ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރުސީ) އިން ކަސްޓަމްސްގެ މުވައްޒަފުންނާއި އާއިލާތަކަށް ބޭއްވި ސީއާރުސީ 7 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިމަހުގެ 11 ވަނަ ދުވަހު ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަބްދުލް ޤަފޫރު އަޙްމަދެވެ.
ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ އެކިވަނަތަކަށް އިނާމާއި ފައިސާގެ އިނާމް ހަވާލުކުރިއިރު މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޔާޢީޝް މުޙައްމަދު ނިޔާޒުއެވެ. ދެވަނަ ފާތިމަތު ޝާޔަން ފަހުމީ ހޯދިއިރު ތިންވަނަ ހާޞިލްކޮށްފައިވަނީ އާއިޝަތު ނީޒާ ނިޒާރުއެވެ.
މިމުބާރާތުގެ އެއްވަނަ އަށް ދިޔަ ފަރާތަށް ޢުމްރާ ދަތުރެއް ދީފައިވާ އިރު ދެވަނައަށް އޭސީ އެއް އަދި ތިންވަނައަށްވަނީ ދޮންނަ މެޝިނެއް އިނާމްގެ ގޮތުގައި ދީފައެވެ.
މިމުބާރާތުގައި ކަސްޓަމްސްގެ ސެކްޝަންތަކާއި ޔުނިޓްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ބައިގެ އެއްވަނަ ހާޞިލްކޮށްފައިވަނީ ޕެސެންޖަރ ކްލިއަރެންސް ސެކްޝަންއެވެ. މިބައިގައި ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދާފައިވަނީ ފާތިމަތު ހަމްދާ އަޚްބަރުއެވެ. ހިތުން ކިޔުމުން އެއްވަނަ މަމްދޫހް މަހްމޫދު ހޯދިއިރު ސުވާލާއި ޖަވާބުގެ ބައިން އެންމެ ގިނަ ސުވާލު ރަނގަޅުކޮށްގެން އެއްވަނަ ހާޞިލްކުރީ އަހުމަދު ނާޝިދުއާއި އަލީ ޒުބައިރުއެވެ.
އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް މުހައްމަދު ޖުނައިދުއާއި ކަސްޓަމްސްގެ އިސްވެރިންގެ އިތުރުން ކަސްޓަމްސްގެ އާއިލާތަކުގެ މީހުންވަނީ ބައިވެރިވެފައެވެ.

















ޚިޔާލު