ރިޕޯޓް

ރާވިއްކުން ހުއްދަކުރުން! މަންފާ ލިބޭނެ ކަމެކެވެ. ނަމަވެސް ގެއްލުން މާބޮޑެވެ.

އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދައް ގެންނެވި، ކާއިނާތުގެ ވެރިއިލާހުގެ ހަޟުރަތުގައި ރަލަކީ ނުވަތަ މަސްތުވާ ތަކެއްޗަކީ އިންސާނުން ބޭނުން ކުރުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ނަމަވެސް އެއިލާހުގެ ޙުކުމްފުޅަށް ގޮންޖަހާލުމަށްފަހު، މުސްލިމުން ކަމުގައި ދައުވާކުރާބަޔަކު ރާއްޖޭގައި ރާވިއްކުމުގެ ޤަވާއިދެއް ހަދައި މިހާރަށްވުރެ ފުޅާކޮށް ރާވިއްކުން ހުއްދަކޮށްފިއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު އެކަމާ ދެކޮޅަށް ތެދުވެ އެކަމާ ނުރުހުންފާޅުކުރަމުން ދަނިކޮށް ރައްޔިތުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދީފައެވެ. ތިމާމެން ޤަބޫލުކުރާ ޑިމޮކްރަސީގެ ހަމަތަކާ އަސާސުތައްވެސް މުގުރަމުންނެވެ. ވާނީވެސް އެހެންތާއެވެ. މާތްﷲގެ ޙުކުމްފުޅުތަކުގައި ކޮޅުފައިން ޖަހަންކެރުނު ބަޔަކަށް ޑިމޮކްރެސީގެ އަސާސުތައް ވާނީ ކޮންއެއްޗަކަށް ތޯއެވެ؟

ރާވިއްކަން ހުއްދަކުރުމަށް މިބައިމީހުން ދައްކަމުން މިދަނީ މައިގަނޑު އެއްބަހަނާއެކެވެ. އެއީ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައެވެ. ރާއްޖޭގެ މާލީހާލަތު ރަގަޅުކުރުމަށްޓަކައެވެ. ފައިސާވަންނާނޭ އިތުރު ދޮރުތަކެއް ހުޅުވުމަށްޓަކައެވެ. އަޅުގަނޑު ދެކޭގޮތުގައި އަދި އެހެން ސަބަބެއްވެސް ފަހަތުގައި ފޮރުވިފައި ވެއެވެ. އެއީ މިއަދުގެ ސަރުކާރުގެ ވެރިންގެ ތެރޭގައި ތިއްބެވި ބަޔެއް ބޭފުޅުންނަކީ 24 ގަޑިއިރު ހަމާގައި ތިއްބަވަން ބޭނުންފުޅު ނުވާ ބޭފުޅުންކަމުގައިވާތީއެވެ. އަމާންކަމާ އޮމާންކަމާއެކު އެބޭފުޅުންނަށްވެސް އެކަން ކުރެވޭނީ ޤާނޫނަކުން އެކަން ހުއްދަކޮށްގެނެވެ. އެހެން ނޫންތޯއެވެ؟ ނަމަވެސް އެވާހަކަ 'ސިއްރުކޮށްފައި' ބާއްވަމާ ހިނގާށެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ރަލަކީ ނުވަތަ ރާވިއްކުމަކީ އޭގެސަބަބުން މަންފާތަކެއް ކުރާނޭ ކަމެކެވެ. އެކަން ކީރިތި ޤުރުއާނުގައިވެސް ބަޔާންކުރައްވާފައި ވެއެވެ. ހަމަ އެއާއި ވިދިގެން ރާ ޙަރާމްކުރެވުނު ސަބަބުވެސް ވަނީ ބަޔާންކުރައްވާފައެވެ. އެއީ އޭގެން އެލިބޭ ވަގުތީ މަންފާއަށްވުރެ އޭގެންލިބޭ ދާއިިމީ ގެއްލުން ބޮޑުވީމައެވެ. ރަލާބެހޭގޮތުން މާތްﷲ އެކަލާނގެ ކަލާމްފުޅުގައި ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..." (ސޫރަތުލް ބަގަރާ 219ވަނަ އާޔަތް)

