އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ކުރިއަށް ގެންދިޔަ ޣޫތާ އެމަޖަންސީ ރިލީފް ފަންޑަށް އެއްމިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.
ސޫރިޔާގެ ޣޫތާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފެބްރުއަރީ މަހުގެ 25 ން މާޗުމަހުގެ 11 ވަނަ ދުވަހާހަމައަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައިވަނީ ދިވެހި ރުފިޔާގެ ގޮތުގައި 1,222,975.62 އަދި ޔޫއެސް ޑޮލަރުގެ ގޮތުގައި 7,734.38 ޑޮލަރުވަނީ ލިބިފައެވެ.
ތުރުކީގެ އީހާހާ ޖަމިއްޔާ މެދުވެރިކޮށް ޣޫތާގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު މިހާރު ކުރިއަށްދަނީ ދިވެހި ރުފިޔާ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި އަންނަ ހަފްތާގައި ފަންޑުގެ ފައިސާ އީހާހާ ޖަމިއްޔާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިއޭސީއިންވަނީ ހާމަކޮށްފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އައިއޭސީއިން ގިނަ ހަރަކާތްތަކެއް ހިންގާފައިވާއިރު މިފަހަރުގެ ހަރަކާތުގައިވެސް އައިއޭސީއާއި އެފިލިއޭޓް ވެފައިވާ ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވަނީ ބައިވެރިވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...