މިއީ އަހަރެންގެ ޙަޤީޤީ ވާހަކައެކެވެ. އެތައް އަހަރެއް ވަންދެން އިނދެގެން އުޅުނު މަގޭ ލޯބިވާ އަނބިމީހާ މަށާ ވަކިވެގެން ދިޔަ ހިތާމަވެރި ޙާދިޘާއެވެ. ދަރިންނާއެކު ދިރިއުޅެމުންދިޔަ މަގޭ އުފާވެރި ޙަޔާތް ބަނަވެގެން ދިޔަ ޙާދިޘާއެވެ.
އަހަންނަކީ ރާއްޖެތެރޭގެ ޤަދަރުވެރި ޢާއިލާއަކަށް ނިސްބަތްވާ މީހަކީމެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގައެއް ނޫޅެމެވެ. އަދި ސިޔާސީ އެއްވެސް ޙަރަކާތެއްގައި ދުވަހަކުވެސް ބައިވެރިއެއް ނުވަމެވެ. ދީނީ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް ބަރާބަރަށް ނަމާދަށް އެރޭތޯ ވަރަށް މަސައްކަތްކުރަމެވެ. މަށަކީ ދީނީ ކަންތައްތަކުގައި ހައްދުފަހަނައަޅާފައިވާ މީހެއް ނޫނެވެ. ނަމަވެސް މަގޭ އަނބިމީހާ ހިލޭ ފިރިހެނުންނާ އަތާ އަތްޖޯޑުކޮށް ސަލާމްކުރުމަކީ މަ ރުހޭ ކަމެއް ނޫނެވެ. އަދި އެކަން އޭނާއަށް ވާނީ މަނާވެސް ކޮށްފައެވެ.
މިހެން މިކަން އޮތް އިރު، އަދި މަގޭ އަނބިމީހާގެ ގައިގައި ހިލޭ ފިރިހެނަކު އަތްޖައްސާލުމަކީ މަށަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫންކަން ޚުދު އޭނާއަށްވެސް އެނގޭނެއެވެ. މަށަކީ މަގޭ އަނބިމީހާދެކެ އިންތިހާއަށް ލޯބިވާ މީހަކީމެވެ.
ނިމިދިޔަ ބޮޑު ޢީދުގެ ދުވަސްތަކެވެ. ބޮޑުޢީދުގައި އެކަކު އަނެކަކުގެ ގަޔަށް ފެންޖެހުމަކީ ކޮންމެ އަހަރެއްގެ ޤީދުގައިވެސް ކޮންމެވެސް ވަރަކަށް ކުރާ ކަމެކެވެ. ނަމަވެސް ނިމިދިޔަ ބޮޑު ޢީދުގައި އެކަން ކޮށްފައިވަނީ ރަށުގެ ކައުންސިލުގެ ހުއްދައާއެކު ވަރަށް ރަސްމީ ސިފައެއްގައެވެ. އެހެންކަމުން ކުރީ އަހަރުތަކަށްވުރެ ބޮޑަށް މިއަހަރުގެ ބޮޑު ޢީދުގައި ފެންކުޅީގެ ކުޅިވަރު ގަދަވެގެން ދިޔައެވެ. އަދި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން އެކަމުގައި ވަރަށް ފޯރި ނެގިއެވެ.
ބޮޑުޢީދުގައި ފެންޖެހުމަކީ މަވެސް ކުރިން ކުރިކަމެކެވެ. ނަމަވެސް އެއީ ހިލޭ އަންހެނުންގެ ގަޔަކަށް ނޫނެވެ. އަދި އެމީހުންގެ ގަޔަކު ދުވަހަކުވެސް އަތްލާފައެއް ނޯންނާނެއެވެ. އެއީ މަށަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުލަ އުނގުޅުމުގެ ނަމުގައި އެހެން މީހުންގެ އަނބިންގެ ގަޔަށް އަތްލުމަކީ މަގޭ ބުއްދިއަށް އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ކޮންމެއަކަސް ނިމިދިޔަ ބޮޑު ޢީދުގެ ފެންކުޅިވަރުގެ ތެރޭގައި ނޫޅުމަށް މަގޭ އަނބިމީހާއަށް ކުރިއާލާ އިލްތިމާސްކުރީމެވެ. އަދި އަމުދުން ހިލޭ ފިރިހެން ކުދިން ކުލަ އުނގުޅަފާނެކަމަށާއި އެކަމާ ވިސްނައިގެން އުޅުމަށް އިންޒާރުދިނީމެވެ.
ޢީދުގެ ޙަފްލާތައް މުޅި ރަށުގައި ފެށިއްޖެއެވެ. އެއްދުވަހު އޮތީ ފިރިހެނުން އަންހެނުން ގަޔަށް ފެންޖަހައި ކުލަޖެހުމެވެ. އަނެއް ދުވަހު އޮތީ އަންހެނުން ފިރިހެނުން ގަޔަށް ފެން ޖަހައި ކުލަޖެހުމެވެ. ބޮޑު ބެރު ޖަހާ މީހުން ބޮޑު ބެރު ޖަހަނީއެވެ. މިޔުޒިކު ކުޅޭ މީހުން މިޔުޒިކު ކުޅެނީއެވެ. ބަށި ކުޅޭ މީހުން ބަށި ކުޅެނީއެވެ. ރޭގަނޑު ވެއްޖެޔާ މުޅި ރަށް ހީވަނީ އެމެރިކާގެ ނައިޓު ކުލަބެއް ހެންނެވެ.
ކުލަ ޖެހުމުގެ ތެރޭގައި އެންމެ ބޮޑަށް ޒުވާނުން ނަގާ ފައިދާއަކީ އެމީހަކު ހިތާވާ އަންހެނެއްގެ މޫނާއި އެކި ތަންތާނގައި ކުލަ އުނގުޅުމެވެ. މިއީ ރަސްމީ ސިފައެއްގައި ރަށުގެ ކައުންސިލުން ހުއްދަ ލިބިގެން ކުރިއަށް ގެންދިޔަ ފާހިޝްކަމުން ފުރިގެންވާ ޙަރަކާތެކެވެ. އަދި މިކަމުގައި އެއްވެސް މީހަކަަށް ރުޅިއައުމުގެ ފުރުޞަތެއް ނޯވެއެވެ. ޢީދު ވިއްޔާއެވެ. އެމީހަކު ހިތަށްއެރި ކަމެއް ކުރަންވީއެވެ. ދީނަކާ ދީނެކެވެ. ރަށުގެ މާޙައުލު ވަރަށް ބޮޑަށް ތަޣައްޔަރު ވެއްޖެއެވެ. މަޖާކޮށް އެކި އެކި ފައިދާތައް ނަގާ މީހުން އެކަމުގައި ވަނީ ގެނބި ޣަރަޤުވެފައެވެ. ހިލޭ އަންހެނެއް ކީއްކުރަންތޯ، މީހެއްގެ އަންބަކަށްވެސް ބެލުމެއް ނެތެވެ.
ރަށުގެ ޒުވާނުން ކުލަ އުނގުޅަމުން އަންހެން ވެރިން ތެންމަމުން ގޮސް އަދި އެކުރާ ކަންތައް މޫވީ ކުރަމުން ދިޔައީ ލަދެއް ޙަޔާތެއް ނެތިއެވެ. މިހާރު އެއްޗެހި އެވަނީ ސޯޝަލް މީޑިޔާގައެވެ. ކޮންމެއަކަސް މަގޭ އަންހެނުންނަށް ވަރަށް ބޮޑަށް މަ ފާރަލަމުން ދަނިކޮށް، ހިލޭ ފިރިހެނަކު އައިސް މަގޭ އަންހެނުން ކުލަ "ފިރުމާލައިފި"އެވެ. އަދި އޭނާއަށް ވެސް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. ކިޔުންތެރިންނޭވެ. އަޅުގަނޑު މިވަގުތުވެސް މީނީ ވަރަށް އަސަރުކޮށްފައެވެ. އެދުވަސް ހަނދާނަށް އައީމައެވެ. މާފުކުރައްވާށެވެ. މިޙާދިޘާގެ ތަފްސީލު ލިޔަން އަހަރެން އުޒުރުވެރިވަމެވެ. މިކަން ހިތަށް އެރިޔަސް އުދަނގޫވެއެވެ.
ހިނގައިދިޔަ ކަމެއް ހިނގައިދިޔައީއެވެ. ފެންކުޅީގެ ސަބަބުން މަށާއި މަގޭ އަނބިމީހާގެ ދެމެދު ޒުވާބު އުފެދިއްޖެއެވެ. ޒުވާބު ހޫނުވަމުން ގޮސް އެންމެ ފަހުން މަގޭ އަނބިމީހާ ވަރިވެސް ކޮށްފީމެވެ.
އަޅުގަނޑަށް އެންމެ ބޮޑު މައްސަލައަކަށްވީ އެކަން އޭނާއަށް މާބޮޑު ކަމަކަށް ނުވެ އޭނަވެސް އެ "މަޖަލުގައި" ޝާމިލްވީތީއެވެ. މަގޭ ކުދިންކޮޅުގެ މަންމައަށް އެކުރެވުނު ކަންތަކަށް އަދިވެސް އޭނާ ދެރައެއް ނުވެއެވެ. އަޑު އިވޭ ގޮތުގައި މިހާރު އޭނާ ބޭނުންވަނީ އޭނާގެ މޫނުގައި ކުލަ "ފިރުމާލި" މީހާއާ ގުޅޭށެވެ. ކުރާނެ ކަމެއް ނެތެވެ. އަހަރެން ބޭނުން ވަނީ އޭނާއަށް ކުރެވުނު ކަންތައް އޭނާއަށް ވިސްނޭ ދުވަހެއް އައުމެވެ.
ކިޔުންތެރިންނޭވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށް ދުޢާކޮށްދޭށެވެ. އަހަރެން މިއަދު މިވަނީ ވަރަށް ބޮޑަށް ޙާލުގައި ޖެހިފައެވެ. މާލީ ގޮތަކުންނެއް ނޫނެވެ. ނަފްސާނީ ގޮތުންނެވެ. ދަރިން ދެކެވެސް ފޫހިވަނީ އެވެ. ދިރިއުޅުމުގެ މަތިންވެސް ފޫހިވަނީއެވެ. ނަމަވެސް އަތުން ފައިން ގޯހެއް ނުހަދާ ހުންނަން މިހުރީ ޢަޒުމް ކަނޑައަޅައިގެންނެވެ. ﷲ އަހަންނަށް އުފާވެރި ދިރިއުޅުމެއް ދެއްވާށިއެވެ.
ނޯޓު: މިއީ ސަލާމަތުގެ މަގު ފޭސްބުކް ޕޭޖް ގައި ޝާއިޢުކޮށްފައިވާ ޙަޤީޤީ ޙާދިޘާއެކެވެ.















Divorcing is not a wise action in this situation. Always get the openion of the experts.