މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކާޑުގެ އަގުތައް ހެޔޮކުރުމަށް ނިންމުމާ ގުޅިގެން، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރާއި ރައްޔިތުންގެ ކުންފުނި އެސްޓީއޯއިން މާދަމާއިން ފެށިގެން ކާޑްގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެސްޓީއޯއިން ހާމަކޮށްފައިވަނީ މާލެ އާއި އަތޮޅުތަކުގައި ވިއްކާ ކާޑްގެ ބާވަތްތަކުގެ އަގުހެޔޮ ކުރަނީ 2016 ވަނަ އަހަރު އެ ބާވަތްތަކުގެ އަގު ހުރި ވަރަށް ކަމަށެވެ. އެގޮތުން މިހާރު 6.80 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯއެއް މާދަމާއިން ފެށިގެން ވިއްކާނީ 4 ރުފިޔާއަށެވެ. މިހާރު 6.72 ރުފިޔާއަށް ވިއްކާ ހަނޑޫ ކިލޯއެއް ވިއްކާނީ 3.98 ރުފިޔާއަށެވެ. އަދި މާދަމާއިން ފެށިގެން ފުއްކިލޯއެއް ވިއްކާނީ 2.98 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. މިހާރު ފުއްކިލޯއެއްގެ އަގަކީ 5.26 ރުފިޔާއެވެ.
އިކޮނޮމިކް މިނިސްޓްރީން ކާޑުގެ އަގު ހެޔޮކުރި ނަމަވެސް އަތޮޅުތެރެއަށް ކާޑު ފޯރުކޮށްދިނުމަށް ނާލާއި މަޖޫރީ އަދި ފައިދާ ހިމެނޭ ގޮތަށް އެންމެ ގިނައިން ނެގޭނެ ޚަރަދުވެސް ވަނީ ކަނޑައަޅާފައެވެ.
- ހއ، ހދ. އަދި ށ. އަތޮޅަށް އެންމެ ގިނަވެގެން ނެގޭނީ ކިލޯއަކަށް 1.02 ރުފިޔާ
- ނ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް އެންމެ ގިނަވެގެން ނެގޭނީ ކިލޯއަކަށް 0.82 ރުފިޔާ
- ލ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް އެންމެ ގިނަވެގެން ނެގޭނީ ކިލޯއަކަށް 1.21 ރުފިޔާ
2016 ވަނަ އަހަރު އެސްޓީއޯއިން ކާޑުގެ އަގުތައް ބޮޑުކުރީ ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމުންނެވެ. ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 850،000 ރުފިޔާ ޚަރަދުކުރާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...