ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ދައުލަތުގެ ފަރާތުން ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްޚުލްވުމަށް އުސްތާޛާ އަނާރާ ނައީމް ހުށަހަޅުއްވައިފިއެވެ.
މަޖްލީހުގައި އަދާލަތު ޕާޓީ ތަމްސީލްކުރައްވާ އުސްތާޛާ އަނާރާ ދުސްތޫރީ މައްސަލައަށް ތަދައްޚުލްވުމަށް ހުށަހަޅާފައިވާ ކަން އަދާލަތު ޕާޓީއިންވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މިކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ފަރާތުން މައުލޫމާތު ދެއްވަމުން އެޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންވެސް ހިމެނޭ ގޮތަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުންވާ ސިޔާސީ ޕާޓީއެއްގައި އުޅުމަކީ މިވަގުތު ރާއްޖޭގެ ޤާނޫނީ ނިޒާމް އޮތްގޮތުން އެއްވެސް ވަރަކަށް ހުރަސްއެޅެން ނެތް ކަމެއް ކަމަށާއި އެއީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ދުސްތޫރީ ހައްޤެއް ކަމަށެވެ.
މެންބަރުންގެ އިންތިހާބީ ހައިސިއްޔަތާމެދު ސުވާލު އުފައްދަން ޖެހެނީ ބަރުލަމާނީ ނިޒާމް އޮންނަ ޤައުމު ތަކުގައިކަން ފާހަގަކުރައްވާ އަލީ ނަޒީރު ވިދާޅުވީ މިވަގުތު ބަންޑާރަނައިބު މެދުވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޯޓުތައް މެދުވެރިކޮށް ރައްޔިތުންގެ މަޖްލީހުގެ ބާރުތައް ނުހަމައިން ވަކިގޮތަކަށް ފުރޮޅާލައި މަޖްލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި އެކަމަށް އަދާލަތު ޕާޓީއިން ފުރުޞަތު ނުދޭނެ ކަމަށެވެ.
މީގެކުރިން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސްވަނީ މިމައްސަލައަށް ތަދައްޚުލްވުމަށް ހުށަހަޅުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރިމް ކޯޓުގައި އެދިފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި މިމައްސަލަގައި އެދިފައިވަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލިސް މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ދައުލަތުގެ ފަރާތުން މިމައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމާއެކު ވެރިކަންކުރާ ޕީޕީއެމްގެ 10 މަޖްލިސް މެމްބަރަކުވަނީ އެޕާޓީއިން ވަކިވެވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...