ސުވާލު: ރަމަޟާން މަސް ފެށުނުއިރު އަހަރެންހުރީ އަހަރެންގެ ޤައުމުގައި، ދެން ރޯދަމަސް ތެރޭގައި އަހަރެން އެހެން ޤައުމަކަށް ދަތުރުކުރިން. އެޤައުމު މީހުން ރޯދަ ހިފަން ފަށާފައިވަނީ އަހަރެންގެ ޤައުމުގެ މީހުންނަށްވުރެ އެއްދުވަސް ފަހުން. ސުވާލަކީ މަސް ނިމޭއިރު އެމީހުން 30 ދުވަހު ރޯދަ ހިފާނަމަ އެމީހުންނަށް ތަބާވުމުގެ ގޮތުން އަހަރެން އެމީހުންނާއެކު ރޯދަ ހިފަންވީތޯ؟ އެހެން ވެއްޖެނަމަ އަހަރެންނަށް 31 ރޯދަ ހިފޭނެ.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ސުވާލުގައި ދެންނެވިފައިވާ ފަދަ ހާލަތެއް ދިމާވެއްޖެނަމަ އެމީހަކު ހުރި ޤައުމެެއްގެ މީހުން ރޯދަ ހިފާ ނިމެންދެން އެބަޔަކާ އެއްކޮށް ރޯދަ ހިފާނީއެވެ.
ޝައިޚް އިބްން ބާޒް ރަހިމަހުﷲ އާއި މިފަދައިން ސުވާލު ކުރެވުނު ހިނދު ވިދާޅުވިއެވެ.
"މިފަދަ ހާލަތުގައި އޭރަކު އެމީހަކު ހުރި ޤައުމެއްގެ މީހުންނާއެކު އެމީހުން ރޯދަ ހިފާވަރަށް ރޯދަ ހިފާނީއެވެ. އެއީ 30 ދުވަހަށްވުރެ އިތުރުވީކަމުގައި ވިޔަސްމެއެވެ. އެހެނީ އޭނާ ހުރި ޤައުމަށް ހަނދު ފެނިފައި ނުވާތީއެވެ.
ރަސޫލާ صل الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.“ރޯދަހިފުންވަނީ ތިޔަބައިމީހުން (އެންމެން) ރޯދަ ހިފާދުވަހުއެވެ. އަދި ރޯދަވީއްލުންވަނީ (އެބަހީ: ރޯދަ ދޫކޮށްލުން) ތިޔަބައިމީހުން(އެންމެން) ރޯދަވީއްލާދުވަހުއެވެ. އަދި އަޟްޙާގެ ދުވަހަކީ ތިޔަބައިމީހުން (އެންމެން) އުޟްޙިޔާކަތިލާދުވަހެއެވެ.”
އެހެން ނަމަވެސް 29 ދުވަސް ހަމަވެފައިނުވާނަމަ 29 ދުވަސް ހަމަވަންދެން ރޯދަ ހިފާނީއެވެ. ސަބަބަކީ އެއްވެސް މަހެއް 29 ދުވަހަށްވުރެ ކުރު ނުވާނެތީއެވެ.
ޝައިޚް އުޘައިމީން ރަހިމަހުﷲ ވިދާޅުވިއެވެ.
މީހަކު ރޯދަމަސް ފެށުނުފަހުން އެނާހުރި ޤައުމުން އެހެން ޤައުމަކަށް ބަދަލުވެއްޖެނަމަ އަދި އޭނާ އެބަދަލުވިތަނުގައި ރޯދަމަސް ނިމުން ލަސްވެއްޖެނަމަ، ފަހެ އޭނާ އެބައިމީހުންނާއެކު ރޯދަހިފާނީއެވެ. އެހެނީ ރަސޫލާ صل الله عليه وسلم ޙަދީޘް ކުރައްވާފައިވާ ގޮތަށް ރޯދައަކީ މީސްތަކުން ރޯދަ ހިފާދުވަހު ހިފަން އޮންނައެއްޗެކެވެ. އަދި ރޯދަ ދޫކޮށްލުންވެސް އޮންނަނީ މީސްތަކުން ރޯދަ ދޫކޮށްލާދުވަހުއެވެ. އަދި އަޟްޙާގެ ދުވަހަކީ މީސްތަކުން އުޟްޙިޔާކަތިލާދުވަހެއެވެ.
މިއީ އެއްދުވަސް ނުވަތަ އެއަށްވުރެ އިތުރަށް އޭނާ ރޯދަހިފަން ޖެހުނުނަމަވެސްއެވެ. އެހެނީ އޭނާ ދެވަނަ ރަށަށް ބަދަލުވިއިރު އެތާގައި އަދި ހަނދުފެނިފައިނުވެއެވެ.
ރަސޫލާ صل الله عليه وسلم ޙަދީޘް ކުރެއްވިއެވެ. صُوْمُوا لِرُؤْيَتِهِ ، وَأَفْطِرُوا لِرُؤْيَتِهِ
މާނައީ: “އެފެނުމުން [އެބަހީ: ހަނދު ފެނުމުން] ރޯދަހިފާށެވެ. އަދި އެފެނުމުން [އެބަހީ: ހަނދު ފެނުމުން] ރޯދަ ދޫކޮށްލާށެވެ.”
މިއާ އިދިކޮޅަށް ދިމާވެއްޖެނަމަ ދަންނައެވެ. އެގޮތުން ފަހުން ރޯދަ ހިފަންފެށި ޤައުމަކުން ކުރިން ރޯދަ ހިފަންފެށި ޤައުމަކަށް ބަަދަލުވެއްޖެނަމަ އޭނާ އެބައިމީހުންނާއެކު ރޯދަ ދޫކޮށްލާނީއެވެ. އަދި ރަމަޟާންމަހުން ފާއިތުވީ މިންވަރު އޭނާ ޤަޟާކުރާނީއެވެ. އޭނާއަށް އެއްދުވަސް ފާއިތުވިނަމަ އެއްދުވަސް ޤަޟާކުރާނީއެވެ. އަދި ދެދުވަސް ފާއިތުވިނަމަ ދެދުވަސް ޤަޟާކުރާނީއެވެ. ފަހެ އަށާވީސްދުވަހު ރޯދަ ހިފުމަށްފަހު ރޯދަދޫކޮށްލައިފިނަމަ، ދެރަށުގެ މީހުންވެސް 30 ރޯދަހިފިނަމަ ދެދުވަސް ޤަޟާކުރާނީއެވެ. ނަމަވެސް އެދެރަށުގައި ނުވަތަ އެއްރަށުގައިވެސް މަދުން ރޯދަހިފިނަމަ އެބަހީ 29 ދުވަސް ރޯދަހިފިނަމަ، އޭނާ ޤަޟާކުރާނީ އެއްދުވަހެވެ.

















ޚިޔާލު