ސޫރިޔާގައި ކުރަމުންދާ ހަނގުރާމައިގައި މިއަހަރު އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ މިހުސްވި ސެޕްޓެމްބަރު މަހުގައި ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްގެ ހިސާބުތަކުން ދައްކައިފިއެވެ.
އެފަރާތުން އިއްޔެ އާއްމުކުރި ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރމަހު ސޫރިޔާގައި 3000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މީގެ ތެރެއިން 955 މީހުންނަކީ އާއްމު ރައްޔިތުންކަމަށް އެފަރާތުން ހާމަކުރެއެވެ. އޭގެ ތެރޭގައި 207 ކުޑަ ކުދިންވެސް ހިމެނެއެވެ.
ސެޕްޓެމްބަރުމަހު މަރުވި މީހުންގެ އަދަދު އިތުރވެފައިވަނީ ބައްޝާރާއި ރަޝިޔާގެ ހަނގުރާމަވެެރިން އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ދޭ ވައިގެ ހަމަލާތައް އިތުރުކުރުމާއި ގުޅިގެންކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފައިވެއެވެ.
2011 ވަނަ އަހަރު ސޫރިޔާގައި ހިނގަންފެށި ހަމަނުޖެހުންތައް ހަނގުރާމައަކަށް ބަދަލުވެ މިހާތަނަށް 330،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެތައް މިލިއަން މީހުންނެއްވަނީ އެޤައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ.
ސުންނީ މުސްލިމުންނާއި ދެކޮޅަށް ބައްޝާރުފެށި ހަނގުރާމައިގައި ރަޝިޔާއާއި އެހެންވެސް ބައިނަލްއަޤްވާމީ ކޯލިޝަންތަކުން އަންނަނީ މުސްލިމުން މެރުމަށް އޭނާއަށް ވާގިވެރިވެ އެހީވަމުންނެވެ.

















ޚިޔާލު