ދީނީ ޚިލާފުތައް އުފެދުމަށް މަގުފަހިވާނެ ކަންތައް ރާއްޖޭގަައި އާއްމުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަންކަމުން ޤައުމު ރައްކާތެރި ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭނީ ތައުލީމީ ޒުވާނުންނަށް ކަމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ މެދުގައި ދީނީ ގޮތުން ޚިލާފު ތަފާތު މައްސަލަތައް އާއްމުވާނެ އެތައް ކަމެއް ފެތުރިދާނެކަމުގެ ބިރު މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮތްކަމަށެވެ. އަދި އެ މަސައްކަތްތަކަށް ހިކުމަތްތެރިކަމާ އެކީގައި، ހިތްވަރާ އެކީގައި މިގައުމުގެ ސިލްމާ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަށް އެންމެ ރަނގަޅުވާނީ ސިފައިންނާއި ފުލުހުންނެއް ނޫންކަމަށާއި އެކަމަށް އެކަށީގެން ވަނީ ތައުލީމު ލިބިފައިވާ ހިތްވަރުގަދަ ޒުވާނުން ކަމަށް ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ ދުނިޔޭގައި ހިންގަމުންދާ އެކިކަހަލަ ނޭދެވޭ އޮއިވަރުތަކުގެ އަސަރު ރާއްޖެއަށްވެސް ދަނީ ކުރިމަތިވަމުންކަމަށާއި ދީނުގެނަމުގައި ފަތުރާ އެކި ފިކުރުތަކާއި، ޣައިރުދީންތަކުގެ ފިކުރުތަކުގެ ނުރައްކާވެސް ރާއްޖެއަށް ކުރިމަތިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތާ ދެކޮޅަށް އަންނަ ޙަމަލާތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފަދަކަންކަމުން ޤައުމު ޙިމާޔަތްކުރަން ނުކުންނަން ޖެހެނީ ހަމައެކަނި ސިފައިންނާއި ފުލުހުން ނޫންކަމަށާއި މިފަދަ ކަންކަމާދެކޮޅަށް ޤައުމު ޙިމާޔަތްކުރަން މުޅި ދިވެހިރައްޔިތުން ތެދުވަންޖެހޭކަމަށް މިނިސްޓަރ ފާހގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ކޮރަޕްޝަނާ ފަސާދައިގެ މައްސަލަ ވެސް ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކި ސަރުކާރުތަކުން އެކަމާ މެދު ބަހުސްކޮށް، އެކި ސަރުކާރުތަކަށް އެކަމުގައި އިނގިލި ދިއްކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ކުޑަ ކުރުމަށް ވިސްނާ ފިކުރުކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މިރޭ ވަރަށް ޒުވާން އަދި ޢިލްމީ ބޭފުޅުންކޮޅެއް ދަސްވެނިވެގެންދާއިރު އަޅުގަނޑުގެ މިރޭގެ އިލްތިމާސަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަން މަދު ކުރުމަށް ތި އެއްމެހާ ބޭފުޅުންވެސް އަތުކުރި އޮޅާލައިގެން މަސައްކަތްކޮށްދެއްވުން. ތިޔަ ބޭފުޅުންނަކީ ކޮރަޕްޝަނާ ދެކޮޅު، ނަޒާހަތްތެރިބަޔަކަށް ވެވަޑައިގަތުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުން،" މިނިސްޓަރ ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައިވަނީ އައިޔޫއެމް އިން ހިންގި ކޯސްތަކުން 646 ދަރިވަރަކު ދަސްވެނިވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...