ރިޕޯޓްދީނީ ލިޔުންދީން

ހިޔަރަކާތް ވިލޭރެއަށް ތާރީޚީ އަދި ދީނީ ނަޡަރެއް

ދިވެހިން ހިޔަރަކާތްވިލޭރެޔޭ ކިޔަނީ ޝަޢުބާންމަހުގެ ފަނަރަވިލޭރެއަށެވެ. އެރެޔަކީ ވަރަށް އިސްކަމެއް ދީގެން، ދީނީ އިޙްތިފާލެއްގެ ގޮތުގައި  ދިވެހިން ފާހަގަކުރަމުން އައި ރެ އެކެވެ. ނަމަވެސް މިއަދާހަމައަށް އައިއިރު މިދުވަސް ފާހަގަކުރުން މިވަނީ އަޅުގަނޑުމެންގެ ތެއެރެއިން އެއްކޮށްހެން ނެތި ގޮސްފައެވެ. ނަމަވެސް މިހާރުވެސް ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން މިދުވަސް ކޮންމެވެސް ޒާތަކަށް ފާހަގަ ކުރާކަން ބައެއް މީހުން ފާހަގަކޮށްފައި އެބަހުއްޓެވެ. މިލިޔުމުގައި ހިޔަރަކާތް ދުވަހާ ބެހޭގޮތުން ތަރީޚީ އަދި ދީނީ ގިނަ މަޢުލޫމާތު ތަކެއް ޙިއްސާކޮށްލާނަމެވެ.

ތާރީޚީގޮތުން ހިޔަރަކާތް ވިލޭރެއަށް ނަޡަރެއް-

ދިވެހި ބަސްފޮތް ބުނާ ގޮތުން ''ހިޔަ'' އަކީ، ހިސާބުގެ ވަކި ޢަދަދެކެވެ. އާދެ! 96 އެވެ.  އެހެންވީމާ، ހިޔަރަކާތޭ ބުނާ ބުނުމުގައި އޮންނަ ''ހިޔަ'' އަކީ 96އެވެ. ދެން އޮތް އަނެއް ބަހަކީ ''ރަކާތް'' މި ބަހެވެ. މި ބަހުގެ އަސްލަކީ ޢަރަބި ބަހުގެ ''الر كعة '' މި ބަހެވެ. އެއީ  ދިވެހިން ކިޔާ ގޮތަށް ނަމަ ''ރަކްޢަތް'' މި ބަހެވެ.  ތަޢުރީފު، ތާރީފަށް ބަދަލުވީ ގޮތަށް ރަކުޢަތް ''ރަކާތް'' އަށް ބަދަލުވީ އެވެ.  އެހެންވީމާ، ''ހިޔަ ރަކާތް'' މި ބަހުގެ މާނައަކީ، 96 ރަކުޢަތްކަމަށް ބެލެވެ އެވެ.

ޝަޢުބާންމަހު 15 ވިލޭރެއާ ގުޅުވައިގެން ދިވެހިންގެ ބައެއް މީހުން ވަރަށް ވިޔަޔާ ނުދާ ޢަޤީދާތައް ގެންގުޅެ އެވެ. އޭގެތެރޭން ބުހުތާނު ތިން ދޮގެއް މަޝްހޫރުވެފައިވެ އެވެ. އެއް ވާހަކައަކީ،  ކައު އިތުރު ނަބިއްޔާގެ ދަނބިދަރިކަލުން ސައްޔިދިނާ ޢަލީގެފާނާއި، މާތް ނަބިއްޔާގެ ލޮބުވެތި ދަރިކަނބަލުނަވި އައްސައްޔިދާ  ފާޠިމަތުގެފާނާ ބެހޭގޮތުން ދައްކާ  ހުތުރުވާހަކަ އެކެވެ. ތާރީޚާއި، ޢިބްރަތަށްޓަކައި، ''ޢިފްކު''ގެ ވާހަކަ ވެސް ބަޔާންކުރެވިފައިވާތީ،  މި ވާހަކަ ވެސް ހަމަ އެކަނި އެ ނިޔަތުގައި އެ މަޤުޞަދުގައި ބަޔާންކޮށްލަމެވެ.

(1) ދިވެހިންގެ ބައެއް މީހުން އެމީހުންގެ ދަރީންނަށް، ކިޔައިދޭ ގޮތުގައި، ޝަޢުބާންމަހު ފަނަރަ ވިލޭރޭ އައްސައްޔިދާ ފާޠިމާ ރަޟިޔަﷲ ޢަންހާ، ދަމުނަމާދުފުޅަށް ތެދުވެވަޑައިގަތެވެ.  އެ ހިނދު އެކަމަނާގެ ފިރިކަލުން، މާތް ﷲ ރުއްސުއްލެއްވި ސައްޔިދިނާ ޢަލީގެފާނު އެކަމަނާއަށް  ބޭނުންފުޅުވި އެވެ.  ސުންނަތް ނަމާދަކަށްވާތީ،  އެ ކަމަނާ ނަމާދު ދޫކޮށްލައްވައި، ފިރިކަލުންނަށް އިޖާބަ ދެއްވި އެވެ. އެ އަށްފަހު، އަލުން ''ޠާހިރުވެވަޑައިގެން'' ވުޟޫކުރައްވައި ނަމާފުޅަށް ހަށަންބެންނެވި އެވެ. އަނެއްކާ ވެސް ފިރިކަލުންގެ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ. މި ގޮތުގައި މި ޢަމަލު،  96 ފަހަރު އެރޭގައި ތަކުރާރުވި އެވެ. ކޮންމެއަކަސް، އަނެއް ދުވަހު މި ކަން ކައު އިތުރު މާތް ނަބިއްޔާއަށް އެނގިވަޑައިގެންފި ކަމަށްވެއްޖެ އެވެ. އެ ހިނދު ޢަލީގެފާނު ގެންނަވައި  ރެވި ނާޅިއެއް އަތްޕުޅަށް ދެއްވިޔޯލަ އެވެ. އޭގައިވަނީ ވަރަށް ކުދި ކުދި ރެތްވާއި، ބޮޑެތި އޮއްޓަރުތަކެކެވެ. ޢަލީގެފާނު ކުރައްވަންވި ކަމަކީ، އެދެބައި ވަކިކޮށް ބައިއެޅުއްވުމެވެ. އެ ގޮތުން އެ އުނިވެގެން ދިޔައީ، އެކަލޭގެފާނުގެ ގައިކޮޅުގައިވާ އަނެއް ޖިންސަށް ބޭނުންފުޅުވުމުގެ ޣަރީޒާގެ ބާރުން ދެބައިކުޅަ އެއްބަޔޯލަ އެވެ. نعوذ با لله  އެވެ.  ކޮންފަދަ ހުތުރުވާހަކަ އެއްތޯ އެވެ؟ ޔަޤީނެވެ. ''ދޫނިފުޅުވާހަކަ'' ''މުސަޅުފުޅުވާހަކަ'' ފަދަ، އަސްލެއް ނެތް ބުހުތާނެކެވެ. ކޮންމެޔަކަސް  މިވާހަކަ ގަބޫލުކޮށްގެން  ކިޔައި އުޅޭ މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެރެޔަށް ހިޔަރަކާތޭ ކިޔުނީ ފާޠިމަތުގެފާނު މި ކުރެއްވި ހިޔަ ރަކުޢަތަށް ނިސްބަތްކޮށެވެ.

(2)މި ވާހަކައިގައި  ކިޔާ ގޮތުންނަމަ، ހިޔަރަކާތް ދުވަހު ނުވަތަ ހިޔަރަކާތް ވިލޭރޭގެ ކުރިޔަށް އޮންނަ ދުވަހު ދިރިއުޅުމަށް ކުރާ ނަފާލިބެނިވި މަސައްކަތްތައް ކުރުމަކީ ދުވަހުގެ ޙުރުމަތާ ފުށުއަރާކަމެކެވެ. މަހަށް ފަހަރަށް ދިޔުން ފަދަ ކަންކަމީ ޢަމުދުން ވެސް ކޮށްގެން ނުވާނެ ކަންކަމެވެ.  ބޮޑެތި ކުށެވެ. އުރެދުމެވެ.

ކަންމިހެން އޮތް ނަމަވެސް، މި ދުވަހުގެ ޙުރުމަތްކަނޑައި، ދެމީހަކު ދިގުމަސް މަރަން  ނިކުތްކަމަށްވެ އެވެ. ދިގުމަހު ކެޔޮޅުކަން ކޮށްލާހިތުން ނިކުތް ދެމީހެކެވެ. މި މީހުންނަށް ވީގޮތް އެނގިވަޑައިގަންނަވާތޯ އެވެ؟ ރާމާމަކުނުގެ އަސްލަކީ މި ދެމީހުންނެވެ؟ މި ދެމީހުންކުރެ އެކަކު ބަދަލުވީ އަންހެން ރާމާމަކުނަކަށެވެ. އަނެކަކު ބަދަލުވީ ފިރިހެން ރާމާމަކުނަކަށެވެ. އެ ދުވަހަށްފަހު، ރާމާމަކުނުގެ ނައުޢު އުފެދުނީ އެވެ. މި ދެމީހުންގެ ފަރާތުންނޯލަ އެވެ. ކުޑަ ބޮއްކުރައެއްގައި ދިވެހި ރާއްޖޭގެ ރަށަކުން ދިގުމަސް މަރަން ނިކުތް ދެމީހުންގެ ނަސްލު މިހާރު އެތައް ބާވަތަކަށް ބޯގިނަވެ، ދިރިއުޅުން  އެއޮތީ އެމޭޒަން ޖަންގަލީގަ އެވެ.  ކިޔާނެ އެއްޗެއް ބުނާނެ ބަހެއް އެބަ އޮތްތޯ އެވެ؟

(3)  ހިޔަރަކާތާގުޅޭ ތިންވަނަ ވާހަކައެއް ވެސް އެބަ އޮވެ އެވެ. އެ ވާހަކައިގައި ބުނާ ގޮތުން، ހިޔަރަކާތްވިލޭރޭ، މޫނުބަލާ ލޯގަނޑުން މޫނު ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ، އެ އަހަރުތެރޭ މަރުވާނެ މީހުން އެރޭ ލޯގަނޑުން ފެންނައިރު ބޮލެއް ނުހުންނާނެ ޔޯލަ އެވެ. ފެންނާނީ ކަރުން ތިރި އެވެ. އެހެންވެގެން އެރޭ މީހުން ފެންވަރައި ރީތިވުމުގައި ވެސް ލޯގަނޑު ވަރަށް ބޭނުން ނުކުރާނެ އެވެ.

ހިޔަރަކާތްވިލޭރެއަށް ތައްޔާރުވުން

ޝަޢުބާންމަހު 14 ވަނަ ދުވަހުގެ ހެނދު ސައިބޮއިގެން، ކުޑަ ކުދިންގެ މަސައްކަތަކަށް އޮންނާނީ ގޭތެރޭ މަކުނުވާ ފޮޅުމާއި، ގިފިލިތެރެ ސާފުކޮށް ފަތްކެޔޮ ގަސްގަހުގެ ބުރިވަރުތަކާއި، އެނޫން ވެސް ކުނިބުނި ގޯތީން ބޭރު ކުރުމެވެ. ވަލުތެރެޔަށް އެތަކެތި އުކުމެވެ. ވަޅުދިޔަ ހިއްކުމެވެ. ބަދިގޭ މުކައްބައާއި ފިޔަންތައް މޫދަށް ގެންގޮސް އެ އެއްޗެހި ދޮވުމެވެ. މި މަސައްކަތްގަނޑު އަސުރުވާންދެން ހިނގައިފާނެ އެވެ. އޭރު ގޭގެ ބޮޑެތި މީހުންކުރެ އަންހެންވެރިން އުޅޭނީ ކެއްކުމުގެ މަސައްކަތުގައި ބަދިގޭގަ އެވެ. އާދައިގެ ބަތް، ގަށާ ބަތް، ކުކުޅު ރިހަ، މުސައްމާރިހަ، ކަނޑުކުކުޅު، ބިސްރިހަ،  ޕާޕަރު، މި ފަދަ އެތައް ސާމާނަކުން މޭޒުމަތި ބަރާކޮށްލެވުމަކީ އަންހެންވެރިންގެ ފަޚުރެކެވެ. ގޭ ފިރިހެނުންގެ ކަމަކަށް އޮންނާނީ ކުކުޅުކަތިލައި ނޮޅައިދިނުމާއި، ކާށި ހެހި ދިނުމާއި، ބޮޑެއްޗަށް ތިބި ފިރިހެންކުދިން ގޮވައިގެން ގޭ އެނދު އަށީ މަޅުތަކަށް ދާންދެން އަތްވަށްނެރެ އަވީލައި މަކުނު ފޮޅައި، ގެ ސާފު ކުރުމެވެ. ގޯތިތެރެ ސާފު ކުރުމެވެ.  ދުންދަނޑިގަތުމާއި ޒިކުރު ކިޔާމީހުން ހޯދައި ގަޑި ހަމަޖެއްސުމެވެ.  އެކަންކަން ތައްޔާރު ކުރުމެވެ.

އަސުރުވެގެން އަންނަ އިރު، މުޅި ރަށުތެރޭގައި އޮންނާނީ ވަރަށް އާދަޔާ ޚިލާފު ފޯރިޔެއް ހިފައިފަ އެވެ. އަތިރިމަތިން ވެލި އުފުލާ އެކި ފުރައިގެ ޒުވާން ކުދިންނެވެ. ބާލިދީތަކުގަ އެވެ. ތެލިތެއްޔާއި، ޑަބިޔާގަ އެވެ. ގޯންޏާއި ކޮތަޅުގަ އެވެ. އެކުއްޖެއްގެ އުމުރާއި އިސްކޮޅާއި، ރޫފަޔާ ގުޅޭގޮތުންނެވެ. ހިޔަރަކާތްވިލޭރެޔަށް ގެޔާއި ގޭދޮށް ތައްޔާރު ކުރުމަށެވެ. މުޅި ރަށުތެރެ އޮންނާނީ ދޮންވެލިލައިފަ އެވެ. އިރު އޮއްސިގެން އަންނަ އިރު، ކޮންމެ ގެޔެއްގެ ދޮރުކަނިތައް ކައިރީގައި ހިމުން ދޮންވެލިން  ދުންކިބާ ޖަހާފައި ހުންނާނެއެވެ.  މިއީ ވަރަށް ލޮލަށް ރީތިކޮށް ފަންނީ ގޮތަކަށް ކޮށްފައި ހުންނަ މަސައްކަތެކެވެ. ފިނިތަންތާނގައި ދިރިއުޅޭ މީހުން ގަނޑުފެނުން ކަނޑައިނަގައިގެން، ބައެއް ކަހަލަ ސޫރަ ބައްޓަން ކޮށްފައި ހުންނަ ފަދައިންނެވެ. ދުންކިބާ ހުންނާނީ އެކި ގޮތްގޮތަށް ފޮފަ ނަގައިފަ އެވެ. އެންމެ އާދައިގެ ގޮތަކަށް މިކަން ކުރާ މީހުން ހަދާ ގޮތަކީ ކުޑަ ބާލިދީއެއްގެ ފުލުގައި ފޫނާއްޓެއް ބާއްވަނީ އެވެ. ދެން އެ ބާލިދީ ފުރެންދެން ތެތް ހިމުން ދޮންވެލި އަޅަނީ އެވެ. އެ އަށްފަހު، ވަރަށް ވަޒަން ހަމަ ގޮތެއްގައި ވިސްނައިގެން އެ ބާލިދީ ގޭ ދޮރުކަނޑި ބުޑަށް ބަނޑުން ޖަހަނީ އެވެ. ދޫކޮށްލުމެއް ނެތި ހިފެހެއްޓުމާއެކީގަ އެވެ. ދެން މަޑުމަޑުން ބާލިދީ ދަމައިވެލިގަނޑައި ވަކި ކޮށްލާއިރު، ބާލިދީގެ ބައްޓަމަށް ވެލިގަނޑު ފިސާރި ރީއްޗަށް ތައްގަނޑު އެޅިފައި ހުންނާނެ އެވެ. އޭގެ ތެރޭގައި އޮތް ފޫނާށި ވެސް ފަހުން ވެލިގަނޑުތެރޭން ނަގާނެ އެވެ. އެ ޖާގަ އަކީ ދުންދަނޑިތައް ޖަހަން (އިންދަން) އޮންނަ ޖާގަ އެވެ. އިރު އޮއްސިގެން އަންނަ އިރު މުޅި ރަށުތެރޭން ދުވާނީ މީރު ދުންވަހެވެ. މުޅި ރަށުތެރެ އޮންނާނީ ޒިޔާރަތެއްހެން ދޮންވެލިލފައި ޚުޝޫޢާއި ހައިބަތު އުފައްދާފައެވެ. އިރު އޮއްސުނީމާ ކުދިން ބޭރަކަށް ނުނިކުންނާނެ އެވެ. ނަމާދު ކުރަން މިސްކިތަށް ދިޔުން ފިޔަވަ އެވެ. ނަމާދު ނިމިގެން އެކުދިން އައިސް ޔާސީން ސޫރަތް ކިޔަވައި ޢިޝާނަމާދާ ހަމަޔަށް ޤުރުއާން ކިޔެވުމުގައި ހޭދަކުރަނީ އެވެ. މިރެޔަށްޓަކައި ކުދި ބޮޑު އެންމެން ތިބޭނީ، ސާފުތާހިރުވެ އާހެދުންލައި ނަލަހެދިގެންނެވެ.

ދެން ޅެންވެރިންގެ ދައުރު ބަލައިލަމާތޯ އެވެ؟ ޅެންކިޔާ މީހުން ކޮބައިތޯ އެވެ؟  ޒިކުރު މާލޫދު ކިޔާމީހުން ކޮބައިތޯ އެވެ؟ މި ރޭގެ އެންމެ ޑިމާންޑު ބޮޑު ބަޔަކީ އެބައި މީހުންނެވެ. އެރޭގެ މަޣުރިބު ނަމާދަށް ދާއިރު ޒިކުރު ކިޔާ މީހުން ތިބޭނީ ބައިބަޔަށް ބައިހެދި ނިމިފަ އެވެ. ބައެއްގައި ތިން މީހުން ހަތަރު މީހުން ތިބޭނެ އެވެ. މަދު ގެއެއް ފިޔަވައި އެކި ބައިތަކަށް އެކި ގެ އޭރު އޮންނާނީ ހަމަޖެހިފަ އެވެ. ކޮންމެ ގުރޫޕެއްގައި ވެރިޔަކު ހުންނާނެ އެވެ.  މަޣުރިބުނަމާދުން ފައިބައިގެން ޒިކުރު ގުރޫޕުތައް ''ބިމުގައި ފެތުރިގެންފާނެ'' އެވެ. އެކި ގުރޫޕުތައް އެކި ގޭގޭގައި އެކި ރާގުތަކަށް ޒިކުރު ޅެންތައް ކިޔާނެ އެވެ. ގިނައިން ކިޔައި އުޅެނީ خلا صة الفكر މި ފޮތުގައި ހުންނަ ޅެންތަކެވެ.

يا نبى سلام عليك (އޭ ނަބީކަލޭގެފާނެވެ! ކަލޭގެފާނަށް ސަލާމް ހުއްޓެވެ!)

يا ر سول سلام عليك (އޭ ރަސޫލުﷲގެފާނެވެ! ކަލޭގެފާނަށް ސަލާމްހުއްޓެވެ!)

يا حبيب سلام عليك (އޭ ލޮބުވެތިކަމުގެވެރި ސާހިބާއެވެ! ކަލޭގެފާނަށް ސަލާމްހުއްޓެވެ!)

صلوات الله عليك (ކީރިތި ﷲ ކަލޭގެފާނަށް ޞަލަވާތް ލައްވާހުއްޓެވެ!)

މި ފަދަ ޅެންތަކެވެ. ތަފާތު ރާގުތަކަށެވެ. އެކި ގޭގެއަށް ދެވޭނީ އެކި އިރަށެވެ. ބައެއް ގޭގެ އަށް ވަރަށް ދަންވާފަހުންނެވެ. ބައެއް ބޭގެއަށް މާއިރާ އެވެ. ޒިކުރު އަޑު އަހަން ގޭގެ ކުޑަކުދީން ހޭލައި ތިބޭނެ އެވެ. ޅެންތައް އަޑުދަށުން ކިޔާ ކުދިން ވެސް އުޅެ އެވެ. ޒިކުރު ކިޔައި ނިމޭ އިރަށް ކެއުން އޮންނާނެ އެވެ. ބައެއް ގޭގޭގައި ސައިވެސް ހުރެދާނެ އެވެ. ކޮންމެޔަކަސް ސައިވިއްޔާ ސައި، ކެއުންވިއްޔާ ކެއުން، އެ ހުރި އެއްޗަކަށް ފިސާރި އިންސާފު ކޮށްލާނެއެވެ. އެއާ އެކު ހަމަ ކޮންމެ ގެޔަކުންހެން '' ހިތްހަލާލެއް'' ދޭނެ އެވެ. ހިތްހަލާލުގެ ގޮތުގައި ދެވޭ އެއްޗަކީ، ޅެންވެރިންގެ ޚިދުމަތަށް ދެވޭ  ރަމްޒީ ހަދިޔާ އެކެވެ.  ފައިސާގެ އަދަދެކެވެ. އެހެނީ މި ކަމަކީ އަގެއް ނަގައިގެން ކުރާކަމެއް ނޫނެވެ.

ކޮންމެޔަކަސް މި ގޮތުގައި މި ރެޔާއި، އަނެއް ދުވަހާއި އަނެއްރޭން ބައެއް ހޭދަވެދާނެ އެވެ. އޭރު އެއްގޭގައި ޒިކުރު ކިޔާފައި ސައިބޯން ތިއްބައި އަނެއްގޭން އައިސް ފޮތް ގެންދަން ފަށައިފާނެ އެވެ. މިކަމުން ދޭހަވަނީ ދެން ކިޔަންޖެހޭނީ ތިމަންނަމެންގޭގައި ކަމެވެ. އެހެން ގެޔަކަށް އޭގެ ކުރިން ނުދެވޭނެ ކަމެވެ. ހިޔަރަކާތުގެ ހުރިހާކަމެއް ނިމޭނީ ދެފުރާޅު ޖައްސައި ހިޔާކޮށްފައި ހުރިނަމަ ފަންފިޔަފާޅި ގަނޑެއް ވެސް ދޫނުކޮށް ޒިކުރު ކިޔިގެންނެވެ. އޮޑި ހަރުގެތަކާއި ހޮޅުއަށިތަކާއި އޮޑި ދޯނި ފަހަރަށްދަންދެނެވެ. ބައެއް މީހުން ނަދުރު ޒިކުރު، އޮޑީ ޒިކުރު ފަދަ ނަންނަމުގައި ދެ ޒިކުރު ތިން ޒިކުރު ވެސް ކިޔުއްވައިފާނެތެވެ.  ހިތްހަލާލަށް ލިބޭފައިސާއަކީ، ހިޔަރަކާތް ނިމުމުން، ބައިގެ މެދުގައި އެންމެން އެއްވަރަށް ބެހޭ އެއްޗެކެވެ.

 ދިވެހިންގެ ކުރިމަތީގައި ހިޔަރަކާތް ވިލޭރޭގެ ޤަދަރު

އިސްވެ ދަންނަވާލެވުނު ''ރާމާމަކުނު ހާދިސާ'' އިން ވެސް  މި ރެޔާ މެދު އިހުމީހުންގެ އިޢުތިޤާދު އޮތް ނެތް ގޮތް ސާފުވެވަޑައިގަންނަވާ އެހެން ނޫންތޯ އެވެ؟ ކަން އެހެން އޮތުމާއެކު،  ލިޔުން ނިންމާލުމުގެ ކުރިން އަދި އިތުރު ދެ ނުކުތާ އެއް ބަޔާން ކޮށްލާނަމެވެ. ޑރ. ޢަލީޖުމުޢާގެ ފަތުވާއާއި، ކިޔުންތެރިޔަކު އެ ލިޔުމަށް ދެއްވާފައިވާ ކޮމެންޓާއި، އުސްތާޛު މުޢީދު އެ ކޮމެންޓަށް ދެއްވާފައިވާ ޖަވާބާއި، މި ކަންކަން ހަނދާން ކުރަމުންނެވެ.

1953ގައި އަލްއަމީރު މުޙަންމަދު އަމީނުގެ ޖުމްހޫރިއްޔާ ނިމި ދިޔުމާގުޅިގެން އޭރު ހުންނެވި އުއްތަމަފަނޑިޔާރު މަނިކުފާނު ޝައިޚުލްއިސްލާމު، ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނުލްއަޒްހަރީ ތޮއްޑުއަށް ފޮނުވައިލެއްވުނެވެ. އަރުވާލެއްވީއެއް ނޫނެވެ. ރައްކާތެރިކަމުގެ ގޮތުންނެވެ. ކޮންމެޔަކަސް ހިޔަރަކާތްވިލޭރެއާ ބެހޭގޮތުން އެ މަނިކުފާނު އަތްޕުޅުން ލިޔުއްވާފައި އޮތް ލިޔުމެއް ކިޔާލުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. އެ ލިޔުމުގައި ވާގޮތުން އެރެއަކީ ވަރަށް ޚާއްޞަ ވަރަށް މާތްރެ އެކެވެ. އަޅުގަނޑުގެ އުމުރު ހަގުކަމުންކަމެއް ނޭނގެ އެވެ.  އަކުރުން އަކުރަށް ގިނަ ވާހަކަތައް ހަނދާންނެއް ނެތެވެ. ހަމަގައިމު ވެސް '' ހިޔަރަކާތްވިލޭރެޔަކީ އުޑުތަކުގެ މަލާއިކަތުންގެ ޢީދުވިލޭރެ އެވެ.'' މި ޖުމުލަ އެ ފޮތުގައި އޮންނާނެ އެވެ. ތޮއްޑޫގައި ޒަމާނުއްސުރެ  އެހާ ހައިބަވެތި ކޮށް އެރޭ ފާހަގަ ކުރަނީ އެ މަނިކުފާނުގެ މި ފަދަ އިޝާރާތްތަކަށް ކަމަށްވެދާނެ އެވެ.

މިހެން މިކަން އޮއްވައި، 1987ވަނަ އަހަރު ރާއްޖޭގެ އޭރުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ކުރެއްވި ތަޤުރީރެއްގައި ހިޔަރަކާތްވިލޭރެއާބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އެ ތަޤުރީރާ ގުޅިގެން ދިވެހިންގެ ތެރޭން ވަރަށް ގިނަ ބަޔަކު، ހިޔަރަކާތް ވިލޭރޭ، އެމީހުން ކުރިން ފާހަގަ ކުރަމުން އައިގޮތަށް ފާހަގަ ކުރުން ހުއްޓައިލި އެވެ.  އެ މަނިކުފާނުގެ ތަޤުރީރުގައި އެރެޔާ ބެހޭގޮތުން ވިދާޅުވި އެއްޗެއް ސީދާ ސާފު ޢިބާރާތުން ދަންނަވާކަށް ހަނދާނެއް ނެތެވެ. ހަމަ ގައިމުވެސް ދިވެހިން އެރޭ ފާހަގަ ކުރަމުން އައިގޮތާ މެދު އިންކާރު ކުރެއްވި އެވެ. އެކަމަށް އިޢުތިރާޒު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. މި ވާހަކަ މިހާ ބާރުލައި ދަންނަވައިލަން  ކެރެނީ އެމަނިކުފާނުގެ އެ ތަޤުރީރަށް ފަހު މާލެއަށް ދިމާވި ބޮޑު ހާދިސާއަކާ،  އެ ތަޤުރީރާ ގުޅުވައިގެން އޭރު މާލެއާ މުޅިރާއްޖޭގައި ކަހަލަ ގޮތަކަށް ވައިގައި ހިފި ވާހަކައެއްގެ ސަބަބުންނެވެ. މި ދެންނެވި ހާދިސާއަކީ، މަޝްހޫރު ބޮޑުރާޅު ހާދިސާ އެވެ. މާލެއަށް ބޮޑުރާޅު އެރުމުގެ ހާދިސާއެވެ. މި ހާދިސާ ހިނގީ 1987ވަނަ އަހަރުގެ އެޕްރީލުމަހުގެ ތެރޭގަ އެވެ. މީހުން ކިޔައި އުޅުނީ މާލެއަށް ބޮޑު ރާޅު އެރީ ހިޔަރަކާތްވިލޭރެޔަކީ އޮތް ރެޔެއް ނޫނޭ ރައީސް ވިދާޅުވީމާ، އެހެންވެގެން ކަމަށެވެ.

ދީނީ ގޮތުން ހިޔަރަކާތް ވިލޭރެއަށް ނަޡަރެއް

ޝައުބާންމަހުގެ މާތްކަން

ޝައުބާންމަހަކީ ރަސޫލާ صلى الله عليه وسلم ވަރަށް ޚާއްޞަ ޤަދަރެއް ދެއްވިމަހެކެވެ. އަދި އެމަހުގައި އެކަލޭގެފާނު ނުހަނު ގިނައިން ރޯދަވެސް ހިއްޕަވާއުޅުއްވިއެވެ.-3- ނަމަވެސް ޝައުބާންމަހާ ބެހޭގޮތުން ޞައްޙަ ޙަދީޘްތަކާ އަދި ޟަޢީފް ޙަދީޘްތައް ވާރިދުވެފައިވެއެވެ. އަދި ކިއެއް ހެއްޔެވެ. މައުޟޫޢު ޙަދީޘްތައް(މީހުން ހަދާފައިވާ ޙަދީޘްތައް)ވެސް ވާރިދުވެފައިވެއެވެ. އަދި މިފަދަ މައުޟޫޢު ޙަދީޘްތަކުގެ މައްޗަށް ބާޠިލު ޢަޤީދާތައްވެސް މީސްތަކުން ޤަބޫލުކޮށް އުޅެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ޞައްޙަމަގު ހޯދައި އެގޮތުގައި ފައިތިލަ ޘާބިތުރުމެވެ. އަދި ރަސޫލާ صلى الله عليه وسلم  ބަޔާންކޮށްދެއްވި ގޮތަށް މެނުވީ ﷲއަށް އަޅުކަން އަދާނުކުރުމެވެ.

ހިޔަރަކާތްވިލޭރޭ ޚާއްޞަ ނަމާދެއްކުރުން

އަޅުކަމެއް ﷲ ގެ ޙަޟްރަތުގައި މަޤްބޫލު އަޅުކަމަކަށްވަނީ އެއަޅުކަމުގައި ދެ ޝަރުތެއް އެކުލެވުމުންނެވެ. އެއީ އިޚްލާޞްތެރިކަމާއެކު ﷲއަށް އެކަނި އަދާކުރާ އަޅުކަމަކަށްވުމާއި ރަސޫލާ صلى الله عليه وسلم އުނގަންނަވާދެއްވި ގޮތަށް އެކަން އަދާކުރުމެވެ. މިގޮތުން އަޅުކަންތައްކުރުމުގައި ރަސޫލާ صلى الله عليه وسلم ގެންނެވި ގޮތަށް ތަބާވުމަކީ ލާޒިމުކަމެކެވެ.

ޝައުބާންމަހަކީ މާތް މަހެކެވެ. އަދި އެމަހުގެ ވަކި ދުވަހެއް ކަނޑަނާޅާ ވީހާވެސް ގިނަ ހެޔޮޢަމަލުތައް އެމަހުގައި އަދާކުރަމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ޝައުބާން މަހުގެ ވަކިދުވަހެއް އެއީ އަޅުކަންކުރުމަށް ޚާއްޞަދުވަހެއްކަމުގައި ޘާބިތުވާ ޞައްޙަ ދަލީލެއްނެތެވެ. އަދި ޝައުބާންމަހުގެ ވަކި ދުވަހެއްގައި ކުރާ އަޅުކަމަށް ޚާއްޞަ ޤަދަރެއް ދިނުމަކީ ބިދުޢައެއްކަމުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ. ނަމަވެސް ގިނަ އިސްލާމީ މުޖުތަމަޢުތަކުގައި ޝައުބާންމަހުގެ ފަނަރަވިލޭރޭ، ރޭއަޅުކަމަށް ޚާއްޞަކޮށް އުޅެއެވެ. އަދި 15 ވަނަ ދުވަހަ ރޯދަހިފުމަށް ޙާއްޞަކުރެއެވެ.

މިލިޔުމުގެ ފެށުމުގައި ބަޔާންކޮށްފައިވާ 96 ރަކުޢަތްކުރުމަކީ ސުންނަތެއްކަމަށް އެނގޭކަށް ނެތެވެ. މިކަމާ އެންމެ ގާތްކުރާ ޙަދީޘްއަކީ ސަތޭކަ ރަކުޢަތްކުރުމަށް އައިސްފައިވާ ޟަޢީފު ޙަދީޘެކެވެ. އަލްޢައްލާމާ އައްޝައުކާނީ رحمه الله އަންނަނިވި ޙަދީޘް އާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ:

(ضعيف) ((يَا عَلِيُّ، مَنْ صَلَّى مِائَةَ رَكْعَةٍ لَيْلَةَ النِّصْفِ مِنْ شَعْبَانَ يَقْرَأُ فِيْ كُلِّ رَكْعَةٍ بِ(فَاتِحَةِ الكِتَابِ) وَ(قُلْ هُوَ اللهُ أَحَدٌ) عَشْر مَرَّاتٍ، قَضَى الله لَهُ كُلَّ حَاجَةٍ…))

މާނައީ: “އޭ އަލީގެފާނެވެ. ޝައުބާންމަހުގެ ފަނަރަވިލޭރޭ ސަތޭކަ ރަކުޢަތްކޮށްފިމީހެއްގެ އެންމެހާ ޙާއްޖަތްތައް ﷲތަޢާލާ ފުއްދަވާދެއްވައެވެ. އެނަމާދުގެ ކޮންމެ ރަކުޢަތެއްގައި ފާތިޙާ ސޫރަތުގެ އިތުރުން އިޚްލާޞް ސޫރަތް ދިހަފަހަރު ކިޔަވާނީއެވެ.”

މިއީ މައުޟޫޢު(ބަޔަކު ހަދާފައިވާ) ޙަދީޘްއެކެވެ. މިޙަދީޘްގައި އޮތްގޮތަށް ކަންކުރާމީހާއަށް ލިބޭ ޘަވާބު ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައި އެލަފްޒުން، ޙަދީޘް ވަކިކުރަން އެނގޭ ބޭފުޅުންނަށް ޝައްކުނުވާނެވަރަށް މިއި ހަދާފައިވާ ޙަދީޘެއްކަން އެނގެއެވެ. އަދި މިޙަދީޘް ރިވާކޮށްފައިވަނީ މަޖްހޫލުންތަކެކެވެ. (ކޮން ބައެއްކަން ނޭނގޭ ބައެކެވެ.) އަދި މިނޫނަސް އެހެން މަގުމަގުން މިޙަދީޘް ހަދަހަދައިގެން މަޖްހޫލުން ރިވާކޮށްފައިވެއެވެ… [الفوائد المجموعة للشوكاني / ص: 63 / طبعة: المكتب الإسلامي ]

އަދިވެސް ހިޔަރަކާތްވިލޭރޭގައި ދިވެހިން އެހެން ނަމާދެއްވެސް ކުރެއެވެ. އެއީ ހަރަކުޢަތުގެ ނަމާދެކެވެ. ކޮންމެ ދެރަކުޢަތަކަށްފަހު ޔާސީން ސޫރަތް ކިޔަވާ ޚާއްޞަ ދުޢާއެއްކުރަމުންނެވެ. މިއީވެސް ޞޫފީންގެ ބައެއްމީހުން ތަޢާރަފްކޮށްފައިވާކަމެކެވެ. އަބްދުއްސަލާމް އައްޝުޤައިރީ رحمه الله ވިދާޅުވެފައިވެއެވެ:

ޝައުބާންމަހުގެ ފަނަރަވިލޭރޭ – ދެރަކުޢަތްދެމެދު ޔާސިންސޫރާތްކިޔުމާއި ދުޢާކުރުމާއެކުކުރާ – ހަރަކުޢަތުގެ ނަމާދަކީ ދީނަށް އާކަމެކެވެ. އަދި ހަމަކަށަވަރުން އެއީ ރަސޫލުންގެ ސައްޔިދު (މުޙައްމަދު صلى الله عليه وسلم)ގެ ސުންނަތާވެސް ޚިލާފުކަމެކެވެ. އެކަންކުރަނީ މުޞީބާތްތަކުން ސަލާމަތްވުމަށާއި ޢުމުރުދިގުކުރުމަށާއި އަދި ފުދުންތެރިވުމަށްޓަކައެވެ. “الإحياء” ޝަރަޙަކުރެއްވި ބޭފުޅާ ވިދާޅުވެފައިވެއެވެ: މިއީ ޞޫފީންގެ ފަހުގެ ބޮޑުން ފޮތްތަކުގައި މަޝްހޫރުވެފައިވާ ނަމާދެކެވެ. އެނަމާދަށާއި އޭގެ ދުޢާއަށް ޞައްޙަ ދަލީލެއްވާކަމަށް ތިމަންނުދެކެމެވެ…” [السنن والمبتدعات للشقيري / ص: 138 / فصل: في حديث وصلاة ودعاء ليلة النصف / طبعة: مكتبة ابن تيمية ]

އަދި ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ، ސަމާޙަތުއް ޝައިޚް ޢަބްދުލްޢަޒީޒް އިބްނު ބާޒު رحمه الله ވިދާޅުވެފައިވެއެވެ: “… އަދި ބައެއްމީހުން އަލަށް އުފައްދާފައިވާ ބައެއް ބިދުޢަތަކުގެ ތެރޭގައި: ޝައުބާންމަހުގެ ފަނަރަ ވިލޭރޭ ޙަފްލާބޭއްވުން ހިމެނެއެވެ. އަދި އެދުވަސް ރޯދިހިފުމަށް ޚާއްޞަކުރުންވެސްއެވެ. އެކަމަށް ބުރަވުން ހުއްދަވާފަދަ ދަލީލެއްނުވެއެވެ. އެޙަދީޘްތަކަކަށް ބަރޯސާވުން ހުއްދަނުވާފަދަ ޟަޢީފު ޙަދީޘްތަކެއް އެކަމުގައި ވާރިދުވެފައިވެއެވެ. އެ ރޭ ނަމާދު ކުރުމުގެ މާތްކަމާ ބެހޭގޮތުން ދަންނައެވެ. ފަހެ އެހުރިހާ ޙަދީޘްތަކަކީވެސް މީހުން ހަދާފައިވާ ޙަދީޘްތަކެވެ. އެކަމަށް ޢިލްމުގެ އަހުލުވެރިންވަނީ ސަމާލުކަން ގެންނަވާފައެވެ…”-4-

ހިޔަރަކާތްދުވަހު އަދި އޭގެ ކުރީދުވަހު ނަފާލިބެނިވި މަސައްކަތްތައްކުރުން

އަޅުގަނޑުމެންގެ ޝަރީޢަތަކީ ފުރިހަމަ ޝަރީޢަތެކެވެ. އެޝަރީޢަތުގައި މަނާކުރެވިފައިވާ ކަންކަންވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެވިފައެވެ. މިގޮތުން ހިޔަރަކާތްދުވަހު އަދި އޭގެ ކުރީދުވަހު ނަފާލިބެނިވި މަސައްކަތްތައްކުރުން މަނާކުރާ ޞައްޙަ ޙަދީޘެއްވެސް އަދި ޟަޢިފު ޙަދީޘެއްވެސް އޮތްކަން އިނގޭކަށްނެތެވެ.

މީސްތަކުން ކިޔައި އުޅޭ ވާހަކަތަކަށް ބިނާކޮށް ޝަރުޢީ ޙުކުމެއް ބިނައެއް ނުކުރެވޭނެއެވެ. ﷲ ތަޢާލާ އަކީ އެންމެ ޢަދުލުވެރި ފަރާތެވެ. އެއިލާހު ޢުޤޫބާތްދެއްވުމުގައިވެސް ޢަދުލުވަންތަވެވޮޑިގެންވެއެވެ. އެހެންކަމުން އެދުވަހު މަސައްކަތްކުރުމަކީ ހުއްދަކަމެކެވެ.

ހިޔަރަކާތްވިލޭރޭ ލޯގަނޑުބެލެން

އިސްވެ ބަޔާންކުރެވުނު ފަދައިން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ހިޔަރަކާތްވިލޭރޭ ލޯގަނޑު ބެލުމުން އެއަހަރު މަރުވާނޭމީހުން އެނގޭނެއެވެ. މިބައިމީހުން މިފަދައިން ހީކުރާ އެންމެ ބޮޑު އެއްސަބަބަކީ އެރެއަކީ ނިޔާ ކަނޑައެޅުއްވޭ ރޭކަމަށް މިބައިމީހުން ޤަބޫލުކުރުމެވެ. އަންނަނިވި އާޔަތުގެ މުރާދަކީ ހިޔަރަކާތްވިލޭރޭކަމަށް މިބައިމީހުން ހީކުރެއެވެ. ﴿فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴾ (سورة الدخان 4)

މާނައީ: ” އެ ރޭ ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައެވެ.”

ނަމަވެސް މިއާޔަތުގެ އަޞްލު މުރާދަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. އެހެނީ އާޔަތަށް ބަލާލުމުން އިނގެނީ ކަންތައްތައް ކަނޑައެޅެނީ ޤުރުއާން ބާވާލެއްވުނު ރޭގައި ކަމަށެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. މިއާޔަތުގެ ކުރީ އާޔަތުންވެސް އެކަން ދޭހަވެއެވެ. ﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ﴾ (سورة الدخان 3)

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެ ބާވައިލެއްވީ (އެބަހީ: قرآن) ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން އިންޛާރުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.”

މިސޫރަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ: ““އެ ރޭ ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައެވެ.” އެބަހީ: ލައިލަތުލް ޤަދްރިވިލޭރޭގައެވެ.”

އަދި އިންސާނާ މަރުވާނޭ ބިން އޭނާއަށް ނޭނގޭފަދައިން މަރުވާނޭ ވަޤުތެއްވެސް ނޭނގޭނެއެވެ. އެއީ ﷲ ތަޢާލާ ޚާއްޞަވެވޮޑިގެންވާ ޣައިބުގެ ޢިލްމުގެ ތެރެއިން ހިމެނޭކަމެކެވެ.

﴿… وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ …﴾ (سورة لقمان 34)

މާނައީ: “… އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެއެވެ. …”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ﴿قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ…﴾ (سورة النمل 65)

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. اﷲ އަށް މެނުވީ އުޑުތަކާއި ބިމުގައިވާ އެކަކަށްވެސް ޣައިބު ގައިވާކަމެއް ނޭނގޭނެއެވެ. އަދި އެބައިމީހުން އަލުން ދިރުއްވައި، މަޙްޝަރަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެބައިމީހުންނަކަށް ނުމެއެނގޭމެއެވެ. …”

ޚުލާޞާ

ޝައުބާން މަހަކީ މާތްވެގެންވާ މައްސަރެކެވެ.

އެމަހުގެ ވަކި ދުވަހެއް ކަނޑައެޅުމެއްނެތި ރޯދަހިފުމާއި އެހެނިހެން އަޅުކަންތައް އިތުރުކުރުން އެދެވިގެންވެއެވެ.

ހިޔަރަކާތްވިލޭރޭ ނުވަތަ ޝައުބާންމަހުގެ އެހެން ރެއެއްގައިވެސް ޚާއްޞަނަމާދެއްކުރުން ޘާބިތުވެފައިނުވެއެވެ. މިގޮތުން ހިޔަރަކާތްވިލޭރޭކުރާ 6 ރަކުޢަތުގެ ނަމާދުކުރުމަކީ (ދެރަކުޢަތްދެމެދުގައި ޔާސީންސޫރަތާއި ޚާއްޞަ ދުޢާއެއްކިޔައިގެން) ބިދުޢައެކެވެ.

ހިޔަރަކާތްވިލޭރޭ މޫނު ބަލާ ލޯގަނޑުބެލުން އެއީ ހުއްދަކަމެކެވެ. އަދި އެރޭ ލޯގަނޑަށް ބަލާއިރު، އެއަހަރު މަރުވާނޭ މީހުންގެ ބޯ ލޯގަނޑުން  ނުފެންނާނެކަމަށް ކުރެވޭ އިޢުތިޤާދަކީ ބާޠިލު އިޢުތިޤާދެކެވެ.

ހިޔަރަކާތްދުވަހު އަދި އޭގެ ކުރީދުވަހު ނަފާލިބެނިވި މަސައްކަތްތައްކުރުން އެއީ ހުއްދަކަމެކެވެ. އަދި އެދުވަހު މަސައްކަތްކުރުމުން މަކުނުތަކަކަށް ބަދަލުވެދާނެއޭ ބުނާ ބަހަކީ ބޯދާ ޚުރާފީ ވާހަކައެކެވެ.

والله أعلم.

______________________________

-1- މިލިޔުމުގައިވާ ތާރީޚާ ގުޅުންހުރި މައުލޫމާތުތައް ނަގައިފައިމިވަނީ އަލްފާޟިލް އާދަމް ނަސީރު އިބްރާހީމް (ހިޔަރަކާތްވިލޭރޭ) މިނަމުގައި 7 އޮގަސްޓް 2009 ގައި http://www.fanvai.info އަށް ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

-2- މިލިޔުމުގައިވާ ދީނާ ގުޅުންހުރި މައުލޫމާތުތައް ނަގައިފައިމިވަނީ އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ (ހިޔަރަކާތްވިލޭރޭ) މިނަމުގައި 4 އޮގަސްޓް 2012 ގައި http://dhisalafiyyah.net އަށް ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

-3- ޝައުބާން މަހާ ބެހޭގޮތުން އިތުރު ތަފްޞީލު ދެނެގަތުމަށް މިލިޔުން ވިދާޅުވާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް