ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައި ލެއްވުނު އިސްލާމްދީނަކީ އިންސީންނާއި ޖިންނީން ޝާމިލުވާނޭހެން އެންމެންގެ މައްޗަށް ބާވައިލެއްވުނު ދީނެކެވެ. އެއިލާހު ޖިންނީންނާއި އިންސީން ޚަލްޤުކުރަށްވާފައި ވަނީ އެއިލާހަށް އަޅުކަންކުރުމަށެވެ. މުސްލިމަކަށް ވުމަށްފަހު އެހެން މީސްތަކުންނަށް އިސްލާމްދީނަށް ގޮވާލައި އެދީނަށް ދަޢުވަތު ދިނުމަކީ، ވަރަށް މުހިންމު ކަމެކެވެ. ޖަމްޢިއްޔާ-ޖަމާޢަތްތަކުން ދަޢުވަތުގެ ޕްރޮގްރާމްތައް ހިންގާތީ އަޅުގަނޑުމެން ވަރަށް ގިނައިން އަޑުއަހަމުއެވެ. އަދި އެތައްބައިވަރު މީހުންނެއް މިފަދަ ދަޢުވަތްތަކުގެ ސަބަބުން އިސްލާމްދީން ޤަބޫލުކުރާތަންވެސް ދެކެމުއެވެ. ނަމަވެސް އެއީ މުޅިންވެސް އިންސާނުން ގެ ދެމެދުގައެވެ. ޖިންނި އެއް އިންސާނަކަށް އިސްލާމްދީނަށް ދަޢަވަތު ދިންވާހަކަ އަޑު އިވޭނީ ވަރަށް މަދު ފަހަރަކުއެވެ. މިއަދު އަޅުގަނޑުމެން ބަލައިލާނީ ޖިންނިއެއްގެ ދަޢުވަތަށް އސްލާމްވީ ޞަޙާބީއެއްގެ ވާހަކައެވެ.
ޞަޙާބީގެ ނަމަކީ ތަމީމް އިބްނު އައުސް އައްދާރީ އެވެ. ތަމީމް އައްދާރީ އަކީ އަސްލު ޔަމަނުމީހެކެވެ. ޔަމަނުގައި އޭނާ ދިރިއުޅުނު ހިސާބަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއެއްގެ ސަބަބުން ޤަޙްޠާން ނަމަކަށް ކިޔުނު ޤަބީލާއަކަށް ނިޞްބަތްވި ތަމީމް އައްދާރީ ޔަމަނު ދޫކޮށް ފަލަޞްޠީނަށް ހިޖުރަކުރިއެވެ. އޭނާ ފަލަޞްޠީނުގައި ދިރިއުޅެމުން ގެންދިޔައީ ބައިތު ލަޙަމޭ ކިޔުނު ރަށެއްގައެވެ. ބައިތު ލަޙަމްގައި ތަމީމް އައްދާރީވީ ނަޞާރާ ދީނަށް އުޅެމުންއައި މީހަކަށެވެ. އަދި އެދީން އުނގެނެމުން އުނގެނެމުންގޮސް އެންމެފަހުން ނަޞާރާ ދީނުގެ ފާދިރީއަކަށް އޭނާ ވެގެންދިޔައެވެ. ނަޞާރާ ދީނުގެ ޢިލްމު ލިބިފައިވީ މީހެއްކަމުން އޭނާ ފައްޅީގައި މީސްތަކުންނަށް މިދީން އުނގަނައިދެމުން ގެންދިޔައެވެ. މިގޮތަށް ދީން ކިޔަވައިދެމުން ދިޔައިރު އަބަދުވެސް އޭނާގެ ހިތުގައި ވަރަށް ބޮޑު އެދުމެއްވެއެވެ. އެއީ ނަޞާރާ ދީނުގެ އަސްލު ތެދު މަޢުލޫމާތު ހޯދުމެވެ. އޭނަ އުނގެނިފައިވާ "ނަޞާރާ ދީނުގެ" ޢިލްމުތަކުގައި ޙަޤީޤަތާއި ޚިލާފު، ބައެއް ފުށުންއެރުންތަށް ވާކަމަށް އޭނާއަށްވެސް ޤަބޫލުކުރެވެއެވެ. އަދި ޙައްޤު ހޯދުމަށް އޭނާ ވަނީ އަބަދުވެސް ފެންބޮވައިގަނެފައެވެ. އެއީ ނަޞާރާ ދީން ނޫން އެހެން ދީނެއް ނަމަ، ނަޞާރާދީން ދޫކޮށް ޙައްޤު ދީނަށް ރުޖޫޢަވުމަށްވެސް އޭނާ ބޭނުންވެއެވެ.
އެދުވަސްވަރަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީކަމުގެ ރިސާލަތާ ޙަވާލުވެ ދީނަށް ގޮވާ ލައްވަމުން ގެންދެވި ދުވަސްވަރެވެ. ނަމަވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަދި އިސްލާމްދީނުގެ ޚަބަރެއްވެސް އަދި އެހާތަނަށް ތަމީމް އައްދާރީއާ ހަމައަކަށް އިސްފައެއް ނުވެއެވެ. މިހެން އުޅެމުން ދަނިކޮށް އެއްދުވަހަކު ތަމީމް އައްދާރީ ދަތުރެއްކުރަން ޖެހިއްޖެއެވެ. ދަތުރު ފަށައިގެންގޮސް ރޭގަނޑުވީއިރުވެސް ދާންބޭނުންވި މަންޒިލާ ހަމަކަށް ނުދެވެއެވެ. އެހިނދު ތަމީމް އައްދާރީއަށް ވަނީ ވާދީއެއްގެ ތެރެއަށް ވަދެވިފައެވެ. އެހިސާބުގައި ބައިވަރު ފަރުބަދަތައްވެސް ހުއްޓެވެ. އެހިނދު ކުއްލި ބިރުވެރިކަމެއް އޭނާގެ ހިތަށް ވެރިވިއެވެ. ކަމެއްދިމާވެދާނެތީއެވެ. ރޭގަނޑު ސަހަރާތެރޭގައި، ވާދީތަކުތެރޭ އެހެން އުޅެނިކޮށް ކޮންމެފަދަކަމެއްވެސް ދިމާވެދާނެއެވެ. އެހިނދު އޭނާ ކުޑައިރު އަރަބިންގެ ތެރޭގައި ކިޔައިއުޅުނު އެއްޗެއް ތަމީމް އައްދާރީގެ ހަނދާނަށް އައެވެ. އެއީ މިފަދަ ވާދީއެއްގައި ވެއްޖެނަމަ އެވާދީގެ ބޮޑު ޖިންނީގެ ކިބައިން ސަލާމަތާއި ރައްކާތެރިކަމަށް އެދުމެވެ. މިއާއެކު، ތަމީމް އައްދާރި އެވާދީގެ ވެރި ޖިންނިއަށް "ދުޢާ"އެއް ކުރިއެވެ. أَعُوذُ بِسَيّدِ هَذَا الوَادِي މާނަ: މިވާދީގެ ވެރި (ޖިންނީގެ) ކިބައިން އަހަރެން ރައްކާތެރިކަމަށް އެދެމެވެ.
މިހެން ދުޢާ ކޮށް ހަމަޖެހިލާފައި ތަމީމް އައްދާރީ އޮށޯތުމާއެކު ކުއްލިއަކަށް އަޑެއް އިވިއްޖެއެވެ. ވަދީގެ ޖިންނި ތަމީމް އައްދާރީއާއި ވާހަކަދައްކަނީއެވެ.
"އޭމީހާއެވެ. ޖިންނިއަކަށް ތިބާއަކަށް ކޮށްދެވޭނޭ ކަމެއް ނެތެވެ. ﷲގެ ކިބައިން ސަލާމަތާއި ވާތްގަށް އެދޭށެވެ."
އެހިނދު ތަމީމް އައްދާރީ ހައިރާންވެފައި ވެގެންއުޅޭގޮތް އެހިއެވެ. އެހިނދު ޖިންނި ބުންޏެވެ "މައްކާއިން އުންމީ ނަބިއްޔެއް ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ މައްޗަށް ވަނީފޮތެއް ބާވައިލެއްވިގެންނެވެ. އެއީ އެފޮތަކުން ތައުރާތާއި އިންޖީލު ތެދުކުރާ ފޮތެކެވެ. އެކަލޭގެފާނު ފާޅުވެއްޖެއެވެ. އަދި އަހަރެމެން ވަނީ އެކަލޭގެފާނުގެ ރިސާލަތަށް ތަބާވެގެންނެވެ. ވީމާ ތިބާ ސަލާމަތާއި ވާތްގައް އެދި ގޮވަންވީ އަހަރެމެން ޖިންނީން ކިބައަކުން ނޫނެވެ. ތިބާ ގެ ވެރި ރައްބުގެ ކިބައިންނެވެ. އެއީ ﷲއެވެ."
ޖިންނީގެ މި އަޖައިބުން ފުރިގެނވާ ވާހަކައާއެކު ތަމީމް އައްދާރީގެ ހަނދާނަށް އެއްޗެއް އަންނަން ފަށައިފިއެވެ. އެއީ ނަޞާރާ ދީނުގެ ކުރީގެ ފަތްފުށް ތަކަކުން އޭނާއަށް ވަނީ ފަހުޒަމާނުގައި އަންނާނޭ ނަބިއްޔެއްގެ ވާހަކަ ފެނިފައެވެ. އަދި އެކަލޭގެފާނު މަދީނަތުލް މުނައްވަރާ އަށް ހިޖުރަކުރާނެކަމަށް އެ ފަތްފުށްތަކުގައިވެއެވެ. އެހެންވެ ނަޞާރާދީނުގެ ފަތްފުއްތަކުން އޭނާއަށް އެނގިފައިވާ އެއްޗަކާއި ޙަޤީޤަތުގައި މި ހިނގާ ކަންކަން ދިމާވޭތޯ ބެލުމަށްޓަކައި، ތަމީމް އައްދާރީ މަދީނާއެއް ދަތުރު ކުރުމަށް ނިންމިއެވެ. އެރޭ ނިދުމަށްފަހު، އަނެއްދުވަހު ހެނދުނު ފުރަތަމަ ކަމަކަށް ތަމީމް އައްދާރީ އޭނާގެ އަވަށަށްގޮސް އިސް ފާދިރީގެ އަރިހުން ރޭގައި އޭނާއަށް ދިމާވި ކަންކަމާ މެދު ސުވާލު ކުރިއެވެ. އެހިނދު ފާދިރީ ބުންޏެވެ. "ތެދެކެވެ. މިއީ ނަބިއްޔަކު ފާޅުވާނޭ ދުވަސްވަރެކެވެ. ފަހަރެއްގައި އެއީ އެނަބިއްޔާ ކަމަށް ވެދާނެއެވެ. އަދި އެނަބިއްޔާ ވާނީ މަދީނާގައެވެ."
އެހިނދު ތަމީމް އައްދާރީ، އިތުރަށް ލަސްކުރުމަކާނުލައި އެކަލޭގެފާނާއެކީ މަދީނާއަށް ދާނެ ވަފުދެއް ތައްޔާރުކުރުމަށް ފަހު މަދީނާއަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް މަދީނާއިން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފެނުމާއެކު ލަސްކުރުމަކާނުލައި އެކަލޭގެފާނުގެ އަރިހުގައި ޝަހާދަތްކިޔައި އިސްލާމްވިއެވެ.
މި ޢިބްރަތްތެރި ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ވަރަށް މުހިންމު ފިލާވަޅެއްވެއެވެ. އެއީ މިދީނުގެ ދަޢުވަތު އެހެންމީސްތަކުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ. އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު މީސްތަކުންނަށް ފޯރު ކޮށްދިނުމެވެ. އެހެނީ ގިނަ ޣައިރުމުސްލިމުންނަށް އިސްލާމްދީނާމެދު އުފެދިފައިވާ ތަޞައްވުރަކީ އެހާ ބަލައިގަންނަން ފަސޭހަ ތަޞައްވުރެއްނޫނެވެ. އެތައްބައިވަރު ސަބަބު ތަކަކާ ހުރެއެވެ. އިސްލާމްދީނުގެ ރަނގަޅުމަޢުލޫމާތު ފޯރު ކޮށްދެވިއްޖެނަމަ، ތަމީމް އަށްދާރީފަދައިން މިދީން ޤަބޫލުކޮށްފާނޭ އެތައްބައިވަރު ބަޔަކު ތިބެދާނެއެވެ. އަދި ދިވެހިރާއްޖެއަކީ އަބަދުވެސް އެތައް ބައިވަރު ޓޫރިސްޓުންނެއް ޒިޔާރަތްކުރާ ޤައުމެއްކަމުން، އެބައިމީހުންނަށް ދީނަށް ގޮވާލައި، އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު އެބައިމީހުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑޫމެންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ނޫންތޯއެވެ؟
މަޞްދަރު: މުފްތީ އިސްމާޢީލް މެންކްގެ ދަރުހަކުން















ޚިޔާލު