ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ދައުވަތަށް ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް އަންނަމަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
މިމުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ވިދާޅުވީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށާއި، މިއީ ރާއްޖެގައި ބެއްވޭ ވަރަށް މުހިއްމުއަދި ތާރީޚީ މުބާރާތަކަށް ވެގެންދާނެކަމަށެވެ.
"ނޫރުލް މުބީން" ނަމުގައި ބާއްވާ ޤުރުއާން މުބާރާތް އޮންނާނީ މެއި މަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މެއި މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.
ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި، މިސްރު، ސޫދާން، ސަޢޫދީއަރަބިއްޔާ، ޔޫ،.އޭ.އީ، ތުރުކީ، ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނީޝިޔާ، މެލޭޝިއާ އަދި ސްރީލަންކާ ހިމެނޭއިރު ކޮންމެ ޤައުމަކުންވެސް ބައިވެރިވާނީ އެންމެ ބައިވެރިއެކެވެ. އެގޮތުން ރާއްޖެއިން ބައިވެރިވާނެ ފަރާތެއް ހޮވުމަށް ބާއްވާ އޮޑިޝަން މެއިމަހުގެ އެއްވަނަ ދުވަހު އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުބާރާތުގެ 1 ވަނަ އަށް 30،000 ޑޮލަރު (462،000ރ.)ގެ ފައިސާގެ އިނާމު ސަރުކާރުން ހުށަހަޅާފައިވާ އިރު ދެ ވަނަ އަށް 15،000 ޑޮލަރު (21،300ރ.)ގެ އިނާމެއްވަނީ ހުށަހަޅާފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށްދާ މިމުބާރާތް ކުރިއަށްގެންދަނީ އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...