ވީމާ މިއީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ނުކުތާއެކެވެ. އެބޭފުޅުން އެވިދާޅުވަނީ ރާވިއްކުން ހުއްދަކުރަނީ ފަތުރުވެރިކަން ކުރިއެރުވުމަށެވެ. ނުވަތަ މަންފާ އިތުރުކުރުމަށް ކަމަށެވެ. އެނެއްކޮޅުން އަރުށީގެ ވެރި އިލާހު އެވަޙީކުރައްވަނީ، މަންފާކުރާނެ ކަމަށެވެ. ނަމަވެސް ކުރާ މަންފާއަށްވުރެ، އޭގެން ކުރާނޭ ނޭދެވޭ އަސަރުތަކާ ލިބޭ ގެއްލުންތައް މާބޮޑުވާނޭ ކަމުގައެވެ. މިއީ ޔަޤީން ކަށަވަރު ކަމެކެވެ. ރާ ވިއްކުމުންލިބޭނެ ނޭދެވޭ އަސަރުތަކަކީ އެކަމާމެދު އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެއީ އިޖްތިމާއީ އެތަށް ބައްޔެއްގެ ފެށުމެވެ. ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ރާވިއްކުން އާންމުވެފައިވާ ހުޅަގުގެ ޤައުމުތަކުން ވެސް މިއަދު އެކަން ޤަބޫލުކުރެއެވެ. އަދި އެކަމަށް ހައްލެއް ބޭނުންވެއެވެ. ސަބަބަކީ އެކަމުން ޤައުމަށާއި މުޖުތަމައަށް ލިބެމުންދާ ގެއްލުމުގެ ބޮޑުކަމުންނެވެ. ގެއްލުން ތަހައްމަލް ނުކުރެވޭތީއެވެ.

މިސާލަކަށް، އެމެރިކާގައި ކޮއްފައިވާ ބަޔެއް ސަރވޭތައް ދައްކާގޮތުން އެޤައުމުގައި ކޮންމެ އަހަރަކު އެވްރެޖުކޮށް 25000 މީހުން ރާބުއިމާއި ގުޅިގެން ދިމާވާ އެކި ހާދިސާތަކުގައި މަރުވެފައި ވެއެވެ. އަދި މީގެއިތުރުން އެމެރިކާގައި ދުވާލަކު 1870 އަންހެން ކުދިން ރޭޕުކުރެވޭއިރު، އެމެރިކާގެ އެފް ބީ އައި އިން ނެރިފައިވާ ރިޕޯޓެއް ބުނާގޮތުން ރޭޕްކޮއްލެވިގެން ރިޕޯޓްކުރެވޭ 60-85% ހާދިސާތަކާއި ގުޅިފައިވަނީ ރާބުއިމެވެ. އެއީ އަންހެން ކުއްޖާ ރާބޮއިގެން ހުރުން ނުވަތަ ރޭޕުކުރާމީހާ ރާބޮއިގެން ހުރުމެވެ.

އަނެއްކޮޅުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު އެޗް އޯ އިންވެސްވަނީ ރާބުއިމާއި ރާވިއްކުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. "ރާބުއިމާ ޖިންސީހާނިިއްކަ" މި މައުޟޫގެ މައްޗަށް ދުނިޔޭގެ ތަފާތު 8 ގައުމެއްގައި ހަދާފައިވާ ރިސާޗެއްގެ ރިޕޯޓް 2005ވަނަ އަހަރު ޖެނީވާގައި ނެރިފައި ވެއެވެ. މި ރިޕޯޓްގެ 7ވަނަ ސަފްހާގައި ބުނެފައިވާގޮތުން 'ގްރޫޕް ސެކްސް' އާއި އެދުން ފުއްދުމުގައި ފުރަގަސްފަރާތް ބޭނުންކުރުމާއި، އެއްޖިންސުން ގުޅުންހިންގުންފަދަ ނޭދެވޭ ޖިންސީ ގުޅުންތަށް އެޤައުމުތަކުގައި ހިންގާފައިވަނީ ރާބޮއިގެން ތިބެ ކަމުގައެވެ. ނުވަތަ ކުދިންނަށް ރާދީ މުސްތު ކުރުވައިގެން ކަމުގައެވެ. އަދިވެސް އެ ރިޕޯޓްގެ 8ވަނަ ސަފުހާގައި ބުނެފައިވާ ގޮތުން ރޭޕުކުރުމާއި، އެހެންވެސް ޖިންސީ ގޯނާކުރުންތައް އެންމެ ގިނައިން ހިނގާފައިވަނީ ރާ ވިއްކާ ބާރ ނުވަތަ 'ބްލެކް ރޫމް' ނުވަތަ ނައިޓްކުލަބު ތަކުގައި ކަމުގައެވެ. ނުވަތަ އެތަންތަނާއި ކައިރި ހިސާބުތަކުގައެވެ. އެހެންކަމުން މިފަދަ ކަންކަމާއި އެ ޖަމިއްޔާއިން ކަންބޮޑުވާކަމުގައި އެރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި މީގެއިތުރުން ރާބުއިމަކީ އެބުއިމުގެ ސަބަބުން އިންސާނާއަށް އެކިކަހަލަ ބަލިތައް ޖެހޭ ނުބައި ވަބާއެކެވެ. މިއީ އެއްވެސް ޑޮކްޓަރަކު އެކަމާ ދެބަސްވާނެ ކަމެއް ނޫނެވެ. މިއަދު އެކަމުން ލިބޭ ގެއްލުން ބޮޑުކަމުން ހުޅަނގުގެ ޤައުމުތަކުންވެސް ދަނީ ރާބުއިން ހުއްޓުވާނެ މަގެއްފެނޭތޯ ބަލަމުންނެވެ. މިގޮތުން އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ރާބުއިމުން ލިބޭ ގެއްލުން ސްކޫލްތަކުގައި ކިޔަވައި ދިނުމަށް އެޤައުމުގެ ބަޔެއް ޑޮކްޓަރުންވަނީ 7 ފެބްރުއަރީގައި 'މެޓްރޯ' ނޫހުގައި ގޮވާލާފައެވެ.

މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި، އެމެރިކާއާއި އަދި ހުޅަނގުގެ ޤައުމުތައް އެކަމާމެދު ކޮންބޮޑުވާކަން ސާބިތުކޮށްދޭ ހެކިތަކެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ އެދީނަކަށް ތަބާވާ އިސްލާމް ދީން ރާބައިމާ ރާވިއްކުން މަނާކޮށްފައިވަނީ އެކަމުގެ ނޭދެވޭ އަސަރުތަށް ބޮޑުކަމުންކަން ޝައްކުކުރާނޭ އެއްވެސް ޖާގައެއް ނެތެވެ. އެކަމުގެ ސަބަބުން ލިބޭ މަންފާއަކަށްވުރެ، އެކަމުން މުޅިޤައުމަށާއި މުޖުތަމައަށް ލިބޭނޭ ނުރައްކާތެރިކަމާ ގެއްލުންތަށް މާބޮޑެވެ. އެކަމުގެ ނޭދެވޭ އަސަރު ކުރާނީއަކީ ހަމައެކަނި އެ ބޯ މީހާއަކަށް ނޫނެވެ. މުޖުތަމައުގެ އެހެނިހެން އަފްރާދުންނަށްވެސް މެއެވެ. އެ ބޮއިގެން ހުންނަ މީހަކު ވަޅިއަޅާނީ ނުވަތަ ރޭޕުކުރާނީ ތިބާގެ ދަރިފުޅުގެ ނޫންކަމެއްވެސް ނޭނގެއެވެ. މިފަދަ ނުބައި ކަންކަމަށް މަގުފަހި ކުރުވާކަމެއް އިސްލާމު ދީނުގައި މަނާކޮށްފައި ވަނިކޮށް އަދި ދުނިޔޭގައި ރާވިއްކުން ހުއްދަ ކޮށްފައިވާ ޤައުމުތަކުން އެކަމުގެ ބިރުވެރިކަމުގެ ސިގުނަލްތައް ދެމުންދާއިރުގައިވެސް އަޅުގަނޑުމެންގެ ޤައުމުގައި އެވަނީ މިވަބާ އިތުރަށް އާންމުވާނެފަދަ ގޮތަކަށް ހުއްދަކޮށްފައެވެ. ބުނެފާނެއެވެ. ހުއްދަކުރަނީކީ ދިވެހިންނަކަށް ނޫނެވެ. ހަމައެކަނި ފަތުރުވެރިންނަށެވެ.

ނަމަވެސް މާޒީއިން އަޅުގަނޑުމެން އިބްރަތް ހާސިލްކުރުން މުހިންމެވެ. މިހާރު މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަ ނުކުރާއިރުގައިވެސް، މަސްތުވާ ތަކެއްޗާއި ރަލުގެ ކަންތައް މިވަނީ އިންތިހާއަށް ގޮއްސައެވެ. އެކަންފެށުނީ ރިސޯޓްތަކުގައި ރާވިއްކުން ހުއްދަކުރި ހިސާބުންނެވެ. ދެން މިއަދު މީހުން ދިރިއުޅޭ ރަށްރަށުގައި ޤަވައިދެއްގެދަށުން އެކަން ހުއްދަ ކުރެވުމުން ދެން އެކަން އާންމުވެގެން ދާނެ މިންވަރު އިޙްސާސް ކޮށްލައްވާށެވެ. ހެދިފައިވާ ޤަވައިދު ބުނާގޮތުން އެތަނަށް ވަންނަނީ ކޮންބަޔެއްތޯ ބަލަން ފުލުހުންނެއް ނުތިބޭނެއެވެ. އެންމެހާ ކަންތަށް ތަކެއް ބައްލަވާ ވޮޑިގެންވާ ﷲގެ ޙުކުމްފުޅުގައި ކޮޅުފައިންޖަހައި، އިތުރަށް ފައިސާ ހޯދުމަށްޓަކައި ރާވިއްކާ ވިޔަފާރި ވެރިއަކު އިކޮނޮމިކްސް މިނިސްޓްރީގެ ގަވައިދުގައި އެގޮތަށް އޮތީތީއޭ ކިޔާފައި، ފައިސާދައްކާފައި ބޯން އަންނަ ދިވެއްސަކު ހުއްޓުވާނެތޯއެވެ؟

ކޮންމެއަކަސް ވިޔަފާރީގެ މަންފާއަކަށްޓަކައި ވަކިވަރަކަށްވުރެ މުއްސަދި މީހުނަށް ރާވިއްކުން މިވަނީ ހުއްކޮށްފައެވެ. ޤައުމަށް ނަފާ އިތުރުކުރުމުގެ މަޤްސަދުގައެވެ. ނަމަވެސް އެންމެހާ ޚަޒާނާއެއް މިލްކުވެވޮޑިގެންވާ މާތްﷲ ވަޙީކުރައްވަނީ ތިލިބޭ މަންފާއަށްވުރެ ލިބޭގެއްލުން މާބޮޑުވާނެ ކަމަށެވެ. ފާފަ ބޮޑުކަމަށެވެ. ވިސްނާ ފިކުރު ކުރައްވާށެވެ. ކުޅަދުންވަންތަ އިލާހުގެ ޙުކުމްފުޅުތަކުގައި ކޮޅުފައިންޖަހައި، ދުނިޔެވީ ވަގުތީ ފައިދާއަކަށްޓަކައި އާޚިރަތް ވިއްކާލުމަކީ ހާދަހާވާ ހިތާމަކުރަންޖެހޭނެ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް