ދީންސުވާލާއި ޖަވާބު

ޢީދު ހުކުރު ދުވަހާއި ދިމާވެއްޖެނަމަ ޢީދު ނަމާދުކުރި މީހަކު ހުކުރު ނަމާދު ކުރަންޖެހޭނެތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ޢީދު ދުވަސް ހުކުރު ދުވަހާއި ދިމާވެއްޖެނަމަ ކަންތައްކުރާނެ ގޮތަކާއި ބެހޭ ގޮތުން ވަރަށް ގިނަ ހަދީޘްތަކާއި ޞަހާބީންގެ ފަރާތުން އާޘާރުތައް އައިސްފައިވެއެވެ. ތިރީގައި މިވަނީ އެއިގެ ތެރެއިން ބައެކެވެ.

 

عَنْ إِيَاسِ بْنِ أَبِي رَمْلَةَ الشَّامِيِّ قَالَ شَهِدْتُ مُعَاوِيَةَ بْنَ أَبِي سُفْيَانَ وَهُوَ يَسْأَلُ زَيْدَ بْنَ أَرْقَمَ قَالَ أَشَهِدْتَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدَيْنِ اجْتَمَعَا فِي يَوْمٍ قَالَ نَعَمْ قَالَ فَكَيْفَ صَنَعَ قَالَ صَلَّى الْعِيدَ ثُمَّ رَخَّصَ فِي الْجُمُعَةِ فَقَالَ مَنْ شَاءَ أَنْ يُصَلِّيَ فَلْيُصَلِّ) رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك"

މާނަ: މާތް ﷲ ރުއްސުންލެއްވި ޢިޔާޟް ބިން އަބީ އަރްމަލާ އައްޝާމީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މުޢާވިޔާ ބިން އަބީ ސުފްޔާން، ޒައިދު ބިން އަރްޤަމްގެ ގާތުގައި ސުވާލު ކުރައްވަނިކޮށް އަޑުއެހީމެވެ. ރަސޫލާ صل الله عليه وسلم ގެ ޒަމާނުގައި އެއްދުވަހެއްގައި ދެ ޢީދު ދިމާވި ހެއްޔެވެ؟ ވިދާޅުވިއެވެ. އާނއެކެވެ. މުޢާވިޔާ ސުވާލުކުރެއްވިއެވެ. ކީރިތި ރަސޫލާ صل الله عليه وسلم ކަންތައްކުރެއްވީ ކޮން ގޮތަކަށްތޯއެވެ؟ ޒައިދު ވިދާޅުވިއެވެ. ޢީދު ނަމާދު ޖަމާޢަތުގައި ކުރެއްވިއެވެ. އަދި ހުކުރު ނަމާދަށް رخص ދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާން ބޭނުންބަޔަކު ޙާޟިރުވާށެވެ."

 

عَنْ أَبِي هُرَيْرَةَ , عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ - , قَالَ : " قَدِ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ , فَمَنْ شَاءَ أَجْزَأَهُ مِنَ الْجُمُعَةِ , وَإِنَّا مُجَمِّعُونَ) رواه الحاكم

މާނަ: މާތް ﷲ ރުއްސުންލެއްވި އަބޫޚުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صل الله عليه وسلم ހަދީޘް ކުރެއްވިއެވެ. "މިއަދު މިވަނީ ތިޔަބައިމީހުންނަށް ދެޢީދު އައިސްފައެވެ. ބޭނުންވެއްޖެ މީހަކަށް ހުކުރު ނަމާދު ފުދިއްޖެއެވެ. އަހަރުމެން ހުކުރު ނަމާދަށް ޖަމާވާ ހުށީމެވެ."

 

عَنْ ابْنِ عُمَرَ قَالَ اجْتَمَعَ عِيدَانِ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَلَّى بِالنَّاسِ ثُمَّ قَالَ مَنْ شَاءَ أَنْ يَأْتِيَ الْجُمُعَةَ فَلْيَأْتِهَا وَمَنْ شَاءَ أَنْ يَتَخَلَّفَ فَلْيَتَخَلَّفْ) رواه ابن ماجه

މާނަ: މާތް ﷲ ރުއްސުންލެއްވި އިބްން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صل الله عليه وسلم ގެ ޒަމާނުގައި އެއްދުވަހެއްގައި ދެޢީދު އައެވެ. އެކަލޭގެފާނު މީސްތަކުންނާއިގެން ނަމާދު ކުރެއްވުމަށް ފަހުގައި ހަދީޘް ކުރެއްވިއެވެ. "ހުކުރު ނަމާދަށް އަންނަން ބޭނުން ބަޔަކު އަންނާށެވެ. ނައިސް މަޑުކުރަން ބޭނުން މީހަކަށް އެފުރުޞަތުވެސް އެބައޮތެވެ."

