ކުލާސްތެރޭގައި ހުރި މުދައްރިސް އަތްމަތީގައި އޮތް ފޮތެއް ބަލައިގެން ބޯޑުގައި އެއްޗެއް ލިޔަމުން ގެންދިޔައެވެ. ކުލާހުގައި ތިބި ކުދިން އެ ލިޔެވޭ އެއްޗެއް ފޮތްތަކަށް ނަގަމުން ދިޔައިރު އެމީހުންގެ މެދުގައި އެކިއެކި ވާހަކަތައްވެސް ދެކެވެމުން ދިޔައެވެ. އެއްބަޔަކު މިއީ ހާދަ ފޫހި ގަޑިއެކޭ ބުނަމުން ދިޔައިރު އަނެއްބަޔަކު ކޮންމެވެސް ކަމަކާ ހޭން ތިއްބެވެ. ކުލާހުގެ އެންމެ ފަހަތު ބަރީގައި ތިބި އަންހެން ކުދިންތައް އޮލަ ވާހަކައެއްގައި ތިއްބެވެ. އެހެން ދުވަސްތަކަކާ ޚިލާފަށް މިއަދު އަފްރީން އިނީ އެ ބަރީގައެއްނޫނެވެ. އަފްރީން އިނީ އެންމެ ކުރީ ބަރީގައި އަވަސްއަވަހަށް އޭނަގެ މަސައްކަތް ނިންމާށެވެ. މަސައްކަތުގެ ތެރެއިން އޭނަ ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު އިރުއޮއްސި ހައެއްޖަހައިފިއެވެ. ހަމަ އެވަގުތު ރަނގަބީލުގެ އަޑު އިވުނުތަނާ އަފްރީންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނަ ފޮތް ލައްޕާލިތަނާ މުދައްރިސް ފަސްއެނބުރި ބަލާލައިފިއެވެ.
“ފިލާވަޅު ނުނިންމާ އެއްވެސް ކުއްޖަކު ގޮސްގެންނުވާނެ!” އިނގިރޭސި ބަހުން މުދައްރިސް އިއްވާލިއެވެ. ހަމައެއާއެކު ބައެއްކުދިން ޗޮއްކަނޑާލި އަޑު އިވުނެވެ. އަފްރީން ވަގުތުން ފޮތް ހުޅުވައި މުދައްރިސަށް ދައްކާލިއެވެ. މުދައްރިސް ބޯ ހަލުވާލުމުން އަފްރީން އަނެއްކާވެސް ފޮތް ލައްޕައި އަތުގައި އޮތް ފަންސުރާއެކީ އޭތި ދަބަހަށް ވައްޓައި ޒިބު އަޅުވާލިއެވެ. އެއްކޮނޑުގައި ދަބަސް އަޅުވާލަމުން އަފްރީން ދިގު ފިޔަވަޅުތަކެއްގައި ކުލާހުން ނިކުންނަން ދިޔައެވެ.
“އަފޫ!” ފަހަތު ބަރީގައި ތިބި އަންހެން ކުދިންގެ ތެރެއިން ގޮނޑިން ތެދުވެފައި ހުރި ނައުފާ ގޮވާލުމުން ވެސް އަފްރީން ބަލައެއްނުލިއެވެ.
ކޮރިޑޯ ތެރެއިން ހިނިތުންވުމަކާއެކީ ބާރަށް ހިނގާފަ ދިޔަ އަފްރީންގެ ދިގު ފިޔަވަޅުތައް ދުވުމަކަށް ވެސް ބަދަލުވަމުން ދިޔައެވެ. އެހެންކަމުން ފަހަތުން އައި ނައުފާއަށް އޭނައާއި އެއްހަމަ ކުރެވުނީ ދުވެފައި އައިހެވެ.
“އަފޫ ކިހިނެއްވެގެންތަ މިއަދު ތިއުޅެނީ؟ އަހަރެންނަށް ވެސް ދޯކާދީފަ ފަސްޓް ރޯއަށް މިއަދު ގޮއްސަ ހުރީ.” ނައުފާ އަފްރީން އާއި އެއްވަރަށް ހިނގަމުން ޝަކުވާގެ ރާގަކަށް ބުންޏެވެ. އެވަގުތު އެހެން ކުލާސްތަކުން ވެސް ކުދިން ނިކުންނަމުން ދިޔައީތީ ކޮރިޑޯތެރެ އަޑުގަދަވެފައިވިއެވެ
“ހެހެހެ…..ފަސްޓް ރޯއަށް ދިޔައީ މަސައްކަތް ނިންމޭތޯ ބަލަންވެގެން. ނައުމެންނަށް ވާހަކަ ދައްކަމުން ފިލާވަޅު ނިންމުނަސް އެއީ އަހަންނަށް ވާނެ ކަމެއްނޫން. ޕްލަސް މިއަދު ދޮންތަ އެބައާދޭ!” އަފްރީން ފޯރިއާއެކީ އެހެން ބުނެލަމުން ތޫލި އަޑެއް ލައްވާލިއެވެ.
