ޝަޚުސިއްޔަތު

ޢުމަރު އަލް މުޚްތާރު- "ބަރިޤާގެ ސިންގާ" އުއްމަތަށް އުފަންކޮށްދެއްވާ!

ޝޭޚް ޢަޙްމަދު މޫސާ ޖިބްރީލް ވިދާޅުވެފައިވެއެވެ. 1862 ގެ ތާރީޚް ދައްކާގޮތުގައި އުޘްމާނީ ޚިލާފަތުގެ ދުވަސްވަރުގައި ފަޤީރު ނިކަމެތި ޢާއިލާއަކަށް ފިރިހެން ކުއްޖަކު އުފަންވިއެވެ. އެ ކުއްޖާގެ ބައްޕަ ނިޔާވުމުން އުމުރުން އެންމެ 16 އަހަރުގައި އެ އަވަށުގައި ހުންނަވާ ޝުޔޫޚެއްގެ އަރިހަށް އެ ޅަޒުވާނާ ގެނެވުނެވެ.

އެ ޒުވާނާގެ ދިރިއުޅުން މާތް ﷲގެ ފުއްސެވުމާއި ރުއްސެވުން ހޯދުމުގެ މަގަށް އަނބުރާލެއްވިއެވެ. ތިން ގަޑިއިރަށްވުރެ އިތުރަށް ރޭގަނޑު އަވަހާރަނުލައްޕަވައެވެ. ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރައްވަނީ ރޭ އަޅުކަންކޮށް އަސްތަޣްފާރުކުރެއްވުމުގައެވެ. ޤުރުއާން ހިތުދަސްކުރައްވާ ކޮންމެ ހަތް ދުވަހަކުން މުޅި ކީރިތި ޤުރުއާން މުރާޖަޢާ ކުރެއްވިއެވެ.

އެއީ ޙިކުމަތާއި ވަޢުޟުން ފުރިގެންވާ މާތް ބޭކަލެކެވެ. އެކަލޭގެފާނަށް ތަބަޢަވާ އެތައްބަޔަކަށްވާ ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނުގެ ޙިކުމަތްތެރިކަމުގެ ހެތްކަކީ ސޫދާނަށް ކުރެއްވި ދަތުރުފުޅެވެ. ވަކި ސަރަޙައްދަކުން ވަނުމަށް ހުރަސްއަޅަމުންދިޔަ ސިންގާއެއް އެ ޤާފިލާއާ ކުރިމަލިއެވެ. ޤާފިލާގެ މީހުން ސިންގާގެ ކިބައިން ސަލާމަތްވުމަށް ބައެއްފަހަރު އެމީހުންގެ ކުރިމައްޗަށް ޖަމަލުތައް ނެރެމުން ގެންދިޔައެވެ. މުޅި ޤާފިލާގެ އެންމެން ބިރުން ތިބިއިރުގައިވެސް، އެއްކަލަ ޒުވާނާ އޭނާގެ ބަޑި ހިފައިގެން އަސްމައްޗަށް ސަވާރުވެ ސިންގާގެ ފަހަތުން ދުއްވައިގަތްތަން ޤާފިލާގެ އެންމެންމެ އާޝޯޚްކޮށްލިއެވެ. އިސާހިތަކު އެއްކަލަ ސިންގާގެ ބޯކަޑައިގެން ޤާފިލާއާ އަރާހަމަކުރަނީއެވެ. އާދޭހެވެ. މިދައްކަނީ "ބަރިޤާގެ ސިންގާ"ގެ ވާހަކައެވެ.

ފުރިހަމަ ތަރުބިއްޔަތަކާއި ރަނގަޅު ދީނީ ތަޢުލީމެއް އެކަލޭގެފާނަށް ލިބިފައިވުމުގެ ނަތީޖާއަކަށްވީ އެކަލޭގެފާނުގެ ޤައުމާއި މުޅި އިސްލާމީ އުއްމަތް ފަޚުރުވެރިވާ ދަރިއަކަށް އެކަލޭފާނު ވެގެންދިޔުމެވެ. ޢުމަރު އަލްމުޚްތާރު ވެގެންގޮސްފައިވަނީ މުޅި އިސްލާމީ އުއްމަތަށް އުޖާލާކަމާއި އާރޯކަން ގެނެސްދިން، ﷲގެ ކަލިމަފުޅު މަތިވެރިކުރެއްވުމުގައި މުދަލާއި ފުރާނައިން ޤުރުބާންކުރެއްވި މުޖާހިދަކަށެވެ.

އެކަލޭގެފާނުގެ ނޫކަށިފުރާ އަހަރުތަކުގައި އެކަލޭގެފާނު ވެގެންގޮސްފައިވަނީ ޙިކުމަތްތެރި، ވިސްނުންތެރި، ޤާބިލް، ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށްދެއްވި މަޞްލިޙަކަށެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނު ދައްކަވާ ވާހަކަތައް ކަނުލައި އަޑުއަހައި، ކިޔަމަންތެރިވުމުގައި އެކަލޭގެފާނު ނިސްބަތްވާ ޢާއިލާއަކަށް ނުވަތަ ޤަބީލާއަކަށް ބެލުމެއްނެތި ވަނީ ފުރިހަމަ މިސާލު ދައްކަވާފައެވެ.

ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމާއެކު އެކަލޭގެފާނު ދެއްވަވާ ޚުޠުބާތަކަކީ އަޑުއަހާލަން އެހާމެފަސޭހަ، އޭގައި ފަށުއިކަމާއި ފުރިހަމަކަން އެކުލެވިފައިވާ ޚުޠުބާތަކެކެވެ. މިކަމުގެ ނަތީޖާއަކަށްވީ ޤަބީލާތަކުގެ މެދުގައި ގުޅުން ރަނގަޅުކުރެއްވުމަށް އެކަލޭގެފާނު ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ލިބުނު ކުރިއެރުމަކަށެވެ. އަދި ހަމައެހެންމެ ޢަދުއްވުންނާ ދެކޮޅަށް ކުރާ ހަނގުރާމަތަކަށް މުޖާހިދުންގެ މެދުގައި ޖިހާދުގެ ރޫޙު އާލާކޮށް ތާޒާކޮށްލުމުން ލިބިގެންދިޔަ ހިތްވަރަކަށްވެސްމެއެވެ.

މެދުއިރުމަތީގައި ޔޫރަޕްގެ ވަކިތައް ތަތްކުރަމުން ދިޔަދުވަސްވަރު ޢުމަރު އަލްމުޚްތާރު ހުންނެވީ މާތް ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި އިސްލާމްދީނާއި އުއްމަތުގެ ދިފާޢުގައި ޖިހާދުގެ ކަމަރު ބަންނަވައިގެން ޢަދުއްވުންނާ ފުރިހަމައަށް ކުރިމަތިލައްވައިގެންނެވެ. ހިތްބިރުގަތުމެއް، ހިތްނުތަނަވަސްކަމެއް، ފަސްޖެހުމެއްނެތި އެކަލޭގެފާނު ދުޝްމަނުންނާ ކުރިމަތިލެއްވިއެވެ. ބަނޫ ސަނޫސްގެ އަހުލުވެރިންނާއެކު ފަރަންސޭސީންނާ ދެކޮޅަށް ކުރެއްވި ހަނގުރާމައަކީ އެކަލޭގެފާނުގެ ކުޅަދާނަކަމާއި ހުށިޔާރުކަމުގެ ފުރިހަމަ އެއް ނަމޫނާއެކެވެ. ޔޫރަޕާގުޅިގެން އިޓަލީން އުތުރު އެފްރިކާ އެމީހުންގެ ބާރުގެ ދަށަށް ގެންނަން ކުރި މަސައްކަތުގައި އެކަލޭގެފާނުގެ ޤައުމަށް، ލީބިޔާއަށް މުޝްރިކުން ދެމުންދިޔަ ޙަމާލާ ދިފާޢުކުރައްވާ ޢުމުރުފުޅުން ފަންސާހުގެ އަހަރުތަކުގައި ޖިހާދީ އަސްކަރިއްޔާއެއް އެއްކުރައްވާ ހަނގުރާމަކުރެއްވުންމަތީ ދެމިހުންނެވިއެވެ.

އެކަލޭގެފާނު، އެކަލޭގެފާނުގެ ޖަމާޢަތުން ބޭރުކޮށް، ހަނގުރާމައިގެ ބާރު ކަނޑުވާލުމަށް އިޓަލީ ހަނގުރާމަވެރިން އެކަލޭގެފާނަށް މަތީ މަޤާމުތަކާއި މުދަލާއި ޢިއްޒަތް އެރުއްވުމަށް ހުށަހަޅަމުންދިޔަ ހުށަހެޅުންތަކަށް އިޖާބަދިނުމުގެ ބަދަލުގައި ދެއްވެވި ރައްދަކީ މުޅި އިސްލާމީ ތާރީޚް އެކަލޭގެފާނަށްޓަކައި ލޯތްބާއި ކުލުނުން ހިތްފުރުއްވާލަނިވި ބަސްތަކަކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މީހުންގެ ކަރުތެރެއިން ދިރުވާލައިގެން ދިޔުމަށް އަހަރެންނަކީ ފޮނިކާއެއްޗެއް ނޫނެވެ. އަހަރެންގެ ޢަޤީދާއާއި އަހަރެންގެ ރައުޔު ކިތަންމެވަރަކަށް އެމީހުން ބަދަލުކުރަން ބޭނުންނަމަވެސް، ﷲ އެމީހުން ބަލިކުރައްވާނެއެވެ."

ޢުމުރުފުޅުން 70 އަހަރުފުޅުތަކަށް އެޅިއިރުވެސް ﷲގެ މަގުގައި ޖިހާދުކުރެއްވުން އެކަލޭގެފާނު ހުއްޓުވާނުލައްވާކަމީ، މީސްތަކުންގެ އުއްމީދުގެ ހުޅުކޮޅު ދިއްލާނެ ވޮށަކީ އަދިވެސް އެކަލޭގެފާނުކަމުގައި އެބައިމީހުން ޔަޤީންކުރަމުން ގެންދިޔުމެވެ. އެތައް ހާހެއް އިތުރު، ޒަމާނީ ހަތިޔާރުތަކުން އަސްކަރީ ބާރު ލިބިފައިވާ މުޝްރިކުންގެ ލަޝްކަރާދެކޮޅަށް، ފަރުބަދަމަތީގައި ބަނޑުހައިހޫނުކަން ތަޙައްމަލު ކުރަމުން ދިޔަ ހިނދުގައިވެސް، އެކަލޭގެފާނުގެ ޖޯޝާއި ފަންވަރަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް ދުޝްމަނުންގެ މީހަކު ޤަތުލުކުރައްވަމުން ގެންދެވިއެވެ.

ދުޝްމަނުންނާ އެތައްފަހަރެއްގެ މަތިން ހަނގުރާމަކުރެއްވުމަށްފަހު، ދުޝްމަނުންގެ އަތްދަށުގައި އެކަލޭގެފާނު ހައްޔަރުވުން ވެގެންދިޔައީ މުޅި އިސްލާމީ އުއްމަތް ރޮއްވާލިދުވަހަކަށެވެ. އެމާތް ޝަޚްޞްގެ ޙުރުމަތް ދުޝްމަނުން ނަގާލީ ކޮންބީދައަކުންކަމީ ހިތަށް ތަޞައްވަރު ކުރެވޭނެ ކަމެއް ނޫނެވެ.

އޭރުގެ ޢިލްމުވެރިންނާއި ލީޑަރުން ދުޝްމަނުންނާ އަތާއި އަތްޖޯޑުކޮށް ސަލާމްކުރިނަމަވެސް، ޢުމަރު އަލްމުޚްތާރު ޢަމަލުކުރެއްވީ ކިހިނަކުންކަން މިއަދު އެންމެހާ މުސްލިމުން ހަނދާން އާކުރަންޖެހެއެވެ. ޤުރުއާން އަތްޕުޅަށް ނަންގަވާ ގަދަކީރިތިވަންތަ މާތް ﷲ އަށް އަޙުދުކަށަވަރު ހިތްޕަވާ ވިދާޅުވީ ކީކޭތޯއެވެ؟ ﷲގެ އިޛްނަފުޅާއެކު ނަޞްރު ލިބެންދެން ނުވަތަ ޝަހީދުވެދަންދެން ދުޝްމަނުންނާ ކުރިމަތިލައްވާ ހަނގުރާމަކުރުންމަތީ ދެމިހުންނަވާނެކަމަށް އިޢުލާންކުރެއްވިއެވެ. އެކަލޭގެފާނުގެ ޢުމުރުގެ އެންމެ ފަހު ވިހިއަހަރުފުޅުގައިވެސް އެއްހާސް ހަނގުރާމަކުރެއްވިއެވެ.

އިޓަލީ މީހުންގެ ހައްޔަރުގައިވެ، އެމީހުންގެ ހުށަހެޅުންތައް ޤަބޫކުރުމަށް އެންމެ ފަހު ފުރުޞަތު ދިނުމުންވެސް، އެމާތް ޝަޚްޞްގެ ޢަޤީދާއަށް ބަދަލެއް އައިސްފައިނުވުމީ އެކަލޭގެފާނު ދުނިޔަވީ އަރާމާއި ލައްޒަތަށް ބޭނުންވެނުލައްވާ ކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަހަރެންގެ ޤައުމުން ކަލޭމެން ފައިބައިގެން ދަންދެން ނުވަތަ އަހަރެންގެ އަޖަލު ޖެހިއްޖެއުމަށްދާންދެން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓާލުން އަހަރެންގެ މައްޗަށް އައުލާވެގެން ނުވެއެވެ. ހިތްތަކުގައި ވާހާތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ ގަންދީ ބުނަމެވެ. އަހަރެންގެ އަތް މިވަގުތު ބަނދެވިފައި ނުވާނަމަ، އަހަރެންގެ މުސްކުޅިކަން ކިތަންމެ އިތުރުވެ ހަށިގަނޑުކިތަންމެ ނިކަމެއްޗަސް، ހަތިޔާރަކާނުލާވެސް ކަލޭމެންނާ ހަނގުރާމަކުރީމުހެވެ."

ޢުމަރު ޢަލްމުޚްތާރު، "ސަހަރާގެ ސިންގާއަކީ" އީމާންތެރި ތަޤުވާވެރި، މާތް ﷲއަށް ބިރުވެތިވާ އެކަލާނގެ ކަލިމަފުޅު މަތިވެރިކުރެއްވުމުގައި ސާބިތުވެ ހުންނެވި ކުޅަދާނަ މުޖާހިދެކެވެ. ޝަހީދެއްގެ ގޮތުގައި މަރުގެންނެވުމަށް ތާއަބަދުމެ ދުޢާކުރެއްވި، މިއަދު ﷲގެ ރަޙުމަތުން ޝަހީދެއްމެއެވެ. މުޅި އިސްލާމީ އުއްމަތް ދީލާލި ފަހުލަވާނެއްވެސްމެއެވެ.

އޭ މަގޭ އުއްމަތެވެ! އޭ މުޙައްމަދިއްޔަ އުއްމަތުގެ އަހުލުވެރިންނެވެ! މިއަދު މި އުއްމަތުގެ އަޚުންނާއި އުޚުތުންނަށް ދުޝްމަނުންގެ ވަކިތަކުން އެއުރެން ސަލާމަތްކުރަން ނުކުންނާނެ ފަހުލަވާނެއް ނެތީތޯއެވެ؟ އުއްމަތުގެ ޙައްޤުގައި، މާތް ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށް ޖިހާދަށް ނުކުންނާނެ މުޖާހިދެއް ނެތީތޯއެވެ؟ ވިދާޅުވާށެވެ. ދެވަނަ ޢުމަރު އަލްމުޚުތާރެއް އުއްމަތަށް އުފަންކޮށްދެއްވާނީ ތިޔައިން ކާކުހެއްޔެވެ؟

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް ފައްކާ ލިޔުމެއް…

Your email address will not be published. Required fields are marked *