މޯލްޑިވްސް ޕޮލިޓެކްނިކްއިން މިއަހަރުގެ ޖޫންމަހު ފެށުމަށް ހަމަޖެހިިިިިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން ސެޓްފިކެޓް ލެވެލް 3 ކުން ފެށިގެން ޑިޕްލޮމާއާއި ހަމައަށް ކިޔަވައިދޭ ޖުމްލަ 18 ކޯހަކުން 405 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މިކޯސްތަކުގެ ތެރޭގައި 6 މަހާއި 18 މަހާއި އެއް އަހަރުން ނިމޭ ކޯސްތައް ހިމެނެއެވެ.
ކޯސް ހިންގާ ދައިރާ ތަކުގެ ތެރޭގައި އިލެކްޓްރީޝަން، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ، އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ބިލްޑިންގ ކޮންސްޓްރަކްޝަން ފަދަ ދާއިރާތައް ހިމެނެއެވެ.
މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް ޕޮލިޓެކްނިކްގެ ކެމްޕަސްތަކާއި ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 24 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 14.00 ކުރިންނެވެ.
މިކޯސްތަކުގައި ކިޔެވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްއަކީ ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް 2010 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ތަނެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...