مجمع الملك سلمان للحديث النبوي الشريف ގެނަމުގައި މަދީނާ މުނައްވަރާގައި ސުންނަތަށް ޚިދުމަތް ކުރާ މަރުކަޒެއް އެޅުމަށް ސަޢުދީގެ ރަސްގެފާނު ނިންމަވައިފިއެވެ.
މިކަން ނިންމަވައި ސަޢުދީގެ ވެރިކަމުގެ ފަރާތުން މިހިނގާ އޮކްޓޫބަރުމަހުގެ 17 ވަނަ ދުވަހު މަލަކީ އަމުރެއް ވަނީ ނެރެފައެވެ.
މިއަމުރުގައި ބަޔާން ކޮށްފައިވާ ގޮތުން މި މުޖައްމަޢަކީ ސަޢުދީ ސަރުކާރުން އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޒަމާނުންސުރެ ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ސިޔާސަތުގެ ތެރެއިން ކުރައްވަން ނިންމަވާފައިވާ ކަމެކެވެ. އެހެން ކަމުން އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރުކަމުގައި ކީރިތި ރަސޫލާصلى الله عليه وسلم ގެ ސުންނަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އެކި ދާއިރާތަކުން މަސައްކަތް ކުރުމަކީ މި މުޖައްމަޢުގެ ޒިންމާތަކުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ. މިގޮތުން ބަދަލުވަމުންދާ ދުނިޔޭގައި ސުންނަތަށް ކުރިމަތިވަމުންދާ މައިގަނޑު ދެ ގޮންޖެހުން ކަމުގައިވާ ސަރުޢީ ޙުއްޖަތެއްގެ ގޮތުގައި ސުންނަތް ނުބަލައި؛ ހަދީޘްތަކުގެ ޝަރުޢީ ޙުއްޖަތާމެދު ޝައްކު އުފައްދައި ސުންނަތުގެ ޙުއްޖިއްޔަތަށް އިންކާރުކޮށް ހަމައެނި ޙުއްޖަތަކީ ޤުރްއާން ކަމަށް ބުނެ އިތުރު އެއްޗެއް ޤަބޫލު ނުކުރުމުގެ ވިސްނުމާއި، ދީނީގޮތުން ޙައްދު ފަހަނައަޅާފައިވާ ހަރުކަށި ވިސްނުންތަކާއި މުސްތަޝްރިޤުންގެ ލާދީނީ ފިކުރުތަކަށް ބާރުލިބޭގޮތަށް ކީރިތި ރަސޫލާصلى الله عليه وسلم ގެ ޙަދީޘްތައް މާނަކުރުމުން ރައްކާތެރި ކުރުން ހިމެނެއެވެ. މީގެ އިތުރުން ސުންނަތަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާކަމެއްގެ ނަބަވީ ނަމޫނާކަމުގައި ވީހިނދު ސުންނަތުގެ އަލީގައި މުޖުތަމަޢުގައި ހުރި ތަފާތު މައްސަލަތަކުގެ ޙައްލު ހޯދުންވެސް މުޖައްމަޢުގެ މަޤްޞަދުތަކުތެ ތެރޭގައި ހިމެނެއެވެ.
މިކަމަށް އަމުރު ކުރައްވާ ނެރުއްވާފައިވާ މަލަކީ އަމުރުގައި މި މުޖައްމަޢުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޙަދީޘް ޢިލްމުވެރިން ޝާމިލުވާ ޢިލްމުވެރިންގެ މަޖްލީހެއް އޮންނަން ޖެހޭނެކަމަށާއި، މުޖައްމަޢުގެ ރައީސާއި ނާއިބަކީ ސީދާ މަލަކީ އަމުރަކުން ޢައްޔަން ކުރާ ދެމަޤާމުކަމުގައިވެސް ކަނޑައަޅާފައި ވެއެވެ. މިގޮތުން ސުންނަތަށް ޚިދުމަތްކުރާ މި މަރުކަޒުގެ އަމީރެއްގެ ގޮތުގައި ޢައްޔަން ކުރައްވާފައިވަނީ ސަޢޫދީގެ ބޮޑެތިދަންނަބޭކަލުންގެ މަޖުލީހުގެ މެންބަރެއްކަމުގައިވާ معالي الشيخ / محمد بن حسن آل الشيخ އެވެ."
1985ގައި مجمع الملك فهد لطباعة المصحف الشريف (ފަހުދު ރަސްގެފާނުންގެ ޤުރްއާން ކޮންޕްލެކްސް) ގެ ނަމުގައި މަދީނާގައިވަނީ " ފަހުދު ރަސްގެފާނު ޤުރްއާން ޗާޕުކުރާ މުޖައްމަޢެއް ހުޅުވާފައެވެ. މިތަނުން ދުނިޔޭގެ ހުރިހާ ޤައުމަކަށް އެތައް ސަތޭކަ މިލިއަން މުޞްޙަފު ވަނީ ބަހާފައެވެ. އަދި ޙައްޖާދާ ކޮންމެ ޙައްޖުވެރިޔަކަށް މުޞްޙަފެއް ހަދިޔާއެއްގެ ގޮތުގައި ދެއެވެ. http://qurancomplex.org/

















Alhamdulillah Ya ALLAH
Maasha ALLAH Warah rangalhu
JazakALLAH khayr