ސަޢޫދީ ޢަރަބިއްޔާގެ މަދީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 40 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޤުރުއާނާއިބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެމަރުކަޒުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 40 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައިކަމަށާއި މިމުބާރާތުގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ޝަރުތު ހަމަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ.
ބައިވެރިވުމުގެ ޝަރުޠު
- މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
- ފިރިހެނަކު ކަމުގައިވުން.
- 25 އަހަރު ފުރިފައިނުވުން
މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް
މުޅިޤުރްއާން ހިތުދަސް ކޮށްގެން ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.
ވިދިވިދިގެން ( ތަރުތީބުން ) 15 ފޮތް ހިތުދަސް ކޮށްގެން ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި
މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 1.30 ގެ ކުރިން ބައިވެރިވުން އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީ ނުވަތަ ފެކްސް ފޮނުއްވުން އެދޭކަމަށް އެމަރުކަޒުން ހާމަކުރެއެވެ.
މިމުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ހަމަޖެހިފައިވަނީ 2 ބައިވެރިންނެވެ. މިދެބައިވެރިން ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަރްކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.
މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު އޮކްޓޯބަރު މަހުގެ 06 އިން 10 އަކަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...