ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ކުރިއަށްގެންދާ "ހެލްޕް ރޮހިންޖާ މޯލްޑިވްސް" ހަރަކާތުގައި ބައިވެރިވެފައިވާ ފަރާތްތަކުން އެފަންޑަށް އެއްކޮށްފައިވާ ފައިސާ އައިއޭސީއާއި ހަވާލުކުރަން ފަށައިފިއެވެ.
އެގޮތުން އދ މާމިގިލި ރަށުކައުންސިލާއި ޖަމިއްޔާތަކާއި އެހެންވެސް ފަރާތްތައް ގުޅިގެން އެރަށުގައި ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ މިމަހުގެ 23 ވަނަ ދުވަހުވަނީ އައިއޭސީއާއި ހަވާލުކޮށްފައެވެ. އައިއޭސީ ގެ ހެޑްކުއަޓަރގައި ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިއޭސީގެ ފަރާތުން ފައިސާއާއި ހަވާލުވީ އާދަމް ނާއިފްއެވެ. މާމިގިލިންވަނީ 69،696.81 ރ އާއި 23 އެމެރިކާ ޑޮލަރު ފަންޑަށް ހަދިޔާކޮށްފައެވެ.

ރ އަލިފުށީ އެވަޔަރމަންޓް ސޮސައިޓީއާއި ރަށު ކައުންސިލާއި އެހެންވެސް ފަރާތްތަކުން އެއްކުރި 123،000 ރުފިޔާވެސް ވަނީ މިމަހުގެ 23 ވަނަ ދުވަހު އައިއޭސީއާއި ހަވާލުކޮށްފައެވެ. އައިއޭސީގެ ފަރާތުން މިފައިސާއާއި ހަވާލުވީ އަހުމަދު އިޤްބާލްއެވެ.

ކ ދިއްފުށި ރައްޔިތުންގެ ފަރާތުންވެސް މިދިޔަ ހޯމަދުވަހުވަނީ ރޮހިންޖާ މުސްލިމުންނަށް ފައިސާ ހަދިޔާކޮށްފައެވެ. އެގޮތުން ޖުމްލަ 255،901 ރުފިޔާވަނީ އައިއޭސީއާއި ހަވާލުކޮށްފައެވެ.
މީގެ އިތުރުން ރ ދުވާފަރު އިސްލާމިކް މޫވްމަންޓްގެ ފަރާތުން އެރަށުގައި ހިންގުނު ހަރަކާތްތަކުން ލިބުނު 18،527.50 ރުފިޔާވެސްވަނީ އިއްޔެ އައިއޭސީއާއި ހަވާލުކޮށްފައެވެ.
މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފަންޑް ހޯދުމުގެ ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...