ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ދައުވަތަށް ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް “އައްނޫރުލް މުބީން” ގެ ތަޞްފިޔާ (އޮޑިޝަން) ގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ.
“އައްނޫރުލް މުބީން” ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިއެއް ހޮވުމަށް ބާއްވާ ތަޞްފިޔާ އަންނަ މަހުގެ އެއްވަނަ ދުވަހު އޮންނާނެ ކަމަށާއި ތަޞްފިޔާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާގެ 14:00 ގެ ކުރިން ޤުރުއާނާއި ބެހޭ މަރުކަޒަށް އެކަމަށްއެދި ހުށަހެޅުމަށް އެފަރާތުން އެދެއެވެ.
ތަޞްފިޔާގައި ބައިވެރިވާ މީހުންގެ ޝަރުތުތައް
– އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
– ތަޖުވީދުމަގަށް ރީތިކޮށް ދިގުރާގަށް ކިޔަން އެނގުން
“ނޫރުލް މުބީން” ނަމުގައި ބާއްވާ ޤުރުއާން މުބާރާތް އޮންނާނީ މެއި މަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މެއި މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.
ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި، މިސްރު، ސޫދާން، ސަޢޫދީއަރަބިއްޔާ، ޔޫ،.އޭ.އީ، ތުރުކީ، ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނީޝިޔާ، މެލޭޝިއާ އަދި ސްރީލަންކާ ހިމެނޭއިރު ކޮންމެ ޤައުމަކުންވެސް ބައިވެރިވާނީ އެންމެ ބައިވެރިއެކެވެ.
މުބާރާތުގެ 1 ވަނަ އަށް 30،000 ޑޮލަރު (462،000ރ.)ގެ ފައިސާގެ އިނާމު ސަރުކާރުން ހުށަހަޅާފައިވާ އިރު ދެ ވަނަ އަށް 15،000 ޑޮލަރު (21،300ރ.)ގެ އިނާމެއްވަނީ ހުށަހަޅާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...