ރިޕޯޓް

'އެކްސް' އަށް ވެދުން ސަލާމަށްފަހު...

އަޅުގަނޑުމެން ދިވެހިންށަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. އަޅުގަނޑުމެން އުނގެނެންވީ ފޮތާއި އުޅެންވީ ގޮތްވަނީ ދައްކަވާފައެވެ. އާޚިރަތުގެ ކާމިޔާބީއަށް ވާޞިލްވެވޭނެ ސާފުމަގެއް ވަނީ ފަހި ކޮށްދެއްވާފައެވެ. އެމަގު ނޫން އެހެންމަގެއް އިޚްތިޔާރުކޮށްފިނަމަ އޮތީ ވޭންދެނިވި ޢަޒާބެވެ.

ދިރިއުޅުމުގެ މަޤްޞަދާއިމެދު ވިސްނައިލީމު ހެއްޔެވެ؟ ދުނިޔޭގެ ޙަޔާތް ނިމުމުން، އެ ފެށުނީ ދާއިމީ ޙަޔާތްކަން ދަންނާށެވެ. އެދުވަހުން ސަލާމަތްކަން ލިބެން އޮތީ ދުނިޔޭގެ މި ޙަޔާތުގައި ކުރެވުނު ހެޔޮ ޢަމަލުތަކުންނެވެ. މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ. މިދުނިޔެއަށް އައިސް މިތިބީ އަޅުގަނޑުމެންގެ އަމިއްލަ އިޚްތިޔާރުގައި ނޫންކަން ހަނދާނުގައި ބަހައްޓަންޖެހެވެ. އެހެނީ އަޅުގަނޑުމެންނީ މާތް ﷲ ގެ އަޅުންނެވެ. ރުހުނަސް، ނުރުހުނަސް މީ ޙަޤީޤަތެވެ.

ޙަޤީޤަތާއި ކުރިމަތިލަމާ ހިނގާށެވެ. ހުޅަނގުގެ ވަސްވާސްތަކުގައި ޖެހި ހަމަ ބުއްދިން ނެއްޓިގެން ނުދާށެވެ. ޙައްޤުތަކުގެ ވާހަކަ އެވެރިން ދައްކަން ފެށީ ދާދިމިދާކަށް ދުވަހަކު ނޫންހެއްޔެވެ! އިންސާނުން ހެއްދިވި ވެރި އިލާހު ވަނީ އިންސާނާގެ ޙައްޤުތައް މީގެ 1400 އަހަރު ކުރިން ބަޔާން ކޮށްދެއްވާފައެވެ. އަންހެން ކަނބަލުންނަށް އެންމެ ރައްކައުތެރިގޮތަކީ އެކަނބަލުންގެ އައުރަ ނިވާކުރުންކަން ވަނީ ބުނެދެއްވާފައެވެ.

މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެތިބުމަށް  އަންގަވާށެވެ! ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާންގެއެވެ." (އަލް އަޙްޒާބް ސޫރަތް)

ދުނިޔޭގެ ދިރިއުޅުމަކީ އިމްތިޙާނެކެވެ. އައުރަ ނިވާކުރުމަށް އައިސްފައިވާ އަމުރަކީވެސް އިމްތިޙާނެއްކަން ޔަޤީނެވެ. އިންސާނާގެ ތޮބީޢަތަކީވެސް ތިމާއަށް ލިބިފައިވާ ރީތިކަމާއި މޮޅުކަން އިސްތިހާރުކުރުމެވެ. ފަހެ، އަޅުގަނޑުމެންނީ އެކަލާނގެ އަޅުންނަށްވެފައި އެކަލާނގެ އަމުރުފުޅަށް ކިޔަމަންވުމީ އެންމެ ރައްކައުތެރިގޮތް ނޫންހެއްޔެވެ! އެއިމްތިޙާނުން ފާސްވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. އެހެނެއްކަމަކު، އަހުރެންގެ މިނިވަންކަމޭ ބުނެ ޙައްޤުތައް ' ހޯދަން' އުޅުމީ ތިމާގެ ބުއްދި ބޭނުން ނުކުރާކަމެވެ. ހައްދުފަހަނައަޅައި ދިއުމެވެ. ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާއަށް އިޚްތިޔާރުތަކެއް ދީފައިވުމަކީ ތިމާ ހިތުހުރި ގޮތަކަށް އުޅުމަށް އޮތް ހުއްޖަތެއްނޫނެވެ.

އާންމު ގޮތެއްގައި ބައެއް މީހުން ބޭނުން ކުރާ އާޔަތެއް ޤުރުއާނުގައިވެއެވެ.

﴿لَكُمْ دِينُكُمْ وَلِىَ دِينِ ﴾

މާނަ: " ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ." (އަލްކާފިރޫން ސޫރަތް)

އަލްކާފިރޫން ސޫރަތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މައްކާގެ ޤުރެއިޝުންނާއި ދެމެދު ހިނގައިދިޔަ ޙާދިސާއެކެވެ. ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނޭ ބުނާ ބަހުގެ މުރާދަކީ ޤުރެއިޝުންނަށް ޤުރެއިޝުންގެ ދީނުގެ ވާހަކައެވެ.

މިއީ އެއްވެސް ހާލެއްގައި މުސްލިމުން މުސްލިމުންނަށް ރައްދުދޭން ބޭނުންކުރަން ހެޔޮވާ ވަރުގެ އާޔަތެއްނޫނެވެ.

މިފަދަ އޮއިވަރުތަކުގައި ޖެހި ތިބާ މުރުތައްދުވާ (ދީނުން ބޭރުވާ) ޙަލަތްތައް ވެސް އަތުވެދާނެއެވެ. ތިމާ މުރުތައްދު ވެދާނެ ބައެއް ޙަލާތްތަކަށް ބަލާލާއިރު، މާތް ﷲ އާއި އެކަލާނގެ ރަސޫލުންނަށް ނުވަތަ މަލާއިކަތް ބޭކަލުންނަށް ބަދުބަސް ބުނުމާއި  މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުން ހިމެނެއެވެ. މީގެ އިތުރުން ދީނުގައި އައިސްފައިވާ ގޮތް މިޒަމާނަށް ނުގުޅޭކަމަށް ބުނެ، ދީނުގެ ބައެއް ޝިޢާރުތަކަށް ދެކޮޅުހެދުން ހިމެނެއެވެ. އަހުރެންދެކޭ ގޮތް ނުވަތަ 'ލޮޖިކް' އަށް ބުރަވުމަކީ ނުރައްކާތެރިކަމެކެވެ.

ބަޤަރާ ސޫރަތުގެ 217 ވަނަ އާޔަތުގެ މާނާގައި ވެއެވެ. "ކަލޭމެންކުރެ އެމީހެއްގެ ދީނުން މުރުތައްދުވެއްޖެ މީހާ (ދަންނައެވެ.) ދެން އޭނާ އެޙާލުގައި މަރުވެއްޖެއްޔާ އޭނާއަކީ ކާފިރެކެވެ. ފަހެ އެފަދަ މީހުންގެ ހެޔޮ ޢަމަލުތައް ދުނިޔެއާއި އާޚިރަތުގައިވެސް ބާޠިލުވީއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާންގައެވެ."

އެހެންކަމުން މާތް ﷲ ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ދެދުނިޔޭގެ ބާއްޖެވެރިކަމަށް އެދޭ މީހާ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަވަންވާނެއެވެ. މި ދުނިޔޭގެ ވަގުތީ ޙަޔާތުގެ މަޤްޞަދާއި މެދު ފިކުރު ހިންގާށެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ބޭނުންނަމަ އިސްލާމްދީނަށް ފުރިހަމައަށް ކިޔަމަންވާށެވެ. ހެޔޮ ޢަމަލުތަކުގައި ހީވާގިވާށެވެ.

ކީރިތި ޤުރުއާނުގެ ރަޢުދު ސޫރަތުގެ 29 ވަނަ އާޔަތުގެ މާނާގައިވެއެވެ.

" އެއުރެންނީ އީމާންވެ، ޞާލިޙް ޢަމަލުތައްކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް