ﷲ ޞުބްޙާނަހޫ ވަތަޢާލާއަކީ އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިރާދަކުރައްވާ ކަމެއް ކުރައްވާ އިލާހެވެ. އެގޮތުން، އެހެން މަޚްލޫޤުތަކާއި ޚިލާފަށް އެކަލާނގެވަނީ އެކަލާނގެ އަތްޕުޅުން ބައެއް މަޚްލޫޤާތުތައް ހައްދަވާފައެވެ. އަދި ބައެއް ކަންކަން ކުރައްވާފައެވެ. އެގޮތުން މިލިޔުމުގައި މިބަލާލަނީ އެކަލާނގެ އަތްޕުޅުން ކުރައްވާފައިވާ 3 ކަމަކަށެވެ.
- އާދަމްގެފާނު ހެއްދެވުން
ދަލީލަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާގެ މިވަޙީ ބަސްފުޅެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. "قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ " (سورة ص 75)
މާނައީ:" އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންއިލާހު އަތްޕުޅުން ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (ސަޖިދަ ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ ކިބުރުވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟"
- ޢަދްނު އޭކިޔުނު ގަސްތައް ސުވަރުގޭގައި އިންދެވުން
ދަލީލަކީ މުޣީރާ ބުނު ޝުޢުބާގެ އަރިހުން ވާރިދުވެގެންވާ މިޙަދީޘް ބަސްފުޅެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. " قَالَ أُولَئِكَ الَّذِينَ أَرَدْتُ غَرَسْتُ كَرَامَتَهُمْ بِيَدِي وَخَتَمْتُ عَلَيْهَا فَلَمْ تَرَ عَيْنٌ وَلَمْ تَسْمَعْ أُذُنٌ وَلَمْ يَخْطُرْ عَلَى قَلْبِ بَشَرٍ" (رواه مسلم) މާނައީ: "މާތް ﷲ ވަޙީކުރެއްވިއެވެ. އެބައިމީހުންނަކީ ތިމަން އިލާހު ޚިޔާރުކުރައްވަވާ ހޮއްވެވި މީހުންނެވެ. އެބައިމީހުންނަށް ދެއްވި ކަރާމާތްތެރިކަން(އެބަހީ: "އަދްން" އޭ ކިޔުނު ސުވަރުގޭގެ ގަސްތައް) ތިމަން އިލާހުގެ އަތްޕުޅުން އިންދެވީމެވެ. އަދި އޭގެ މައްޗަށް ސިއްކަ ޖެއްސެވީމެވެ. ފަހެ އެތަން ދުވަހަކު ލޮލަކުން ދެކެފައި ނުވެއެވެ. އަދި އެތާނގެ ސިފަކުރުމެއް ކަންފަތަކުން އަޑުއަހާފައިނުވެއެވެ. އަދި އެތަނުގެ މަންޒަރުތައް އެއްވެސް ހިތަކަށް އަރާފައި ނުވެއެވެ."
- މޫސާގެފާނަށް ބާވާލެއްވުނު ފަތްފުއްތަކުގައި ލިޔުއްވުން
ދަލީލަކީ އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ރަސޫލުﷲ ﷺ ގެ މިޙަދީޘްފުޅެވެ.އަދާމްގެފާނު މޫސާގެފާނަށް ވިދާޅުވިކަމަށް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. " أَنْتَ مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ وَخَطَّ لَكَ بِيَدِهِ"
މާނައީ: "ކަލޭގެފާނަކީ މޫސާއެވެ. ﷲ އެކަލާނގެ ބަސް ވަޙީކުރެއްވުމަށް ކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް (ތައުރާތު) އެކަލާނގެ އަތްޕުޅުން ލިޔެދެއްވިއެވެ."

















ޚިޔާލު