ދުނިޔެއަކީ ހާދަ ފާޑެއްގެ ތަނެކެވެ. ހުވަފެނުންވެސް ނުދެކޭ އެތައްކަމެއް ހަމަ ލޮލަށް ފެނިދާނެއެވެ. އިއްޔެގެ މިތުރުން މިއަދު ހަތުރުންނަށް ވެދާނެއެވެ. އިއްޔެގެ ވެރިން މިއަދު އަޅުންނަށް ވެދާނެއެވެ. އިއްޔެ މިނިވަނުން މިއަދު ހުރަގޭގައި ކަސްތަޅުއަޅުވާފައި އޮވެދާނެއެވެ.
ދުވަހަކީ ހިޖްރީ ސަނަތުން ސާދަސަތޭކަ އޮނަސާޅިސްވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ އޮނަތީރީސްވަނަ ދުވަހެވެ. އިރުއޭގެ ވާޖިބު އަދާކޮށްފައި އޮށްސެންދަނީ އެވެ. އުއްމީދު ކޮށްގެން ހުރީ ދެން ލިބޭނީ ޢީދުގެ ތަހުނީޔާގެ މެސެޖުކަމަށެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫންނެވެ. ދުނިޔެއަކީ ހަމަ ފާޑެއްގެ ތަނަކީއެވެ. އެދުނިޔެ އެނބުރެނީ ތޮށަލިދުޅަޔަށް ކަމަށް އެކިޔަނީ އެހެންވެތާއެވެ.
ޚަބަރު ލިބުނީ "ބުރޭކިން" ކޮށްފައެވެ. ހޫނުކަށްމަތީގައެވެ. ރޯދަވީއްލަށްވެސް ކަމުދާވަރަށް "ތާޒާ" ކޮށެވެ. އޮއްސެމުން ދިޔަ އިރާއެއްގޮތަށް ޚަބަރު ނިސްބަތްވާ ފަރާތުގެ ޙަޔާތްވެސް އޮއްސުނީތާ އޭ ހިތާހިތާ ބުނެލެވުނެވެ. އެކަމަކު އެޔާއެކު ހިތްމައްޗަށް ގެނެސް އެޖަމާކޮށްލީ އާދަޔާ ޚިލާފު ވަރުގަދަ ބަހެކެވެ. ފިސާރި އާރުލާ ކަލިމަތަކެކެވެ. ކަނޑުހާ ފުށް މާނާތަކެކެވެ. " އަނިޔާވެރިންނާ މެދު ﷲ ތަޢާލާ އިހްމާލުވެ ވޮޑިގެން ނުވެތެވެ. އެކަމަކު އެއިލާހު އެމީހުންނަށް މަހުލަތު ދެއްވަތެވެ."
ކޮންފަދަ ބޮޑު ހަޤީޤަތެއްތޯއެވެ. ކޮންފަދަ ބޮޑު ތެދެއްތޯއެވެ. މިބަހުގެ ތެދުކަށް ދެނެގަންނަށް ދުރުކަށް ނަޒަރު ހިންގާނެކަމެއްނެތެވެ. ތިބާގެ ނަޒަރު މިމަޒުމޫނުގެ ތިރިއަށް ހިންގާލާށެވެ. ތިރީގައި އެވާ ސުރުޚީން އެކަނި ފުދޭނެއެވެ.