 

عَنْ عَطَاءِ بْنِ أَبِي رَبَاحٍ قَالَ صَلَّى بِنَا ابْنُ الزُّبَيْرِ فِي يَوْمِ عِيدٍ فِي يَوْمِ جُمُعَةٍ أَوَّلَ النَّهَارِ ثُمَّ رُحْنَا إِلَى الْجُمُعَةِ فَلَمْ يَخْرُجْ إِلَيْنَا فَصَلَّيْنَا وُحْدَانًا وَكَانَ ابْنُ عَبَّاسٍ بِالطَّائِفِ فَلَمَّا قَدِمَ ذَكَرْنَا ذَلِكَ لَهُ فَقَالَ أَصَابَ السُّنَّةَ) رواه أبو داود,

މާނަ: މާތް ﷲ ރުއްސުންލެއްވި އަތާއު ބިން އަބީ ރަބާހުގެ ފަރާތުން ރިވާވެގެންވެއެވެ. ތިމަންމެންނާއެކު އިބްން ޒުބައިރު ހުކުރު ދުވަހެއްގެ ހެނދުނު ކޮޅުގައި ޢީދު ނަމާދު ކުރެއްވިއެވެ. އެދުވަހު ހުކުރު ނަމާދަށްދިޔަ އިރު އިބްން ޒުބައިރު ނިކުމެވަޑައި ނުގަންނަވައެވެ. އެހެންވެ އަހަރުމެން ހުކުރު ނަމާދުކުރީ އެކަލޭގެފާނު ނުލައެވެ. އެވަގުތުގައި އިބްން އައްބާސް رضي الله عنه ވަޑައިގެންވީ ޠާއިފްގައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންނެވުމުން އެވާހަކަތައް ދެންނެވުމުން ވިދާޅުވިއެވެ. "އިބްން ޒުބައިރު ކަންތައްކުރެއްވީ ސުންނަތަށާއި އެއްގޮތަށެވެ."

 

އިސްވެ ބަޔާންކުރެވުނު ދަލީލުތަކުގެ އަލީގައި އަންނަނިވި ކަންތައްތައް ފާހަގަ ކުރަމެވެ.  

  • ޢީދު ނަމާދުގެ ޖަމާއަތަށް ޙާޟިރުވެއްޖެމީހާ ހުކުރު ނަމާދުގެ ޖަމާއަތަށް ޙާޟިރުވުން ލާޒިމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހަކު މެންދުރު ނަމާދު ކުރަންޖެހޭނެއެވެ.
  • މީސްތަކުންނާއެކު ހުކުރު ނަމާދުގެ ޖަމާޢަތުގައިވެސް ބައިވެރިވެއްޖެނަމަ އެކަން އައުލާކަން ބޮޑެވެ.
  • ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވާ މީހުން ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާން ޖެހޭނެއެވެ. އެފަދަ މީހުން އިސްވެ ބަޔާންކުރެވުނު رخص ގެ ތެރެއަށް ނުވަންނާނެއެވެ.
  • އިމާމް މީހާގެ މައްޗަށް ލާޒިމްވެގެންވަނީ އެދުވަހުގެ ހުކުރު ނަމާދުގެ ޖަމާއަތް ޤާއިމް ކުރުމެވެ. ޙާޟިރުވާން ބޭނުން މީހުން ޙާޟިރުވާނީއެވެ. ބޭނުންނުވާ މީހަކު ޖަމާޢަތް ދޫކޮށްލާނީއެވެ.
  • ޢީދު ނަމާދުގެ ޖަމާއަތަށް ޙާޟިރުވުމުގެ ސަބަބުން ހުކުރުގެ ޖަމާއަތް ދޫކޮށްފިމީހާ މެންދުރު ނަމާދުކުރަން ޖެހޭނެކަން ހަނދާން ބަހައްޓަންވާނެއެވެ. އެދުވަހުގައި މެންދުރު ނަމާދުވެސް ކުރަން ނުޖެހޭނެކަމަށް ބައެއް މީހުން ވާހަކަ ދައްކާ އުޅެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ.

والله أعلم.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން