އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ފަލަސްތީނުގެ ޣާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހަރަކާތެއް ފަށައިފިއެވެ.
"ޣާޒާއަށް ލޯތްބާއެކު" ހަރަކާތާއި ގުޅޭގޮތުން އައިއޭސީގެ މީޑިއާ ހެޑް އާދަމް ނާއިފް ވިދާޅުވީ މިހަރަކާތަކީ ޣާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެގޮތުން އައިއޭސީ މެދުވެރިކޮށް ޣާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
"މިފަހަރު އަޅުގަނޑުމެން މިފޯރުކޮށްދެނީ ޣާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން. އެގޮތުން އާއިލާއެއްގެ ދިހަ ދުވަހުގެ ކެއުމަށް 20 އެމެރިކާ ޑޮލަރު މިޚަރަދުވަނީ" ނާއިފް ވިދާޅުވިއެވެ.
ނާއިފް ވިދާޅުވީ އައިއޭސީގެ އަމާޒަކީ 1000 އާއިލާއަށް 10 ދުވަހަށް ބޭނުންވާނެ ކާބޯތަކެތި ފޯރުކޮށްދެވޭ ވަރުގެ ފަންޑެއް އެއްކުރުން ކަމަށާއި އެއަދަދަށް ފަންޑު ލިބުމުން ޣާޒާއަށް ފަންޑު ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ފުރަތަމަ އެހީގެ ތަކެތި ފޮނުވަން ހަޖެހިފައިވަނީ ޣާޒާގެ ދެކުނުގެ ސަރަހައްދަށް ކަމަށް ނާއިފް ވިދާޅުވިއެވެ.
ފުރަތަމަ 1000 އާއިލާއަށް ބޭނުންވާ ފަންޑް ހަމަވުމުން އަނެއްކާވެސް އިތުރު 1000 އާއިލާއަށް ބޭނުންވާނެ ފަންޑް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެފަހަރު އެހީގެ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ޣާޒާގެ އުތުރުގެ ސަރަހައްދުތަކަށް ކަމަށް އައިއޭސީއިން ބުނެއެވެ.
ޣާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފުޑް ބާސްކެޓްގައި ހިމެނެނީ ކުކުޅު، ޕާން، ކައްކާ ތެޔޮ، ކެބެޖް، ބީންސް،އެގް ޕްލާންޓް، ފިޔާ، އަލުވި، ކިއުކަމްބަރ އަދި ޓޮމާޓޯއެވެ.
ނާއިފް ވިދާޅުވީ ޣާޒާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިހާޜުވެސް ޣާޒާގައި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ އަލް ފަލާހް ބެނެވޮލެންޓް ސޮސައިޓީއާއި ގުޅިގެން ކަމަށެވެ.
ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް:
އެކައުންޓް ނަން: އެހީ ޖަމިއްޔާ
ރުފިޔާ އެކައުންޓް ނަންބަރ: 7770000014818
ޑޮލަރު އެކައުންޓް ނަންބަރ: 7770000014817
އައިއޭސީއިން މީގެ ކުރިންވަނީ ސޫރިޔާ އަދި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކާމިޔާބު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

















ޚިޔާލު