ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ރާއްޖެއަށް އަލަށް ތައާރަފްކުރާ އެމްބީބީއެސް ކޯހަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެމްއެންޔޫއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މެޑިކަލް ސްކޫލްއިން ފެށުމަށް ހަމަޖެހިފައިވާ އެމްބީބީއެސް ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވާ އާދިއްތަ ދުވަހުން ފެށިގެން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެމްބީބީއެސް ކޯހަށް 50 ޖާގަ ހުޅުވާލާފައިވާއިރު ކޯހަށް ކުރިމަތިލާ ކުދިންގެ ޝަރުތުތަކުގެ ތެރޭގައި އޭލެވަލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީގެ އިތުރުން ހިސާބު ނުވަތަ ފިޒިކްސްއިން ފާސްވެފައިވުން ހިމެނެއެވެ. އަދި އޯ ލެވެލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީ، ފިޒިކްސް، ހިސާބުން ފާސްވެފައިވުން ޝަތުރުތަކުގެ ތެރޭގައި ހިމެނޭއިރު އޯ ލެވެލް އިމްތިހާނުގައި އިނގިރޭސިން އެންމެ ދަށް ވެގެން "ސީ" ފާސް ނުވަތަ އައިއެލްޓީއެސްއިން 6.5 ހާސިލްކޮށްފައިވުންވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ.
އެމްއެންޔޫއިން ހާމަކޮށްފައިވާ ގޮތުގައި އެމްބީބީއެސްއަށް ކިޔަވައިދޭން ފަށާއިރު ކްލިނިކަލް މާއްދާތައް ކިޔަވައިދޭނީ ރާއްޖޭގެ ޑޮކްޓަރުންްނެވެ. އަދި ބޭސިކް ސައިންސްގެ ތިން މާއްދާ ކިޔަވައިދޭނެ ބޭރުގެ ޓީޗަރުން މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.
ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމްކުރަން ޕާކިސްތާން ސަރުކާރުން ފަސް މިލިއަން ޑޮލަރުގެ އެހީ ދީފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއެކު މެޑިކަލް ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އެއިމާރާތުގެ 2 ފްލޯއެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...