައިމީހުންގެ މައްޗަށް ދޫނިތަކެއް ފޮނުއްވިއެވެ. އަދި އެދޫނިތައް އެބައިމީހުނާއި ދިމާލަށް ކުދިކުދި ހިލަކޮޅުތަކެއް އުކިއެވެ. އެހިލަކޮޅުތަކުން އެބައިމީހުންގެ ގައިގާ ޖެހުމާއި އެކު އެބައިމީހުން މަރުވެގެން ވެއްޓުނެވެ.
އިބްނު ހިޝާމު އެކަލޭގެފާނުގެ ސީރަތު ފޮތުގައި ލިޔުއްވާފައިވެއެވެ.
ގެފުޅު މުގުރާލުމަށް ޓަކައި، ޔަމަނުން މައްކާ އަށް އަބްރަހާގެ ލަޝްކަރު އައި ހިނދުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލް މުއްޠަލިބްގެ 200 ޖަމަލު ފޭރިގަތެވެ. އެހިނދު ޢަބްދުލް މުއްޠަލިބް އަބްރަހަތުގެ ގާތަށް ވަޑައިގެންނެވިއެވެ. އަބްރަހަތު އަށް ޢަބްދުލް މުއްޠަލިމް ފެނިވަޑައިގަތުމާއި އެކު އިޙްތިރާމް އަދާކުރައްވާ ކަމެއް ހިއްތެވިއެވެ. އެއަށްފަހު، ވަޑައިގެންނެވި ސަބަބާއި މެދުގައި ސުވާލު ކުރެއްވުމުން ޢަބްދުލް މުއްޠަލިބް ދެންނެވިއެވެ. އަޅުގަޑުގެ ބޭނުމަކީ އަޅުގަޑުގެ ޖަމަލުކޮޅު ދޫކޮށްލުމެވެ. އެހިނދު އަބްރަހަތު ދެންނެވިއެވެ. "ކަލޭގެފާނު ތިޔަ ވާހަކަ ދައްކަވަނީ 200 ޖަމަލާއި ބެހޭ ގޮތުންނެވެ. އަހަރެން މިއައީ ކަލޭގެފާނުގެ ކާބަފައިންގެ ދީނުގެ ރަމްޒެއް ކަމުގައިވާ ގެފުޅު ތަޅާލަން ވެގެންނެވެ. އެކަމަށްވުރެ ކަލޭގެފާނަށް މުހިންމުވީ ޖަމަލުތަކުގެ ވާހަކަހެއްޔެވެ؟ ޢަބްދުލް މުއްޠަލިބް ދެންނެވިއެވެ. "އަހަންނަކީ އެޖަމަލުތަކުގެ ބެލެހެއްޓުންތެރިޔާ އެވެ. ގެފުޅުގެ ރައްބެއްވެއެވެ. އެފަރާތުން ގެފުޅު ޙިމާޔަތް ކުރައްވާނެއެވެ."
އަބްރަހަތުގެ ލަޝްކަރު ގެފުޅު މުގުރާލަން އައީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލު ކަމައިގެން ފޮނުއްވުމުގެ ކުރިންނެވެ. އެހިނދު ﷲ ވަނީ އެގެފުޅު ރައްކާތެރިކޮށްދެއްވާފައެވެ. ނަމަވެސް ފަހު ޒަމާނުގައި ގެފުޅުގެ އަހްލުވެރިންގެ ނުބައި ޢަމަލުތައް ގިނަވުމާއި ގުޅިގެން ޙަބަޝް ކަރައިގެ މީހަކު އައިސް ގެފުޅު އެއްކޮށް މުގުރާލާނެ ކަމާއި، ގިޔާމަތްވާ އިރު ގެފުޅު ނުހުންނާނެކަން ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا , قَالَ : إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " يُخَرِّبُ الْكَعْبَةَ ذُو السُّوَيْقَتَيْنِ مِنَ الْحَبَشَةِ ، فَيَسْلُبُهَا حُلِيَّهَا وَيُجَرِّدُهَا مِنْ كِسْوَتِهَا ، كَأَنِّي أَنْظُرُ إِلَيْهِ أُصَيْلِعَ أُفَيْدِعَ ، يَضْرِبُ عَلَيْهَا بِمِسْحَاتِهِ وَمِعْوَلِهِ " މާނައަކީ: "ދެކަށިމަތި ހިމަވެފައި ހުންނަ ޙަބަޝާއިން އަންނަ މީހަކު ގެފުޅު މުގުރާލާނެއެވެ. އޭނާ ގެފުޅުގެ ޒީނަތްތެރިކަން ދަމައިގަންނާނެއެވެ. އަދި އުރަކޮޅު ނައްޓާލާނެއެވެ. ތިމަންކަލޭގެފާނަށް އެމީހާ ފެންނަ ފަދައެވެ. އެއީ ބޮލުގައި ފަތް ނެތް މީހެކެވެ. ކޮރު މީހެކެވެ. އޭނާގެ ފުރޯ އިންނާއި ފަކީރާ އިން ޖަހާ ގެފުޅު މުގުރާލާނެއެވެ."
މިކަމެއް ހިނގާނީ ފަހު ޒަމާނުގައެވެ. މުސްލިމުން ގެފުޅަށް އިޙްތިރާމްކުޑަވެ، އެތަނުގެ ޙުރުމަށް ކެނޑުމާއި ގުޅިގެންނެވެ.
މިހާ ހިސާބުން މި ސޫރަތުގެ ތަފްސީރު ނިމުނީއެވެ.
والحمد لله.

















ޚިޔާލު