އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މުބާރާތް ބާއްވާ ދިވެހި ބަހުގެ އެކަޑަމީއިން ބުނެފައިވަނީ 33 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 7 ވާ ބުރާސްފަތިދުވަހާއި ހަމައަށްވަނީ އިތުރުކޮށްފައެވެ.
މިމުބާރާތް ބަހާފައިވަނީ ތިން ބަޔަކަށެވެ. އެއީ ސްކޫލްތަކުގެ ބަޔާއި މަތީ ތައުލީމްގެ ބައިގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައެވެ.
އެގޮތުން ސްކޫލްތަކުގެ ބައިގައި ބައިވެރިވެވޭ އުމުރުފުރާ ތަކަކީ 13 އަހަރުން ދަށާއި 13 އަހަރާއި 16އަހަރާ ދެމެދު އަދި 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. މަތީ ތައުލީމްގެ ބައިގައި ބައިވެރިވެވެނީ ޔުނިވަރސިޓީ / ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ ތަކަށެވެ. އަމިއްލަ ފަރާތްތަކުގެ ބައިގައި ބައިވެރިވެވެނީ 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރާ ގައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 3 އިން 31 ގެ ނިޔަލަށް ކަމުގައި އެކަޑަމީއިން ބުނެއެވެ.
މިމުބާރާތުގައި ކުރިން އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން ކްލަބް، ޖަމިއްޔާ ، ޖަމާއަތްތަކުގެ ބައި ހިމަނާފައިވީ ނަމަވެސް މިހާރު އެބައިވަނީ ބަހުސް މުބަރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައެވެ. އަދި މިބަޔަށް ފޯމް ހުށަހެޅުމުގެ ތާރީޚަކީ 2018 ޖޫން 14ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ.
މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ދިވެހިބަހުގެ އެކެޑަމީންނާއި އެކެޑަމީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...