ސުރުޚީއަކީ މިއޮތީއެވެ: " ރައީސް މައުމޫން އާއި ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހަށް ޖަލަށް" މިވަރުން ނުފުދޭނަމަ ނޫސްތައް ހާވާލާށެވެ. އަޅުގަނޑުވެސް ލިޔެފައި އެވަނީ "ވަގުތު" ނޫހުގައި އިން ސުރުޚީއެވެ. އެހެންބައެއް ނޫސްތަކުން " ރައީސް މައުމޫނަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ކޯޓުން ބާތިލްކޮށްފި." މި ސުރުޚީވެސް ދުށީމެވެ. ކޮންމެއަކަށް ލިބުނު ޚަބަރަކީ މިއީއެވެ. ތަފްޞީލު އޮންނާނީ ނޫސްތަކުގައެވެ. އަޅުގަނޑު މިލިޔަނީ އެ ސުރުޚީތަކުގެ މައްޗަށް އަޅުގަނޑަށް ލިބުނު "ފިލާވަޅު" ތަކެވެ. ކުރެވުނު "އިހްސާސްތަކެވެ." ހިތަށް ބޮނޑިވި "ޖަޒްބާތެވެ."
އާއެކެވެ. އަނިޔާވެރިންނަށް އޭގެ ސަޒާ ލިބޭނެއެވެ. ދެދުނިޔޭގައެވެ. އެމީހުން ހީވެސް ނުކުރާކަހަލަ ގޮތަކަށްށެވެ. އިއްޔެ މުޅިޤައުމުގެ "ޒަޢީމް" މިއަދު އެއިންނެވީ "ޖަލުގައެވެ". އެމަނިކުފާނު ޖަލަށްލާފައިވަނީ "ނުޙައްޤު" ކަމަށް ބުނެފާނެއެވެ. އަނިޔާވެރިންގެ ފުށުން އަނިޔާވެރިންނަށް އެގޮތަށްވެސް ބައެއްފަހަރު "އަނިޔާ" ލިބެއެވެ.
އެތައް ބަޔަކު ނަމާދު ކުރާތީއާއި އަޢުރަ ނިވާކުރާތީ" ނުޙައްޤުން ޖަލަށްވެސް ލީތާއެވެ. ހަމަ އެގޮތަށް "ނުހައްޤު" މިއަދު އެވަނީ ޖަލަށް ލެވިފައެވެ. އެކަމަކު ބުނަން ހެއްޔެވެ! އަޅުގަނޑު ހީކުރީ "އެމަނިކުފާނު" ޖަލަށް ލާނީ "ވަޠަން އެދޭ ގޮތަށް" ކަމަށެވެ. އެހެނަސް އެސަރުކާރު އަމިއްލައަށް އިސްތިއުފާދިން އިރު " މަނިކުފާނު" ހުރީ އިހުނަށްވުރެވެސް ބާރުގަދަކޮށެވެ. ނަތީޖާއަކީ " ކޮއްކޯފުޅަށް" ވެރިކަށް ހޯދައިދިނުމެވެ. "ޒަޢީމު"ގެ ގޮތުގައި "ޢަޞްރު މަލެއްހެއް" ފޮޅިލިއެވެ. ދެނަވަ ފަހަރަށް ބާރުހޯދިއެވެ. އެހިސާބުން އަޅުގަނޑުގެ ހިތްބުނީ ދެން 'އެމަނިކުފާނަށް" ސަޒާލިބޭނީ "މަރުވީމަތާއެވެ." ނަމަވެސް މިވީ އެހެން ގޮތެކެވެ. ދުރުން ފިޔާތޮށި ކިތަންމެ ރީއްޗަސް އެކޮށަން ފެށީމައި އެނަގާ ދިލާގެ ސަބަބުން ކަރުނަ އަޅާގޮތަށް އެމަނިކުފާނު މިއަދު އެކީރިތިކުރައްވަނީއެވެ. މުސްކުޅިވިދުވަހު ލޯބިދޭނެކަމަށް އުއްމީދުކުރި ކޮއްކޮ ގެ ވެރިކަމުގައި "ލަގްޒަރީ ފުލެޓެއްގެ" ބަދަލުގައި ދެއްވީ " ޖަލުގެ ކުޑަގޮޅިއެވެ"
އަޅެ ޢިބްރަތެއް މިކަމުގައި ނުވޭތޯއެވެ! އާރާބާރުގައި އެއްވެސް ޙައްޤަކާއި ނުލައި ޖަލަށް ލައި ސޯސްޖަހާގެން ތުނބުޅިތައް ބޭލިއިރު މިއަދު ރޯދަވީއްލާގެންވެސް "ސޯސްކޮޅެއް" ކާލާކަށް އެމަނިކުފާނަކަށް ޢާއިލާގާތުގައި ނީދެވުނެވެ. އެތަށް އަންހެނުންނެއް ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށް އަނިޔާދިން އިރު " މުސްކުޅިވިދުވަހު" އަނބިމީހާއަށް ދުރުގައި ގިނިކަންޏާ އެމަނިކުފާނު އެވަނީ އެކަހެރިކުރެވިފައެވެ. ތުއްތު ދަރިންނާއި މައިން އަނިޔާވެރި ކޮށް ވަކިކޮށްލެވުނުއިރު " ކާފަކިޔުންވާ ބޭފުޅުންނާއި " ބައްދަލުނުވާތީ އެމަނިކުފާނު ޝަކުވާކުރައްވާނީއެވެ.
ދީނުގައި އޮންނަގޮތް ބަޔާންކޮށްދިނީތީ އެތައް ވާޢިޛުންގެ ހުއްދަ ބާޠިލުކުރިއިރު މިއަދު ޖަލުގައިނަމަވެސް "އިޙްޔާ ފޯރަމު" ބާއްވާކަށް : ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދައެއްނެތެވެ.
އިއްޔެ އެތައް ބައެއްގެ ކިބައިން ޤާނޫނީ ވަކީލުން ހޯދުމުގެ ޙައްޤުން ނިއުގުޅާގަނެ ވަކީލެއްނެތި ޝަރިއަތްތައް ކޮށްފައިވާއިރު މިއަދު އެމަނިކުފާނުގެ ވަކީލުން މައްސަލައިން ތަނާޒުލުވި ވަގުތުގައި ޤާނޫނީ ވަކީލުކަން ކޮށްލަށް ކުރިން ދިން ހުއްދަވެސް ވަނީ ބާޠިލުކޮށްފައެވެ. އިއްޔެ އެއީ ދަށުކޯޓެވެ. އެއީ ހައިކޯޓެވެ. އަދި އެއީ ސްޕްރިމްކޯޓެވެ. އެކަމަކު މިއަދު އެއީ ސްޕްރިމްކޯޓުގެ ދެފަނޑިޔާރުންގެ "ޖަލްމޭޓެވެ.'
ކޮންފަދަ ޢިބްރަތްތެރި ފިލާވަޅުތަކެއްތޯއެވެ. އޭ މުސްލިމު އަޚުންނާއި އުޚުތުންނޭ! އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ. މިއަދު ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންނުކުރާށެވެ. އަނބިންގެ މައްޗަށް ފިރިން އަނިޔާވެރި ނުވާށެވެ. ދަރިންގެ މައްޗަށް މައިންބަފައިންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ނުހިފާށެވެ. ބިދޭސީ މަސައްކަތު މީހާގެ މައްޗަށް ދޭސީ ވިޔަފާރިވެރިޔާވެސް އަނިޔާވެރި ވާކަށް ނުވާނެއެވެ. މާދަމާ ވާނެގޮތެއް ނޭނގެއެވެ. ދޭސީ މީހާ މަސައްކަތު ލޭބަރަކަށްވެސް ބިދޭސީމީހާ "ބޮސްއަކަށް" ވެދާނެއެވެ. އިއްޔެ ބިދޭސީމީހާގެ "ބަފާބެ" އަކީ ރައީސެކެވެ. މިއަދު އެކަމަކު އެއޮތީ ކުށްވެރިވެފައެވެ. ކޮއްކޮއަށް ހޯދައިދިން ސަރުކާރުގައެވެ. މިއީ ހަމަ ރަނގަޅުފިލާވަޅެކެވެ.

















ޚިޔާލު