ބ ކިހާދޫ ކައުންސިލާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ކިހާދޫ ރައްޔިތުންނަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނަމާދު ވޯރކްޝޮޕަށް ކިހާދޫ ސްކޫލް ހޯލް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ދެކޮޅު ހަދައިފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ ކިހާދޫގެ ރައްޔިތުންނަށް ބާއްވާ ނަމާދު ވޯރކްޝޮޕަކަށް ސްކޫލް ހޯލް ހޯދުމަށް ސިޓީ ފޮނުވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެކަމަށް ބޭނުންވާ ހުއްދަ ނުދިނުމުގެ ސަބަބުން ސްކޫލް ހޯލް ނުލިބި ވޯރކްޝޮޕް ކުރިއަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ފަޒީލް ވިދާޅުވީ މިއީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގެ ރައްޔިތުންނަށް ކުރިއަށް ގެންދާ ކަމެއް ކަމަށާއި މިފަދަ ކަމެއް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ހިއްސާއާއެކު ޢިމާރާތްކޮށްފައިވާ ސްކޫލް ބޭނުން ކުރުމަށް އެޑިއުކޭޝަނުން ހުއްދަ ނުދޭނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.
"އެޑިއުކޭޝަނުން ފޮނުވާ މުދައްރިސުންވެސް މިބައިތިއްބަނީ ކައުންސިލްގެ އެކޮމޮޑޭޝަންގައި. މުދައްރިސުން ތިބޭ ތަނާ ޖެހިގެން އެހުންނަނީ ކައުންސިލްގެ ތިޖޫރީވެސް. އެހާ ގާތްކޮށް އަޅުގަނޑުމެން ކަންކަން ކުރާއިރު މިފަދަ ގޮތަކަށް އެޑިއުކޭޝަނުން އަމަލުކުރުމަކީ ހިތާމަހުރި ކަމެއް" ފަޒީލް ވިދާޅުވިއެވެ.
ސްކޫލް ހޯލް ނުލިބުމުގެ ސަބަބުން ކިހާދޫގައި ނަމާދު ވޯރކްޝޮޕް ކުރިއަށް ގެންދަނީ މިސްކިތުގެ ތެރޭގައި ޕްރޮޖެކްޓަރ ބަހައްޓައިގެންނެވެ.
މިކަމާއި ގުޅޭގޮތުން ޖަމިއްޔަތުއް ސަލަފްގެ ނައިބް ރައީސް އައްޝައިޚް ހަސަން މޫސާ ފިކުރީވެސް ވިދާޅުވެފައިވަނީ ކައުންސިލާއި ރައްޔިތުންނާއި ބެލެނިވެރިން އެދިގެން ބާއްވާ ނަމާދު ވޯރކްޝޮޕަކަށް ސްކޫލްގެ ހޯލް ނުލިބުމަކީ ނިހަޔަތަށް ހިތާމަހުރި ކަމެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ދީނީ ދަރުސްތަކަށް ހުރަސް އެޅުމުގެ ގޮތުން ސްކޫލްތަކުގެ ހޯލްތައް ބޭނުންކުރުމުގެ ހުއްދަ ނުދޭތީވެ އެކަމާއި ގުޅޭގޮތުން ޖަމިއްޔަތުއް ސަލަފްއިންވަނީ ހުސްވި ހަފްތާގައި ގިނަ އަދަދެއްގެ ޢިލްމުވެރިންނާއެކު މަޝްވަރާކުރުމަށް ބައްދަލުވުމެއްވެސް ބާއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...