ފާފަ ތަކަށް އަރައިގެނެވެނީ ކީއްވެގެން ކަން އިނގިލައްވާތޯ؟ އިބްން އަލްޤައްްޔިމް ރަޙިމަހުއްﷲ އަލްފަވާޢިދުގައި ބަޔާން ކުރައްވާފައިވެއެވެ. ހުރިހާ ފާފައެއްގެ އަސްލު ބެހިގެން ވަނީ ތިން ކަމެއްގެ މައްޗަށެވެ.
ބޮޑާކަން
ފުރުތަމަ ކަމަކީ ބޮޑާކަމެވެ. މިކަމުގެ މައްޗަށް ގެނެސްފައިވާ ދަލީލަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އެންމެހާ މަލާއިކަތުންނަށް އިބިލީސް ހިމެނޭ ގޮތަށް އާދަމް އަލައިހިއްސަލާމް އަށް ސަޖިދަ ކުރުމަށް އަމުރު ކުރެވުނު ހިނދު އިބިލީސް (ޝައިޘާނާ) އަމަލު ކުރި ގޮތެވެ. ﷲ ގެ އަމުރުފުޅަށް ޝައިޘާނާ ދެކޮޅު ހަދާ ނުކިޔަމަންތެރި ވީ ބޮޑާކަމުގެ ނުބައި ސިފައިންނެވެ.
ދަހިވެތިކަން
ދެވަނަ ކަމަކީ ދަހިވެތިކަމެވެ. މިކަމުގެ މައްޗަށް ގެނެސްފައިވާ ދަލީލަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އާދަމްގެފާނާއި ހައްވާގެފާނަށް ސުވަރުގޭގައިވާ ގަހެއްގައި އަޅާފައިވާ މޭވާ އެއް ނުކެއުމަށް އެނގެވުމުން ޝައިޘާނާގެ ވަސްވާހުގައި ޖެހި ދަހިވެތިވެ އެ ގަހުން މޭވާ ކެއުމުގެ ސަަބަބުން ސުވަރުގެއިން އާދަމްގެފާނާއި ހައްވާގެފާނު ބޭރުކުރެވުނު ހާދިސާއެވެ.
ހަސަދަވެރިވުން
ތިންވަނަ ކަމަކީ ހަދަސަވެރިވުމެވެ. މިކަމުގެ މައްޗަށް ގެނެސްފައިވާ ދަލީލަކީ އާދަމްގެފާނުގެ ދެ ދަރިކަލުން ކައިވެނި ކުރުމަށްޓަކައި ﷲ ސުބްހާނަހޫ ވަތަޢާލާ އެނގެވި ވަޙީ އާއި ދެކޮޅު ހަދާ ހަދަސެވެރިކަމާއި އެކު ތިމާގެ އަމިއްލަ އަޙާ ގަތުލުކުރަން މެދުވެރިވި ހާދިސާއެވެ.
އިބްނު ޤައްޔިމް ރަހިމަހުއްﷲ ވިދާޅުވަނީ މި ތިން ސިފައިން ތިމާގެ ނަފްސު ރައްކާތެރިކޮޮށްފި މީހަކު ނުބައިކަމުން އެބަހީ ފާފަތަކުން ސަލާމަތްވެ ރައްކާތެރިވެއްްޖެއެވެ. ގޮތް ދޫނުކުރުމާއި ގަބޫލު ނުކުރުމުގެ އަސްލަކީ ބޮޑާކަމެވެ. ނުކިޔަމަންތެރިކަމުގެ އަސްލަކީ ދަހިވެތިކަމެވެ. އަދި އަދުލު އިންސާފު ނެތިކޮށް އަނިޔާވެރި ވުމުގެ އަސްލަކީ ހަދަސަވެރިކަމެވެ.
ވީމާ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ކުށްފާފަތަކުން ދުރުހެލިވެ ނުބައިކަމުން ނަފްސު ސަލާމަތްކުރުމަށްޓަކައި މި ތިން ސިފައިން ރައްކާތެރިވުމަށް ގަދައަޅާ މަސައްކަތް ކުރަމާ ތޯއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...