“އޯވް…..އެހެންވެދޯ އަވަސް އަރުވާލައިގެން ތި އުޅެނީ؟” ނައުފާ ހިނިތުންވުމަކާއެކީ އަހާލިއެވެ. އަފްރީން ހޫނލައްވާލިއެވެ.
ވަކި ހިސާބަކުން ސްކޫލް އޮފީހަށް ވަދެގެން ދިޔަ ނައުފާއާ ވަކިވެ އަފްރީންއަށް ސްކޫލްގެ ގޭޓާއި ހަމައަށް ދެވުނުއިރު ސީދާ އެ ގޭޓުގެ ކުރިމަތީގައި އަޅިކުލައިގެ ޖިޕެއް އޮތެވެ. އެ ޖިޕް ފެނުމާއެކު އަފްރީން އެއާއި ދިމާލަށް ދުވެފައި ގޮސް އޭގެ ކުރީ ސީޓަށްއެރޭ ދޮރު ހުޅުވާލިއެވެ.
“ޔުނިފޯމް ބަދަލުކޮށްގެންދާނެ ވަގުތެއްނެތް އިނގޭ؟” އަފްރީން ޖިޕަށް އަރައި ދޮރު ލައްޕާލި ވަގުތު ކުރީ ސީޓުގައި އިން އޭނަގެ ބައްޕަ ޝަރީފް ބުނެލިއެވެ.
“ދޮންތައާނުލާ ގެއަށްދާކަށްވެސް ނުއުޅެން ދެނެއް.” އަފްރީން ސީޓުގައި ހަމަޖެހެމުން ބުނެލިއެވެ. ޝަރީފް އަފްރީންއަށް ބަލަންހުރެ ލުއިގޮތަކަށް ހީލަމުން ޖިޕު ދުއްވާލިއެވެ.
ޝަރީފް އެހެން ބުންޏެއްކަމަކު އަފްރީންއާއެކީ އެއާރޕޯޓަށް ދެވުނުތާ ދިހަ މިނެޓު ހިނގިއިރުވެސް ފްލައިޓެއް ނުޖައްސައެވެ. ޝަރީފް ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް ޙަޤީޤަތަކީ ޝަރީފްވެސް އަފްރީންއާ އެއްވަރަށް ކެތްމަދުވެފައި ހުރިކަމެވެ. އޭނަގެ ދޮށީ އަންހެން ދަރިފުޅުކަމަށްވާ ނަޞްރާ ދެކިލުމަށްޓަކައެވެ. މިއަދަކީ ނަޞްރާ ފަސް އަހަރުގެ ދިގު މުއްދަތެއްގެ ޓީޗިންގް ކޯހަކަށްފަހު ސައުދީ އަރަބިޔާއިން އަނބުރާ ރަށަށް އަންނަ ދުވަހެވެ. ނަޞްރާ ދިޔަ ދުވަހުއްސުރެ ޝަރީފަށް އޭނަގެ އުނިކަން އިޙްޞާޞްކުރެވުނީ ހީކުރިވަރަށްވުރެވެސް ބޮޑަށެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ނަޞްރާމެންގެ މަންމަ އާބިދާ މި ދުނިޔެ ދޫކޮށްފައިވަނީ ނަޞްރާގެ އުމުރު ފުރާވަރަށް އެޅިގެން އުޅެނީހެވެ. އޭރު އަފްރީންއަށް އެންމެ ތިން އަހަރު ވީއިރު ޢާއިލާގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވާ އަފްރާޒްއަށް ސަތާރަ އަހަރެވެ. އާބިދާގެ މަރު ވެގެން ދިޔައީ މުޅި ޢާއިލާއަށް އައި ލޮޅުމަކަށެވެ. ޝަރީފް ހިންގާ ވިޔަފާރިންވެސް އެދުވަސްކޮޅު ގިނައިން ލިބެމުން ދިޔައީ ގެއްލުމެވެ. ވިޔަފާރީގެ ކަންތައްތަކުގައި އުޅެމުން ކުދިން ނުބެލޭތީ ޝަރީފް އާބިދާގެ ދައްތަ ޝަކީލާގެ އެހީ ހޯދަންޖެހުނެވެ. މި ދަތިތަކާއެކީ ވެސް އޭގެއިން އެއްވެސް ކުއްޖެއްގެ ތަޢުލީމަށް އަސަރުކުރި ކަމަކަށް ނުވެއެވެ. ސަބަބަކީ އެ ތިން ކުދިންނަކީވެސް ތޫނުފިލި އަދި ކިޔެވުމަށް ޝައުޤުވެރިކަން ބަހައްޓާ ކުދިންނަށް ވާތީވެއެވެ. އަފްރާޒްއަށް އޭލެވެލްގައި ލިބުނު ރަން ވަނަތަކެއްގެ ސަބަބުން އޭނައަށް ސަރުކާރުގެ ފަރާތުން ސްކޮލާރޝިޕެއް ލިބުނެވެ. އޭނަ ސައުދީ އަރަބިޔާއަށް ކިޔަވަން ދިޔައީ އެ ސްކޮލާރޝިޕްގެ ދަށުންނެވެ. އަފްރާޒް ދިޔަތާ އަހަރުތަކެއް ފަހުން ނަޞްރާވެސް ފުރައިގެން ދިޔައެވެ. އޭގެ ފަހުން ގެއަށްވެރިވީ އާދަޔާ ޚިލާފު ފަޅުކަމެކެވެ. ގިނަފަހަރު އަފްރީންގެ ކަންތައް ބަލައި ހަދަންޖެހުނީ ޝަރީފަށެވެ. ޝަކީލާއަށް އޭނަގެ އަމިއްލަ ގޭގެ ކަންތަކުން އަވަދިނުވާތީވެއެވެ. ނަމަވެސް އެއީ މާޒީއެވެ. މިއަދު އެ ކުޑަކުޑަ އަފްރީންވެސް ވަނީ ބޮޑު އަންހެން ކުއްޖަކަށްވެފައެވެ. ޝަރީފްގެ ވިޔަފާރިވެސް ވަނީ މުޅި ރަށުން ހޮވާލެވޭފަދަ ވިޔަފާރިއަކަށްވެފައެވެ. އަދި އަމުދުން މިއަދު ނަޞްރާ އައުމުން އެ ޢާއިލާގެ އުފާވެރިކަން ފުރިހަމަ ވާނެކަމަށް ޝަރީފްގެ ހިތް ބުންޏެވެ.
“ބައްޕާ ފްލައިޓް!” ޚިޔާލެއްގެ ފުންކަނޑަށް ގެނބެމުން ދަނިކޮށް ޝަރީފް ސިހިގެން ދިޔައީ އަފްރީން އޭނަގެ އަތުގައި ހިފައި ތަޅުވާލުމުންނެވެ. އެއާއެކު ޝަރީފަށްވެސް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ އެއާރޕޯޓުގައި އަޑުގަދަވެގެން ދިޔަ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ދެންމެ ޖެއްސި ފްލައިޓް ބާރު ސްޕީޑެއްގައި ރަންވޭމަތިން ދިޔަތަން ޝަރީފަށް ފެނުނެވެ.
“އޯ މައި ގޯޑް އޯ މައި ގޯޑް އޯ މައި ގޯޑް!” ޝަރީފް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮއްލި ވަގުތު އަފްރީން ދެއަތް ޖޯޑުކޮށް ފުއްމަމުން އެހެން ކިޔަމުން ދިޔައެވެ.
ނަޞްރާ އެއާރޕޯޓުން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އަފްރީންއަށް ހުރެވުނީ ޓާމިނަލްގެ ކޮޅުގައި ހުރެ ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޝަރީފްވެސް ދުރުގައި ހުއްޓި ދެޖީބަށް އަތްޖަހާލައިގެން ހުރީ އޭނަގެ ޝުޢޫރުތައް ކޮންޓްރޯލް ކޮށްގެނެވެ. އެދެބަފައިން އެހެން ތިއްބާ ކުއްލިއަކަށް އެދެމީހުންގެ ނަޒަރު ފަސިންޖަރުން ނިކުންނަ ގޭޓަށް ހުއްޓުނީ އެ ގޭޓް ހުޅުވުމުންނެވެ. އަފްރީން ފިޔަވަޅުތައް މަޑުޖައްސާލަމުން އެދިމާލަށް ބަލާލީ އެސްފިޔަ ނުޖަހަން ހުވާކޮށްގެން ފަދައެވެ. މީހުންތައް ނިކުންނަން ފެށުމުން އަފްރީންއަށް ދެލޯ ބޮޑުކޮށްގެން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީވެސް ކުޑަކޮށް އަނގަ ހުޅުވައިގެންނެވެ. އަފްރީން އޭނަގެ ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަ ހިންގާ ހުއްޓާ ކުއްލިއަކަށް މީހަކު އަފްރީންގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި ޖައްސައި އޭނަގެ އަނގަ ލައްޕައިފިއެވެ. ޙައިރާންކަމެއް ލިބިގެން އަފްރީން ވާތް ފަރާތަށް ބަލާލީ އެއީ ކާކުތޯ ބެލުމަށްޓަކައެވެ. އެވަގުތު އޭނަ ކައިރީގައި ހުއްޓިހުރީ ދެލޯ ފިޔަވައި އެހެން ހުރިހާ ތަނެއް ކަޅުކުލައިގެ ފޭރާމުން ނިވާކޮށްގެން ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ އިސްކޮޅު އަފްރީންއަށްވުރެ ކުޑަ ތަންކޮޅެއް ދިގެވެ. އޭނަގެ ދެލޯ ހަނިވެފައިވި ގޮތުން އޭނަ ހުރީ ހިނިތުންވެލައިގެންކަން އަފްރީންއަށް ނަގައިގަނެވުނެވެ. އެއީ ކާކުކަން އަފްރީންއަށް ނަގައިގަންނަން އިރުކޮޅެއްނެގިއެވެ.
“އޯ މައި….ދޮންތާ!” ކާކުކަން ނަގައިގަނެވުމާއެކު އަފްރީންއަށް އެ އަންހެން ކުއްޖާގެ ގައިގައި ބައްދާލެވުނެވެ. އެ އަންހެން ކުއްޖާވެސް އިރުކޮޅަކު ހުރުމަށްފަހު އަފްރީންގެ ގައިގައި ބައްދާލިއެވެ..
އަފްރީންގެ ބުރުގާގެ މަތިން އޭނަގެ ބޮލުގައި ފިރުމަމުން ނަޞްރާއަށް ދުރުގައި ހުރި ޝަރީފަށް ބަލާލެވުނެވެ. ޝަރީފް ހިތާމަވެރިކަމާއި އުފާވެރިކަން އެކުލެވޭފަދަ ހިނިތުންވުމެއް ނަޞްރާއަށް ހަދިޔާކުރިއެވެ. ނަޞްރާވެސް ހިނިތުންވެލީކަމަށް އޭނަގެ ލޯ ޢިޝާރާތްކުރިއެވެ.
“ދޮންތާ….އައި މިސްޑް ޔޫ ސޯ މަޗް….އެއީ ދޮގު، އެހާވަރަކަށް މިސްއެއްނުވޭ.” އަފްރީން ނަޞްރާގެ ގައިން ދޫކޮއްލަމުން ބުނެލީ ތެދަކަށް ވިޔަސް އޭނަ އެވާހަކަ ދޮގު ކޮއްލިއެވެ.
“ހޫމް، އެބަ އިނގޭ މިސްއެއް ނުވާކަން، ނުވެސް އެނގުނެއްނު؟” ނަޞްރާ މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ކިހިނެއް އެނގޭނީވެސް؟ ސީދާ ސައުދީގެ ކުއްޖެއް ގޮތަށްވިއްޔާ ތިއައީ.” އަފްރީން ބުނެލި ވާހަކައިން ނަޞްރާގެ ގާތަށް ކުޑަކޮށް ހިނިއައެވެ..
“ދޮންބެ ދިޔަތަ ނަޞްރާ ފުރުވަން؟” ޝަރީފް ސުވާލުކުރުމުން ނަޞްރާއާއެކު އަފްރީންއަށްވެސް އެދިމާލަށް ބަލާލެވުނެވެ.
“ލައްބަ.” ނަޞްރާ އެއްފަހަރު ބޯޖަހާލަމުން ބުނެލިއެވެ.
“ދެން ހިނގާ އަވަހަށް!” އަފްރީން ނަޞްރާގެ އަތަށް ދަމާލަމުން ބުނެލިއެވެ. ނަޞްރާ ހީލިވަގުތު ޝަރީފް ނަޞްރާގެ ފޮށި ނެގުމަށް އަވަސްވެގަތެވެ.
ޝަރީފްގެ ޖިޕް ގޮސް މަޑުކޮއްލީ ބޮޑު، ތަނަވަސް ގެއެއްގެ ކުރިމައްޗަށެވެ. ދެ ބުރިއަށް ނަގާފައިވާ ގެއަކަށް ނުވިއަސް އެއީ ބޮޑު ގޯއްޗެކެވެ. ޖިޕުން އެންމެ ފުރަތަމަ ފޭބީ އަފްރީންއެވެ. އަފްރީންގެ ފަހަތުން ނަޞްރާވެސް ފައިބައި އެ ގޭގެ ގޭޓު ކައިރިއަށް ހުއްޓިލިއެވެ. އެއީ ނަޞްރާގެ އިސްކޮޅާއި އެއްވަރުގެ ފާރެއްގެ މެދުގައި ހުރި ގޭޓެކެވެ. ނަޞްރާއަށް އެ ގޭޓު ކައިރީގައި ހުރެ ގޭގެ ތެރެއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ދިޔަފަހުން އެގެއަކަށް ވަކި މާބޮޑު ބަދަލެއްނާދެއެވެ. އެގޭގެ ފެންޑާގައި އޮންނަނީ ހަމަ އެތަޅުންގަނޑެވެ. ތަޅުންގަނޑުގެ އެއްފަރާތުގައި އެ ތަޅުންގަނޑު އެޅުމުގެ ކުރިންވެސް އެތާހުރި އަނބުގަސް އަދިވެސް އެބަހުއްޓެވެ. ފެންޑާ ފަހަނަޅާފައި ގޮސް ދެވެން ހުރި ގޭގެ މެދުގައި ހުރީ ހަމަ އެ އާދައިގެ ދޮރެވެ. ބަދަލުވެފައިވަނީ އެ ދޮރާއި ކައިރީގައި ހުރި ކުޑަދޮރުތަކުގެ ކުލަތަކެވެ. އޭގެ އިތުރަށް ނަޞްރާއަށް އާ ކަމަކަށްވީ އަނބުގަހުގެ ގޮތްޕެއްގައި އެލުވާފައިވާ އުނދޯއްޔެވެ. ނަޞްރާ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައި ހުއްޓާ ސިހިގެން ދިޔައީ އޭނަގެ ފައިގައި އެއްޗެއް ޖެހުނުހެން ހީވުމުންނެވެ. ނަޞްރާ ތިރިއަށް ބަލާލި ވަގުތު އެގޭގަ އޮންނަ ހުދުކުލައިގެ ބޭރު ބުޅާ އޮތީ އޭނަގެ ވާތު ފައިގައި ހިފަހައްޓައިގެންނެވެ. އެތައް ދުވަހެއްފަހުން އޭތިވެސް ފެނުމުން ނަޞްރާގެ ހިތް ލޯބިން ފުރިގެންއައެވެ. އޭނައަށް މޫނުފޮތިކޮޅުގެ މަތިން އަނގަމަތީގައި ދެއަތް އަޅާލެވުނެވެ.
“ހެހެހެ….މީނަވެސް އޮތީ ދޮންތަގެ އިސްތިޤްބާލުގަ.” ނަޞްރާގެ ކައިރިއަށް އައިސް ހުއްޓުނު އަފްރީން ބުނެލިއެވެ. ޝަރީފް ނަޞްރާގެ ދަބަސް ހިފައިގެން އައިސް އެތެރެއަށް ހިނގާށޭ ބުނެލީ އެވަގުތެވެ. އެއާއެކު ތިން މީހުން އެކީގައި ގެއަށް ވަދެގެން ދިޔައެވެ.
ނަޞްރާއަށް އޭނަ ވަރުބަލިވެފައިހުރި ވަރު އިޙްޞާޞް ކުރެވުނީ އޭނައަށް އޭނަގެ ބޮޑު އެނދު ފެނުނު ވަގުތެވެ. އޭނަ ވަގުތުން ދުވެފައި ގޮސް އޭގެ މައްޗަށް ބަންޑުންވާން ބޭނުންވިއެވެ. ނަމަވެސް ކެތްކޮއްލީ އޭނަގެ ފަހަތުން އައި އަފްރީން އަދިވެސް އޭނައާއި ވާހަކަ ދައްކަދައްކައި ހުރީތީވެއާއެކު ޝަރީފްވެސް އޭނަގެ ފޮށިތައް ހިފައިގެން އައިސް ކޮޓަރީއަށް ވައްދަމުން ދިޔައިތީވެއެވެ. ނަޞްރާ ހުރީ އެދެމީހުންނަށްވެސް ފުރަގަސްދީ ނިދިބަރުވެފައިވާ ދެލޮލާއެކު ކޮޓަރިއަށް ނަޒަރު ހިންގައި އެކޮޓަރީގެ ވެސް އެހާރާއި މިހާރު ހިތާހިތުން އަޅައި ކިޔަމުންނެވެ.
ނުނިމޭ
ކޮމެންޓް (0)
ލޯޑް ކުރަމުން...