ރިޕޯޓް

ސްޓެފަން ހޯކިން: "ޤަރުނުގެ ސައިންސުވެރިޔާ"!

"އަހަރެމެންނަކީ އާދައިގެ އިރުގެ ނިޒާމެއްގައިވާ އާދައިގެ ކުޑަ ޕްލެނެޓެއްގައި އުޅޭ ރާމާމަކުނުތުކުން އުފެދިފައިވާ ބައެއް. އެހެންނަމަވެސް އަހަރެމެން މިވަނީ ކާއިނާތު މަސައްކަތްކުރާގޮތް ހޯދައިގަނެފައި. އަހަރެމެން ޚާއްސަ ބަޔަކަށް ވަނީ އެހެންވެ."

މިއީ ދުނިޔެ މިފަހުގެ ޒަމާނެއްގައި ދެކުނު އެންމެ މަޝްހޫރު ސައިންޓިސްޓް ކަމަށްވާ ސްޓެފަން ހޯކިން ބުނެފައިވާ ބުނުމެކެވެ. ފުރަތަމަ ސްޓެފަން ހޯކިންގެ ކުރު ތަޢާރަފަކަށް ބަލައިލަމާތޯއެވެ.

ސްޓެފަން ހޯކިންއަކީ ސައިންސުގެ ދާއިރާއިން އެތައް ބައިވަރު ހޯދުންތަކެއް ހޯދައިދިން "ކުޅަދާނަ" ސައިންސް ވެރިއެކެވެ. 'އަ ބްރީފް ހިސްޓޯރީ އޮފް ޓައިމް' ފަދަ މަޝްހޫރު ފޮތްތައް ލިއުއްވާފައިވާ "ޤާބިލު" ލިޔުންތެރިއެކެވެ. މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މޮޓޯ ނިއުރޯން ބަލީގެ ޝިކާރަ އަކަށް ވުމުގެ ސަބަބުން އުމުރުގެ ބޮޑުބައި ވާގިނެތި، ފުރޮޅުލީ ގޮނޑިއެއްގައި ވެއަތުކުރަންޖެހުނުނަމަވެސް ސައިންސުގެ ދާއިރާއަށް އެތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދިން ﷲ އެމީހަކަށް ވިސްނުމާއި ތޫނުފިލިކަމާއި ދުނިޔޭގެ ޢިލްމު އެތައް ގުނައަކަށް ދެއްވި "ކާމިޔާބު" ތިއޮރެޓިކަލް ފިޒިސިސްޓެކެވެ.

ނަމަވެސް ހިތާމައަކީ ބުއްދިއާއި، ޢިލްމާއި، ތޫނުފިލިކަން އިންތިހާއަށް ލިބިފައިވާހިނދުވެސް، އޭގެބޭނުން ހޯކިން އަށް އެންމެ އެކަށެނަގޮތުގައި ނުހިފުނު ކަމެވެ. އުމުރުން 76 އަހަރުގެ ސްޓެފެން ހޯކިން މަރުވިއިރު، އޭނާއަށް ކަލަކު ވޮޑިގެންވާކަން ޤަބޫލެއްނުކުރެވުނެވެ. ނުވިތާކަށް އޭނާވީ އެކަމަށް ގޮންޖަހަމުން ދިޔަ މީހަކަށެވެ. ކާއިނާތުގެ އުފެދުމާއި، ކާއިނާތުގެ ސިއްރުތަކާއި، މިނޫންވެސް ކާއިނާތާ ގުޅޭ ޢިލްމުތަކަށް ޚާއްސަވެ، ގުނާޢަދަދު ނުކުރެވޭހާ ގިނަ ހެކިތަކާއި ދަލީލުތައް އޭނާގެ ވަށައިގެން އަބަދުމެ އެނބުރެމުން ދިޔަ ނަމަވެސް، އެކާއިނާތު ޚަލްޤު ކުރެއްވި އިލާހެއް ވާކަން އޭނާއަށް ޤަބޫލެއްނުކުރެވުނެވެ. ވީމާ ބުއްދިވެރިޔަކަސް މިއީ ހިތާމަކުރަންޖެހޭހާ ބޮޑު މޮޔަކަމެކެވެ. އެތަށް ގުނައަކަށް ޢިލްމު ޙާޞިލް ކުރުމަށްފަހު، ދެން އޭނާ ވެގެންދިޔައީ، ހޯދުނު ހޯދުންތަކުގެ މައްޗަށް ބޮޑާވެ، ކިބުރުވެރިވީ މީހުންގެ ތެރެއިންނެވެ. އަދި ތިމަންނާއަކީ މުލްޙިދެއްކަމަށް އަމިއްލައަށް އިޢުތިރާފުވެސްވިއެވެ. ސްޓެފަން ހޯކިން ބުނެފައިވެއެވެ.

"އިލާހެއް ވާނަމަ އަހަރެމެން (ސައިންޓިސްޓުންނަށް) އެއިލާހެއްގެ ވިސްނުން ހުންނާނެ ގޮތް އިނގޭނެ. އަދި އިލާހަކަށް އިނގޭނެ އެއްޗެއްވިއްޔާ އަހަރެމެންނަށް ވެސް އިނގޭނެ. އެއީ އިލާހެއް ވާނަމަ. ނަމަވެސް އެފަދަ ފަރާތެއް ނުވޭ. އަހަންނަކީ މުލްޙިދެއް." އަދިވެސް އޭނާ ބުނެފައިވެއެވެ. "އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތަކަށް ގަބޫލުކުރެވިދާނެ. އަހަރެން ދެކޭ ގޮތުގައި، އިލާހަކު ނުވޭ. ކާއިނާތު ޚަލްޤުކުރި އިލާހަކުވެސް ނުވޭ. އަދި އަހަރެމެންގެ ކަންތަށް ބަލަހައްޓަވާ، ތަދުބީރުކުރަށްވާ، ކަންކަން ނިންމަވާ ފަރާތެއްވެސް ނުވޭ."

އޭނާއެވަނީ އޭނާ ދެކޭގޮތުގައި ހިފައި، އުޚުރަވީ ޙަޔާތް ވެއްޔާއި މޮޑެލާފައެވެ. ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި އާޚިރަތް ވިއްކާލާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ހޫދު ސޫރަތުގައި ވަޙީ ކުރަށްވާފައިވެއެވެ. مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ މާނަ: "ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ عمل ތައް ތިމަންއިލާހު އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ." (15) "އެއުރެންނީ آخرة ގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެންވެތެވެ."(16)

ތެދެކެވެ. ﷲ ވަނީ އޭނާ އަށް ދުނިޔޭގައި އެތައް ނިޢުމަތަކާއި މަޝްހޫރުކަމަކާއި އެތައް ބާރެއް ދެއްވާފައެވެ. ނަމަވެސް ދުނިޔޭގެ މި ކުޑަކުޑަ ވަގުތުކޮޅާ އަލްވަދާޢު ކިޔުމަށްފަހު އޭނާއަށް އޮތީ ކޮންއެއްޗެއްތޯއެވެ. ދުނިޔޭގެ ޖާހާއި ލައްޒަތާއި މަޝްހޫރުކަން އަވާމެނދުރެއްފަދައިން ވީއެވެ. ވަޅުލުމަށް ފަހު ކުޑަ ވަގުތުކޮޅެއްތެރޭ ނަކީރު އަދި މުންކަރު މިދެމަލާއިކަތުން އޭނާއާ ކަށްވަޅުގެ 3 ސުވާލު ކުރާނެތެވެ. އެންމެ 3 ސުވާލެވެ. ތިބާގެ ރައްބަކީ ކޮބާ؟ ތިބާގެ ދީނަކީ ކޮބާ؟ އަދި ތިބާގެ ނަބިއްޔަކީ ކޮބާ؟ މި ތިންސުވާލެވެ. ދުނިޔޭގައި މިތިންސުވާލުގެ ޖަވާބު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ގަނެގެން މެނުވީ ކަށްވަޅުގައި ބަރުޒަޚުގެ ޢާލަމުގައި މިސުވާލު ތަކަކަށް ޖަވާބެއް ނުދެވޭނެއެވެ. އެއީ އަދި މުސްލިމެއްގެ ނަމުގައި އުޅުނުމީހަކަސް ކަންއޮތީ މިހެންނެވެ. ދެން ފާޅުގައި ކަލަކު ނުވާކަމަށް ގޮވަމުން، މީސްތަކުން މަގުފުރައްދަމުން ދިޔަ މީހެއްގެ ޙާލާމެދު ވިސްނާލައްވާށެވެ. މިތިންސުވާލަށް ޖަވާބު ނުދެވިއްޖެ މީހަކަށް އޮތީ ޤިޔާމަތާ ޖެހެންދެން ކަށްވަޅުގެ ޢަޒާބެވެ. އެއަށްފަހު ޤިޔާމަތް ދުވަހުން އޭނާއާ މެދު އެންމެ ޢަދުލުވެރިކަމާއެކު ނިޔާ އިއްވަވާނީ އޭނާ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. އެއިލާހަކު ވޮޑިގެންވާކަމާ މެދު އޭނާ އިންކާރު ކުރަމުން އައި އިލާހެވެ.

ނަމަވެސް، ހިތާމައަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގައި އުޅުމުގެ ނިޢުމަތް ލިބިފައި ވީހިނދުވެއްސް، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އިލްޙާދު ނުވަތަ އެތެއިޒަމްގެ އަވާގައި ޖެހެމުންދާކަމެވެ. ސައިންސަކީ އިންސާނުންގެ ހޯދުންތަކަށް ބިނާވެފައިވާ އެއްޗަކަށް ވާއިރުވެސް ތިމާ ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ އަސްލަކީ ސައިންސް ކަމުގައި ހަދާފައިވާ ކަމެވެ. ސައިންސުގެ ހޯދުންތަކުން އިއްޔެ ތެދެއްކަމަށް ޤަބޫލުކުރެވުނު އެއްޗެއް މިއަދު ދޮގު ކުރެވޭހިނދު، އަދި މިއަދު ތެދެއްކަމަށް ޤަބޫލު ކުރެވޭއެއްޗެއް މާދަމާ ހޯދާހޯދުމަކުން ދޮގުކުރެވިދާހިނދު، ތިމާ ނެތުމުގެ ތެރެއިން ހައްދަވައި، ބުއްދިއާއި ކުޅެދުން ދެއްވި ތިމާގެ ވެރި ރައްބުގެ ދީނާއި ޝަރީޢަތް ދޫކޮށް ސައިންސަށް ބަރޯސާވާކަމެވެ. އަދި ﷲގެ ޙަޟްރަތުން އެތައް މުޢުޖިޒާތަކާއި ދަލީލުތަކާއިގެން ވަޑައިގެންނެވި ރަސޫލުންނާއި ނަބީން ގެ ބަހުގެ މައްޗަށް ސްޓެފެން ހޯކިން ފަދަ ﷲގެ ޙަޟްރަތުގައި ނިކަމެތި އިންސާނެއްގެ ބަސް މޮޅުކޮށްލާކަމެވެ.

ނިންމާލުމުގެ ކުރިން ތިޔަ އެންމެ އަޚުންނާއި އުޚްތުންނަށް ނަސޭހަތެއް ދޭނަމެވެ. ތިމާގެ އީމާންތެރިކަން ވަރުގަދަކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ތިމާގެ ދީނީ އަޤީދާ ވަރުގަދަކޮށް ތައުޙީދުގެ ޢިލްމު ދެނެގަންނާށެވެ. ނޭނގޭ އެއްޗެއްވާނަމަ، ޢިލްމުވެރިންނާ ސުވާލުކުރާށެވެ. ސައިންސާއި ދީނާ ފުށުއަރާކަމަށް ޝައިޠާނާގެ ކިބައިން ވަސްވާހެއް އައިސްފިނަމަ، ލަސްނުކޮށް ޢިލްމުވެރިޔަކާ މަޝްވަރާކޮށް، ހިތުގައިވާ ޝުބުހާތައް ނައްތާލާށެވެ. ރާއްޖޭގައިވެސް މިދާއިރާ ދިރާސާކޮށް ހޯދާފައިވާ ޢިލްމުވެރިން މަދެއްނޫނެވެ. އެބޭކަލުންގެ ކިބައިން ފައިދާ ޙާޞިލުކުރާށެވެ. ހަމައެކަނި މަޢުލޫމާތު ހޯދާ ތަނަކީ އިންޓަރނެޓު ކަމުގައި ނަހަދާށެވެ. ދުޢާއަކީ ﷲ، އަހަރެމެންގެ އީމާންތެރިކަން ވަރުގަދަކުރަށްވައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ދެއްވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް