ޓީޗަރުންގެ ދުވަހު ދަރިވަރުންގެ ފަރާތުން ދެވޭ އެކިއެކި ހަދިޔާ ތަކާމެދު މިއަދު މިވަނީ ބޮޑު ބަހުޘަކަށް ވެފައެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިބަހުޘެއް ނިކަން ހޫނުކަންމަތީ ދަނީ ކުރެވެމުންނެވެ.
މާދަމާއަކީ މިއަހަރު ފާހަގަކުރާ ޓީޗަރުންގެ ދުވަސްކަމުން މިދުވަހު ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ހަދިޔާ ދިނުމާއި ގުޅޭގޮތުން ޢިލްމުވެރިން މިކަމުގައި ދެކޭ ގޮތް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ނައިބް ރައީސް އަދި ކުރިން ފިޤްހް އެކަޑަމީގެ ނައިބް ރައީސްކަންވެސް ކުރައްވާފައިވާ ޑރ މުޙައްމަދު ޢިޔާޟް އަބްދުއްލަތީފް ވިދާޅުވީ ހަދިޔާ ދިނުމަކީ އިސްލާމްދީނުގައި މަނާކަމެއް ނޫންކަމަށާއި އެއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް އެކަމަށް ބާރު އަޅުއްވާފައިވާ ކަމެއްކަމަށެވެ. ނަމަވެސް މައްސަލައަކަށްވަނީ އެކި ފެންވަރުގެ ކުދިން ސްކޫލްގައި ކިޔަވަމުންދާއިރު އެކި ކުދިން އެކިވަރުގެ ހަދިޔާތައް ދިނުމުން ޓީޗަރު ކުދިންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅެފާނެ މައްސަލަކަމަށެވެ.
ޑރ ޢިޔާޟް ވިދާޅުވީ މިކަމަކީ އިންސާނީ ޠަބީއަތުގެ ގޮތުން ވެދާނެކަމެއް ކަމަށާއި އެހެންކަމުން ރަނގަޅު ގޮތަކީ ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ހަދިޔާ ނުދިނުން ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައްޝައިޚް އަބްދުއްރަހީމް މުޙައްމަދު ވިދާޅުވީ ޓީޗަރުންނަށް ކިޔަވާކުދިން ހަދިޔާ ދިނުން ހުއްދަނޫންކަމަށް ޝައިޚް އިބްން އުޘައިމީން (ރަހިމަހުﷲ) ފަތުވާ ދެއްވާފައިވާ ކަމަށާއި ސަބަބަކީ ޓީޗަރަށް ކުދިން ހަދިޔާ ދޭނަމަ، ގިނައިން ނުވަތަ އަގު ބޮޑު ހަދިޔާދޭ ކުއްޖާގެ މައްޗަށް ޓީޗަރުގެ ހިތް ލެނބި ނާއިންސާފަށް މަގުފަހިވުންފަދަ ކަންތައްތައް ދިމާވާނެތީ ކަމަށެވެ.
މިމައްސަލައިގައި ދިއިސްލާމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ މުސާރަ ދީފައި ބަޔަކާއި މުޢާމަލާތްކުރަން ކަނޑައެޅިފައި ހުންނަ މުވައްޒަފުންނަށް އެމުޢާމަލާތް ކުރެވޭ މީހުންގެ ކިބައިން އެމުޢާމަލާތުގެ ސަބަބުން ހަދިޔާފަދަ ތަކެތި ބަލައިގަތުން ދީނީ ގޮތުން ވަޒަންކުރާއިރު ވަޒަންކުރެވިގެންދާނީ ރިޝްވަތުގެ ތެރެއިން ކަމަށެވެ.
އެގޮތުން ޝައިޚް ވިދާޅުވީ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމް އެއްފަހަރަކު ބަޔަކުއަތުން ޒަކާތް ނެގުމަށްޓަކައި މީހަކާއި އެމަސައްކަތް ހަވާލުކުރެއްވި ކަމަށާއި އަދި އެމީހާ އެމަސައްކަތައިގެންގޮސް ޒަކާތް ނެގުމަށްފަހު، ނަބިއްޔާގެ އަރިހަށް ވަޑައިގަތް ދެންނެވިއެވެ. "މިހުރީ ޒަކާތުގެ ބައެވެ. ދެންމިހުރީ ތިމަންނައަށް ލިބުނު ހަދިޔާއެވެ."
އެހިނދު ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. "ފަހެ ތިބާ ތިބާގެ ބައްޕަގެ ނުވަތަ މަންމަގެ ގޭގައި އިންދާ ތިބާގެ ހަދިޔާ ތިބާ ގާތަށް އައީ ހެއްޔެވެ؟"
ދެން އެއަށްފަހުގައި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމް ހަމްދުކުރެއްވުމަށްފަހު އެކަމާއި ބެހޭގޮތުން ޚުތުބާ ދެއްވެވިއެވެ. އަދި އެފަދައިން އެފަދައިން ތަކެތި ލިބޭ ހިނދު އެތަކެތި ބަލައިގަންނަމީހުން ޤިޔާމަތް ދުވަހުން އެތަކެތި ހިފައިގެންތިބޭނެ ކަމުގައި ބަޔާންކުރެއްވެވިއެވެ.
ޝައިޚް ޒަމްޒަމް ފާރިޝް އިތުރަށް ވިދާޅުވީ އެހެންކަމުން ޓީޗަރުންނާއި އެނޫންވެސް ވަޒީފާތައް އަދާކުރާ ބޭފުޅުން މިފަދަ ކަންކަމުން ދުރުވެ ރައްކާތެރިވެ އަމިއްލަ ނަފްސާއި އަނބިދަރިން ހަރާމްތަކެތިން ދުރުކުރުން ހުރިކަމަށެވެ.

















ޚިޔާލު