ރިޕޯޓް

"ގެއްލޭނެތަ؟": ރޯދައާއި ގުޅޭ މުހިއްމު މައުލޫމާތު ކުރުކޮށް ފޮނިކޮށް

ރަމަޟާންމަހަކީ އަހަރުގެ އެހެން މަސްތަކާއި އަޅާބަލާއިރު އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު ދީނީ ގޮތުން ހަރަކާތްތެރި މަހެކެވެ. އެމަހުގެ ދަރުމައާއި ޘަވާބު ޙާޞިލްކުރެވޭތޯ ގަދައަޅާ މަސައްކަތްކުރާ މަހެކެވެ. ރަމަޟާންމަހަށް ރޫހާނީ ގޮތުންވެސް ހަށިގަނޑު ތައްޔާރުކުރުމަށް ދީނީ ގޮތުން ރޯދައާއި ގުޅޭ ތަފާތު މައުލޫމާތު ހޯދާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެކޭ ނުދެންނެވޭނެއެވެ. އެކަމުގެ ހެއްކަކަށް ރޯދައާއި ގުޅޭގޮތުން އަޅުގަނޑުމެންނަށްވެސް ކިޔުންތެރިން ފޮނުވަމުންދާ ސުވާލުތައް ފުދެއެވެ.

ރޯދައާއި ގުޅޭގޮތުން ހިތުގައި އުފެދޭ ސުވާލުތަކަށް ވަރަށް ފަސޭހައިން ޖަވާބު ލިބޭނެ އިންތިޒާމެއް މިފަހަރު މިވަނީ ހަމަޖެހިފައެވެ. އެއީ އަލް އަޞްރު ޖަމިއްޔާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ "ގެއްލޭނެތަ؟" ޕްރޮގްރާމެވެ.

އެއް މިނެޓްގެ މިޕްރޮގްރާމްގައި ރޯދަ ގެއްލިދާނެކަމަށް މީހުންނަށް ހީވެފައި އޮންނަ ގިނަ ކަންތައްތަކެއްގެ ޖަވާބު ކުރުކޮށް ފޮނިކޮށް ލިބިގެންދެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވަކި މައުޟޫއަކަށް ސަމޫހް ސައީދު އާއި އިސްމާއިލް އަހުމަދުގެ ޑްރާމާ ކޮޅެއް ފެނިގެންދާއިރު ރޯދަ ގެއްލިދާނެތޯ އުފެދިގެންދާ ސުވާލަށް ޖަވާބު ދެއްވަނީ އައްޝައިޚް އަލީ ޒަހިރު ބިން ސައީދު ޤާސިމްއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި އަޞްރުގެ އޮފިޝަލަކު ވިދާޅުވީ "ގެއްލޭނެތަ؟" ވީޑިއޯ ސީރީސްއަކީ މިއަހަރުގެ ރަމަޟާންމަހަށް ތަފާތު އެއްޗެއް ހެދުމުގެ ވިސްނުމުގައި ކުރި މަސައްކަތެއް ކަމަށާއި މިފަދަ ވީޑިއޯ ތަކެއް ތައްޔާރުކުރަމުން އަންނަތާވެސް ދުވަސްކޮޅެއް ވެއްޖެކަމަށެވެ.

އަޞްރުން މީގެކުރިންވެސްވަނީ ރަމަޟާންމަހާއި ދިމާކޮށް "ކޮފީ ވިތް ޝައިޚް" އަދި ރޯދައިގެ މަދަރުސާ ނަމުގައި ޕީއެސްއެމްއާއި ގުޅިގެން ޕްރޮގްރާމްތަކެއް ގެނެސްދީފައެވެ.

"ގެއްލޭނެތަ؟" ސީރީސްގެ ވީޑިއޯއެއް ކޮންމެ ދުވަހަކުވެސް ޓީވީއެމްއިން ފޮނުވާނެއެވެ. އަދި އަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފެންނާނެކަމަށްވެސް އެފަރާތުން ބުނެއެވެ.

 

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް