ވާހަކަ

ޙަޤީޤީ ވާހަކަ: ދަރިއަކު ލިބުން އެދި...

މިވާހަކައަކީ، ދަރިން ދެއްވާނެ ވަގުތެއްގެ ދިގު އިންތިޒާރުތައް ކުރަމުންދާ ކޮންމެ ދެމަފިރިއެއްގެ ބަނަވަމުންދާ ޙަޔާތަށް އުއްމީދުގެ ހުޅުކޮޅެއް ކިތަންމެ ފަނޑުގޮތެއްގައި ނަމަވެސް ދިއްލާލެވޭތޯ ތަޙްސީސްކުރާ ވާހަކައެކެވެ.

*****************

"ތިބާ ބޭނުންވާ އެއްވެސް އެދުމެއް، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މާބޮޑުކަމެއްކަމުގައި ވެދާނެކަމަށް ހީނުކުރާށެވެ. އެކަލާނގެ ވަޙީކުރައްވާނީ 'ވާށޭ' އެވެ. ދެން ފަހެ އެކަމެއް ވެދެއެވެ. ޙައްދެއްގައި ބަންދުވެފާ ނުވާ ފަރާތް ޙައްދެއްގެ ތެރެއަށް ނުލާށެވެ."

މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑު މަތީގައި އެވާ ބަސްކޮޅު "ފޭސްބުކް ސްޓޯރީ"އެއްގައި ޙިއްސާކޮށްލީމެވެ. އެއަށް "ކޮމެންޓު"ކުރި އެއް ރައްޓެއްސަކު އޭނާ އެކަން އެތައް ފަހަރަކު ތަޖްރިބާ ކުރެވުނުކަމަށް ބުނުމުން، އޭގެ އެއް ޙާދިޘާ ކިޔާދިނުމަށް އެދުނީމެވެ. އޭނާ ކިޔާދިނީ އޭނާއަށް އެންމެ ފަހުން ދިމާވި އެފަދަ ޙާދިޘާއެވެ. އެތައް އަހަރަކަށްފަހު އޭނާގެ އަންހެނުން ފުރަތަމަ ދަރިފުޅަށް ބަލިވެއިން ގޮތުގެ ވާހަކައެވެ.

*****************

"އަހަންނަކީ ދީނީ ކަންކަމަށް އެހާ ސަމާލުކަން ދިން މީހެކޭ ބުނެފިއްޔާ އެވާނި ދޮގަކަށް." މިއީ އެރަޙްމަތްތެރިޔާ އޭނާގެ އަންހެނުން ބަލިވެ އިން ގޮތުގެ ވާހަކަ ކިޔާދޭން ފެށިގޮތެވެ. މި ޙަޤީޤީ ވާހަކައާއެކު ކުރިއަށްދާން އެކުވެރިޔާއަށް ދޫކޮށްލަމެވެ.

*****************

އަހަރެންވެސް ކިޔަވާ ނިންމާފައި އެހެން މީހުންނެކޭ އެއްގޮތަށް ހަމަ މީހަކާ އިނީ. އެއީ މީގެ އަހަރުތަކެއް ކުރި. އަހަރެމެންވެސް އުންމީދުކުރަމުން ދިޔައީ އަހަރެމެންގެ ކުޑަ ކުޑަ ޢާއިލާއަށް ކައިވެނީގެ މޭވާކަމުގައިވާ ދަރިން ލިބޭނެ ދުވަހަކަށް. މިގޮތަށް އެތައް އަހަރެއް އިންތިޒާރުކުރުމުގައި ތިބިން. ނަމަވެސް އެދުވަހެއް ނައި.

ޞިއްޙީ މައްސަލައެއްގެ ސަބަބުން ދިމާވެދާނެ ކަމެއް ކަމަށް ބަލާ، ކައިރި އަވައްޓެރި ދެކަރައަކަށް ބޭހަށްވެސް ދިޔައިން. ދެ ފަހަރު ދެ ޤައުމަށް ދިޔުމުންވެސް، ތަފާތު ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރުން ބުނުއްވީ ދެމީހުންގެވެސް އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް. މާލޭންވެސް ދެތިން ޑޮކްޓަރުންނަށް ދެއްކިން. ހަމަބުނީ އެހެން. އެއްވެސް މައްސަލައެއް ނެތް. ނަމަވެސް އަހަރެމެން ބޭނުންވި ކަންތައް އަހަރެމެންނަކަށް ނުލިބުނު.

އަނެއްކާވެސް ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތްކުރިން. ނަމަވެސް ދަރިއަކު ނުލިބި ކައިވެންޏަށް ދުވަސްވެގެން ދާ ވަރަކަށް ދެމަފިރިންނަށްވެސް މާޔޫސްކަމާ ކުރިމަތިލާން ޖެހުނު. ދެމީހުންގެ ތެރޭގައި މައްސަލަޖެހި، ކުދި ކުދި ޒުވާބު އުފެދޭން ދިމާވާ ސަބަބަކަށް މިކަން ވެއްޖެ. ޢާއްމު ދިރިއުޅުމައިގެން ކުރިއަށް ނުދެވޭހާ އުނދަގޫތައްވެސް މިކަމުގެ ކުރިމަތިވާން ފަށައިފި.

އެހެން މީހުންގެ ތުއްތު ދަރިންތައް ފެންނަ ކޮންމެ ފަހަރަކު އެކަމާ އަހަންނަށް ފިކުރުކުރެވޭ. އެހެންމީހުންނަށް ފާޅުކުރަން ބޭނުން ނުވިޔަސް، އަހަރެންގެ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުން ހިތް ކުދިކުދިވެގެންދާހެން ހީވޭ.

އަހަރެން އެންމެ ފަހުން ނިންމީ ރަޙްމާންވަންތަ އިލާހުގެ ޙަޟްރަތަށް ރުޖޫޢަވެ، އެކަލާނގެ މަދަދަށް އެދި އާދޭސް ދަންނަވަން. އެތައް ޒަމާނަކަށްފަހު އަހަރެން އަލުން އަނެއްކާވެސް ބަރާބަރަށް ނަމާދުކުރަން ފެއްޓިން. ނަމާދުކުރަން ފެއްޓުމުން އަހަރެންގެ ބޮލުން އުދާސްތައް ބޭރުވެ، ހިތަށް ފޮނި ހަމަޖެހުމެއް ލިބޭކަން އިޙްސާސްވި. އެކަހަލަ އިޙްސާސެއް ދުވަހަކުވެސް އޭގެ ކުރިއަކުން ނުލިބޭ.

ލިބެން ފެށި ހިތްހަމަ ޖެހުމާއެކު ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވެވެން ފެށި. ބަރާބަރަށް އެނަމާދުތަކަށް އާދަވެވުމުން، މަޑުމަޑުން ގޮސް ސުންނަތް ނަމާދުތައްވެސް ކުރާ ހިތްޖެހިއްޖެ. ދަމުނަމާދު ކުރުމަކީ އެކަމުގަ ހުރި ފޮނިކަން މިހެން މީހަކަށް ބަޔާންކޮށްދެވޭނެ ކަންކަމެއް ނޫން. ނަމާދުތަކަށްފަހު ޞާލިޙް ދަރިފަސްކޮޅެއް ދެއްވާތޯ ﷲގެ ޙަޟްރަތުގައި ދަންނަވަމުން ދިޔައިން.

ދަރިއަކު ނުލިބި ގިނަ ދުވަސްތަކެއްވުމުން ޙަޔާތަށް ވެރިވި މާޔޫސްކަމުގެ ސަބަބުން ދަތިވެގެން ދިޔަ ދިރިއުޅުން، ﷲގެ ޒިކުރުގެ ސަބަބުން ފާގަތިކޮށްލަދިން. ނަމާދުން ރާޙަތު ލިބުނު. މުޅި މީހާ އެހެން މީހަކަށް ބަދަލުވި ފަދަ.

މިގޮތުގައި ދިރިއުޅެމުން ދިޔަތާ ދުވަސްތަކެއް ފަހުން، އަހަރެމެން އިންތިޒާރުކުރަމުން ދިޔަ ޚަބަރު ލިބިއްޖެ. އަލްޙަމްދުލިﷲ! ހިއެއްވެސް ނުކުރަން. އެހެނަސް އަހަރެންގެ ވައިފް މިހާރު ޕްރެގް! އަލްޙަމްދުލިﷲ! އެއްވެސް ޑޮކްޓަރަކަށް ނުދައްކާތާ، އަދި އެއްވެސް ބޭހެއް އަދި ފަރުވާއެއްވެސް ނުކުރާތާ މިހާރު 2 އަހަރު ވެއްޖެ. ދަރިން ދެއްވާ ފަރާތުން ދެއްވަންވީމާ ދެއްވާނެ! އެކަލާނގެއަށް އެއްވެސްކަމެއް އެއީ އުދަނގޫކަމެއް ނޫން. އެކަލާނގެ ރަޙްމަތުން މާޔޫސް ނުވޭ. ކޮންމެ ކަމަކީ އެކަލާނގެ ދެއްވާ އިމްތިޙާނެއް. އަލްޙަމްދުﷲ!

*****************

އަޅުގަނޑުގެ ރަޙްމަތްތެރިޔާގެ ވާހަކަ މި ނިމުނީއެވެ. އެއީ ޒުވާނުންނަށް ހުރި ނަމޫނާއެކެވެ. ކުރިން މާ ދީނާ ގާތް ނޫން ދިރިއުޅުމެއް އުޅުމަށްފަހު، ޙަޔާތަށް އަނދިރިކުރި ބަނަ ވިލާތަކުން ސަލާމަތްވާން ﷲގެ ޙަޟްރަތަށް އޭނާ ރުޖޫޢަވީއެވެ. ތެދެކެވެ. އޭނާ ނަމާދުތަކަށް ފަރުވާތެރިވި މަންޒަރު އަޅުގަނޑު ލޮލުން ދެކުނީމެވެ. ދީނީ ޓެގު އަޅުވައިގެން އުޅޭ ކުދިން ލަދުގަންނަ ވަރަށް އޭނާ ނަމާދުތަކަށް ފަރުވާތެރިވިއެވެ. އަޅުގަނޑުގެ ދުޢާއަކީ، އެއަޚާގެ ދެދުނިޔޭގެ ޙަޔާތްވެސް ބާއްޖަވެރިވެ، ޞާލިޙް ދަރިފަސްކޮޅެއް ދެއްވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