ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި އެޑިއުކޭޝަން މިނިސްޓްރީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް ޤުރުއާން މުބާރާތުގެ އެއްވަނަ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ހޯދައިފިއެވެ.
މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިއްޔެ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި އަރަބިއްޔާ ސްކޫލަށް އެވޯޑް ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.
މުޅި މުބާރާތުގެ އެއްވަނަ ސްކޫލަކަށް އަރަބިއްޔާ ސްކޫލް ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ތިން ސްކޫލުގެ ތެރެއިން އެއްވަނަ ވެސް ލިބުނީ އަރަބިއްޔާއަށެވެ. މުޅި މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ސްކޫލަކަށް ގދ. ތިނަދޫ އަބޫބަކުރު ސްކޫލް ހޮވުނުއިރު ތިންވަނަ ލިބުނީ ރ. އަލިފުށި ސްކޫލަށެވެ.
ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕާއި ހާފިޡުންގެ ގޮފި ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 5 ފޮތާއި 10 ފޮތާއި 15 ފޮތުން ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމެނެއެވެ. ހިތުން ކިޔެވުމުގެ ބައިގައި ހިމެނެނީ ވިދިވިދިގެން 2 ފޮތާއި، 4 ފޮތާއި، 6 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުމެވެ. އަދި ހާފިޡު ކަމުގެ ބައިގައި މުޅި ޤުރުއާން ހިތުދަސްވެފައިވުމާއެކު ތަޖުވީދު ހަމަތަކުން ކިޔެވުން ހިމެނެއެވެ.
މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނީ ގއ. ވިލިނގިލި، ހުވަދުމާގެ، މުހައްމަދު ޝައިހާން އަލީ (ރެހެންދި ސްކޫލް) އަށެވެ. މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނީ މ. ކޮޅުފުށި، ޝެޑޯޒް، މުހައްމަދު ނަބީހް ރާޝިދު (އަރަބިއްޔާ ސްކޫލް) އަށެވެ. އަދި މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނަ ލިބުނީ މ. ސަމަރުބްލޫގެ، އާމިނަތު ހިޝްމާ އާދަމް (ހިރިޔާ ސްކޫލް) އަށެވެ.
ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިމުބާރާތުގައި މިފަހަރު 424 ދަރިވަރުންވަނީ ކިޔަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...