ދީން އިމާމް ނަވަވީގެ 40 ހަދީޘް (ހަވަނަ ބައި)

އިމާމް ނަވަވީގެ 40 ހަދީޘް (ހަވަނަ ބައި)

އިމާމް ނަވަވީގެ 40 ހަދީޘް (ހަވަނަ ބައި)

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ނުވަވަނަ ހަދީޘް

عن أبي هريرة عبدالرحمن بن صخر رضي الله عنه قال: سمعت رسول الله (صلى الله عليه وسلم) يقول: "ما نهيتكم عنه فاجتنبوه، وما أمرتكم به فأتوا منه ما استطعتم، فإنما أهلك الذين من قبلكم كثرة مسائلهم واختلافهم على أنبيائهم". (رواه البخاري ومسلم)

ތިމަންކަލޭގެފާނު ނަހީކުރެއްވިކަންތައްތަކުން ދުރުވާށެވެ. އަދި އަމުރުކުރެއްވި ކަންތައްތަކުން ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން ކުރާށެވެ. ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެދިޔައީ އެމީހުން ސުވާލުކުރުން ގިނަކަމުގެ ސަބަބުންނާއި އެއުރެންގެ ނަބީބޭކަލުންގެ މައްޗަށް ޚިލާފުވެގަތުމުންނެވެ.

އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: إنَّ اللَّهَ تَعَالَى فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا

ﷲ ވަނީ ކަލޭމެންގެ މައްޗަށް ކަންތައްތަކެއް ފަރުޟުކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ނަގާނުލާށެވެ. އަދި ޙައްދުތަކެއް ކަނޑައަޅުއްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ ފަހަނައަޅައި ނުދާށެވެ. އަދި ބައެއް ކަންކަމާއި އެއްޗެހީގެ ޙުކުމް ބަޔާންނުކުރައްވާ ދޫކުރައްވާފައިވެއެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތަކަށްޓަކައެވެ. ހަނދުމަފުޅުނެތިވޮޑިގެނެއް ނޫނެވެ. ވީމާ ތިޔަބައިމީހުން އެ ކަންތަކާ ބެހޭގޮތުން އިތުރު ސުވާލުކޮށް ހޯދަން ނޫޅޭށެވެ.

ދިހަވަނަ ހަދީޘް

عن أبي هريرة (رضي الله عنه) قال: قال رسول الله (صلى الله عليه وسلم) : "إن الله تعـالى طيب لا يقبل إلا طيباً، وإن الله أمر المؤمنين بما أمر به المرسلين فقال تعالى: يا أيها الرسل كلوا من الطيبات واعملوا صالحاً ، وقال تعالى: يا أيها الذين آمنوا كلوا من طيبات ما رزقناكم ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء: يا ربِّ يا ربِّ، ومطعمه حرام، ومشربه حرام، وملبسه حرام، وغذي بالحرام، فأنى يستجاب له؟". (رواه مسلم)

އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާއަކީ ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހު ހެޔޮ (ރަނގަޅު) އެއްޗެއް މެނުވީ ޤަބޫލެއްނުކުރައްވަތެވެ. އެއިލާހު މުއުމިނުންނަށްވެސް އަމުރުކުރައްވަވަނީ އެއިލާހުގެ ރަސޫލު ބޭކަލުންނަށް އަމުރު ކުރެއްވެވި ކަންތައްތަކެވެ. (ރަސޫލު ބޭކަލުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީ ކުރައްވަވާފައިވެއެވެ.

' އޭ އެންމެހައި ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ. އަދި ޞާލިހު ޢަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންއިލާހީ، ތިޔަބޭކަލުން ކުރައްވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.' އަލްމުއުމިނޫން ސޫރަތުގެ 51 ވަނަ އާޔަތް

އަދި (މުއުމިނުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީކުރައްވަވާފައިވެއެވެ.

' އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިމަން އިލާހު ދެއްވަވާފައިވާ ޙަލާލު ރިޒުޤުން ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ.' –އަލްބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތް

އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. ބޯހޭވި ހިރަފުހުންތަތްތެޅިފައިވާ މީހަކު އޭނާގެ ދެއަށް މައްޗަށް ނެގުމަށްފަހު، އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! ބުނެ ދުޢާ ކުރެތެވެ. ނަމަވެސް އޭނާގެ ކާއެއްޗެއްސަކީ ޙާރާމް އެއްޗިއްސެވެ. އަދި އޭނަ ބޯންގެންގުޅެނީ ޙަރާމް އެއްޗިއްސެވެ. އޭނަ ލާން ގެންގުޅޭ ފޭރާމަކީ ޙަރާމް ގޮތުގައި ހޯދާފައިވާ އެއްޗިއްސެވެ. އަދި އޭނާގެ ޖިސްމު ހެދިބޮޑުވެފައިވަނީ ޙަރާމް އެއްޗެހި ކައިގެންނެވެ. އެފަދަ މީހެއްގެ ދުޢާ އިޖާބަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ (ޞަޙީހް މުސްލިމް)

