މިޔަންމާގެ ރޮހިންގިޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އެމީހުންނަށް ބޭނުންވާނެ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ހަރަކާތެއް ހިންގައިފިއެވެ.
މިހަރަކާތާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އައްޝައިޚް އާދަމް ނިޝާން ވިދާޅުވީ މިހަރަކާތަކީ 1436 ވަނަ އަހަރުން ފެށިގެން ކޮންމެ ރަމަޟާންމަހަކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެގޮތުން މިއަހަރުވެސް މެލޭޝިޔާގައި ދިރިއުޅެމުންދާ ރޮހިންގިޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގެ އެހީ ޖަމިއްޔާއާއި މެލޭޝިޔާގެ ހިއުމަން އެއިޑް ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ހާލުގައި ޖެހިފައިވާ ރޮހިންގިޔާ މުސްލިމުންނަށް ކާނާއާއި އަންނައުނުގެ އިތުރުން ފައިސާގެ އެހީވެސް ފޯރުކޮށްދެވިފައިވާނެ ކަމަށް ޝައިޚް އާދަމް ނިޝާން ފާހަގަކުރެއްވިއެވެ.
ޝައިޚް އާދަމް ނިޝާން ވިދާޅުވި މިހަރަކާތަށް އެހީތެރިވުމަށް ހުޅުވާލި ފުރުޞަތުގައި 65،000 އަށްވުރެ ގިނަ ރުފިޔާއާއި ގިނަ އަދަދަކަށް އަންނައުނާއި އެހެނިހެންވެސް އެހީގެ ތަކެތި ލިބިފައިވާ ކަމަށެވެ.
300 އަށްވުރެ ގިނަ މުސްލިމުންނަށް އެހީގެ ތަކެތި ފޯރުކޮށްދިން މިހަރަކާތުގައި 1300 ކިލޯއަށްވުރެ ގިނައިން ފުށާއި ހަނޑުލުގެ ބާވަތްތައް ފޯރުކޮށްދެވިފައިވާ ކަމަށް ހަރަކާތް ކުރިއަށް ގެންދިޔަ ފަރާތުން ހާމަކޮށްފައިވެއެވެ.
މިޔަންމާގެ ރޮހިންގިޔާ މުސްލިމުންނަށް އެތާގެ ހައްދު ފަހަނަ އަޅާފައިވާ ބުޑިސްޓު ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އެތަކެއް މުސްލިމުންނެއް އެޤައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކުގައި ދިރިއުޅެމުން ގެންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...