 

((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ، ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّى أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ)) [متفق عليه]

މާނައީ: “– ރަނގަޅު އެއްޗެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅުނުކުރައްވައެވެ. – ޙަލާލު ޢާމްދަނީއަކުން (ހޯދާފައިވާ މުދަލުން) ކަދުރެއްގެ މިންވަރުވިޔަސް ޞަދަޤާތްކޮށްފިމީހާ ދަންނައެވެ. ހަމަކަށަވަރުން އެއެއްޗެއް ﷲ ތަޢާލާގެ ކަނާއަތްޕުޅުން ހިއްޕަވައެވެ. އެއަށްފަހު އެއެއްޗެއް ފަރުބަދައެއްހާ ބޮޑުވެއްޖައުމަށް ދާންދެން އެއަށް ރިޢާޔަތްކޮށްދެއްވައެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ ކުޑައަހެއް ބަލަހައްޓާ ފަދައިންނެވެ.”

ހަދީޘުން ލިބޭފައިދާތައް

  1. މި ހަދީޘްގައި ޒިކުރުކުރެވިފައިވަނީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ހަތަރު ސަބަބެއް ލިބިފައިވާ މީހެއްގެ ވާހަކައެވެ. އެއީ އޭނާއަކީ ދަތުރުވެރިއެއްކަމުގައިވުމާއި ބޯހޭވި، ހިރަފުހުން ތަތްތެޅިފައިވާ ނިކަމެތި ޙާލެއްގައިވުމާއި، ދެއަތް އުފުލުމާއި، އަދި ރުބޫބިއްޔަތުގެ އިސްމުފުޅު އެދި ދެންނެވުމެވެ. މި ސަބަބުތަކުގެ ތެރެއިން ސަބަބެއް އައިސްފިނަމަ ދުޢާ އިޖާބަ ކުރައްވާނެ ކަން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުން އެނގެ އެވެ. ނަމަވެސް މިފަދަ މީހަކު، އޭނާގެ ކެއުމާއި ބުއިމާއި ހެދުން ލުމާއި އެނޫން ވެސް ކަންކަމުގައި ޙަރާމް ގޮތުގައި ހޯދާ ތަކެތި ބޭނުން ކުރާ ކަމުގައި ވާނަމަ އޭނާގެ ދުޢާ އިޖާބަ ނުކުރެއްވޭނެ ކަން އަބޫ ހުރައިރާގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ މި ހަދީޘުން އެނގެ އެވެ.

އެކަމަކު ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ.

  1. މި ހަދީޘް ފަށްޓަވާފައި ވަނީ ﷲ އަކީ އެންމެހާ ރަނގަޅު ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ ކަލާނގެ ކަމާއި، އެހެންކަމުން ރަނގަޅު އެއްޗެއް ނުވަތަ ރަނގަޅު ކަމެއް މެނުވީ އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަން ބަޔާން ކުރައްވަމުންނެވެ. ރަނގަޅު ތަކެއްޗާއި ކަންކަން ނުވަތަ ޠައްޔިބާތު އަކީ ކިލަނބު ކަމެއް މުޑުދާރު ކަމެއް ނެތް ސާފު ތާހިރު ތަކެއްޗާއި ކަންކަމެވެ. ﷲ ގަބޫލު ކުރައްވަނީ ރަނގަޅު ހަލާލު ތަކެއްޗެވެ. ޢަމަލުތަކާއި ބަސްތަކާއި ގަބޫލު ކުރުންތަކާއި މުދާތަކާއި އަދި އެނޫން އެއްޗެއް ނުވަތަ ކަމެއް ވިއަސް އެއިން ރަނގަޅު ތަކެއްޗެވެ. މިއާ ޚިލާފަށް ނުބައި ކަންކަން ގަބޫލު ނުކުރައްވާނެ އެވެ. އަލްމާއިދާ ސޫރަތުގެ 100 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެއެވެ. "ނުބައި ކަންތަކުގެ ގިނަކަން، ތިބާ އަޖައިބު ކޮށްލިއަސް، ނުބައި ކަންތަކާއި ރަނގަޅު ކަންތައް ހަމަހަމަ ވެގެނެއް ނުވެ އެވެ." އެއަށް ފަހު އެ އާޔަތުގައި އަންގަވަނީ ތަޤުވާވެރި ވުމަށެވެ. އެއީ ދިންނަވައި ނަސީބު ލިބުމަށްޓަކައި ކަމަށެވެ.
  2. ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.