ކޮލަމިސްޓްދީނީ ލިޔުންދީން

ބަދުރު ހަނގުރާމަ (ފުރަތަމަބައި)

ހަނގުރާމަ ހިނގަން މެދުވެރިވި ސަބަބު

الرحيق المختومގައި ބަޔާންކުރައްވާފައިވެއެވެ. މައްކާގެ މުޝްރިކުންގެ ވިޔަފާރި ޤާފިލާ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަތްޕުޅުދަށުނުވެ، ސަލާމަތްވެގެން ޝާމްކަރައަށް ދިޔައެވެ. އެޤާފިލާ މައްކާއަށް އަންނަން ގާތްވުމުން، ކީރިތި ރަސޫލާ އެޤާފިލާގެ ޚަބަރު ބެއްލެވުމަށް طلحة بن عبيد الله އާއި سعيد بن زيد ފޮނުއްވިއެވެ. އެދެބޭކަލުން الحوراء ތިއްބަވަނިކޮށް އަބޫ ސުފްޔާން ވިޔަފާރި ޤާފިލާއާއެކު އެހެން ދަތުރުކުރެއްވިއެވެ. އެދެބޭކަލުން މަދީނާއަށް ވަޑައިގެން މިކަމުގެ ޚަބަރު ރަސޫލާއަށް ދެއްވިއެވެ.

އަބޫ ސުފްޔާނާއެކު ވިޔާފާރި ޤާފިލާ ހިމާޔަތްކުރުމަށް ތިބީ އެންމެ 40 މީހުންނެވެ. އަދި އެޤާފިލާގައި ފަންސާސް ހާސް ރަން ދީނާރަށް އަގު އަރައިގެންދާވަރުގެ މުދާ އެވިޔަފާރި ޤާފިލާގައިވެއެވެ. މިޤާފިލާގައި ހުރި މުދާތައް ގެއްލިގެން ދިޔުމަކީ މައްކާގެ މުޝްރިކުންނަށް ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި އަސްކަރީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެއެވެ.

އެހެންކަމުން ރަސޫލާ މިވިޔަފާރި ޤާފިލާ ލިބޭތޯ މަސައްކަތް ކުރުމަށް ނިކުތުމަށް މުސްލިމުންގެ ތެރޭގައި އިޢުލާނު ކުރައްވަމުން ގެންދެވިއެވެ. މިކަމުގައި އެކަލޭގެފާނު އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރައްވައެވެ. މިކަމުގައި ފުރިހަމަ މިނިވަންކަން ކޮންމެ މީހަކަށްވެސް ދެއްވިއެވެ. ސަބަބަކީ އެކަލޭގެފާނުވެސް ޤުރައިޝުންނާއި ދެމެދު މާބޮޑު ކުރިމަތިލުންތަކެއް ހިނގައިދާނެކަމަށް ހީފުޅެއް ނުކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން ޞަހާބީންގެ ވަރަށްގިނަ ބޭކަލުން މަދީނާގައި މަޑުކުރެއްވިއެވެ.

އިސްލާމީ ލަޝްކަރުގެ ބާރާއި ލަޝްކަރު ބެހިފައިވާ ގޮތް

ބަދުރު ހަނގުރާމައަށް ނިކުމެ ވަޑައިގަތީ 317 -300 އާއި ދެމެދު އަދަދެއްގެ ޞަހާބީންނެވެ. އެއީ 86 – 82 މެދުގެ އަދަދެއްގެ މުހާޖިރުންނާއި އަވްސް ވަންހައިގެ 61 ބޭކަލަކާއި ޚަޖުރަޖު ވަންހައިގެ 170 ބޭކަލުންގެ މައްޗަށް އެކުލެވޭ ލަޝްކަރެކެވެ. މިހަނގުރާމަށް ރަސޫލާ ނިކުމެ ވަޑައިގެންނެވިއިރު މާބޮޑު ތައްޔާރީތަކެއް ވެވަޑައިނުގަންނަވައެވެ. އިސްލާމީ ލަޝްކަރުގައި ހިމެނެނީ ދެއަހެވެ. އެއީ الزبير بن العوام އާއި المقداد بن عمرو الكندى ގެ އަސްކޮޅެވެ. އަދި ހަތްދިހަ ޖަމަލު މިލަޝްކަރުގައި ހިމެނެއެވެ. ބައެއް ޖަމަލުގެ މައްޗަށް ދޭއް ނުވަތަ ތިން ބޭކަލުން ސަވާރުވެފައިވިއެވެ. ކީރިތި ރަސޫލާއާއި އަލީގެފާނުގެ އިތުރުން مرثد بن آبي مرثد ސަވާރުވެ ވަޑައިގެންފައިވަނީ އެއްޖަމަލަށެވެ.

ހަނގުރާމައަށް މަދީނާއިން ނިކުމެވަޑައިގަންނަވަމުން މަދީނާގެ ކަންކަން ރަސޫލާ ހަވާލުކުރެއްވީ ابن آم مكتوم އާއެވެ. އެއިގެ ފަހުން الروحاء ހަމައަށް ވަޑައިގެން މަދީނާގެ ކަންތައްތަކާއި ހަވާލުކުރައްވާފައި آبا لبانة عبد المنذر ފޮނުއްވިއެވެ.

އިސްލާމީ ލަޝްކަރުގެ އާއްމު ދިދަދެއްވާފައިވަނީ مصعب بن عمير އަށެވެ. އެއީ ހުދުކުލައިގެ ދިދައެކެވެ. އިސްލާމީ ލަޝްކަރު ބެހިގެންވަނީ ދެބަޔަށް:

  • މުހާޖިރުންގެ ލަޝްކަރު. މިލަޝްކަރުގެ ދިދަ ދެއްވާފައިވަނީ علي بن ابي طالب ގެ އަތްޕުޅަށް
  • އަންޞާރުންގެ ލަޝްކަރު. މިލަޝްކަރުގެ ދިދަ ދެއްވާފައިވަނީ سعد بن معاذ ގެ އަތްޕުޅަށް

 

އިސްލާމީ ލަޝްކަރުގެ ކަނާތްފަރާތުގެ ވެރިޔަކީ الزبير بن العوام އެވެ. ވައަތްފަރާތުގެ ވެރިޔަކީ المقداد بن عمرو الكندى އެވެ. ލަޝްކަރުގެ ތަކެތި ބެލެހެއްޓުމާއި ހަވާލުކުރައްވާފައިވަނީ قيس بن آبي صعصعة އާއެވެ. މުޅި ލަޝްކަރުގެ ކޮމާންޑަރ އިން ޗީފްއަކީ ޚުދު ރަސޫލާ صلى الله عليه وسلم އެވެ.

 

އިސްލާމީ ލަޝްކަރު ބަދުރާ ދިމާއަށް ދަތުރުކުރުން

އިސްލާމީ ލަޝްކަރައިގެން ރަސޫލާ މަދީނާއިން ނިކުމެވަޑައިގެން އާއްމު ގޮތެއްގައި މައްކާއަށް ދާން އޮންނަ މަގުން ދަތުރުކުރެއްވިއެވެ. އަދި الروحاء ކިޔޭ ވަޅުކައިރިއަށް ދެވުމުން، މައްކާއަށް ދެވެން އޮންނަ ވައަތް ފަރާތުގެ މަގު ދޫކޮށްލައްވާ ކަނާއަތް ފަރާތުގެ މަގުން ބަދުރާ ދިމާއަށް ދަތުރުކުރެއްވިއެވެ. އަދި الصفراء  އަށް ވަޑައިގެން يسيس بن عمر الجهني އާއި عدي بن آبي الزغباء الجهني މުޝްރިކުންގެ ޤާފިލާގެ ޚަބަރުބެއްލެވުމަށް ބަދުރަށް ފޮނުއްވިއެވެ.

ބިރުވެރިކަމުގެ ޚަބަރު މައްކާއަށް

މައްކާއަށް ދިއުމަށް އޮންނަ މަގުތަކަކީ އަމާން މަގުތަކެއް ނޫންކަން އަބޫ ސުފްޔާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އޭނާ ހުންނެވީ ވިޔަފާރި ޤާފިލާއާއިމެދު ވަރަށް ބޮޑަށް ފާރަވެރިވެގެންނެވެ. އެހެންކަމުން ދަތުރުކުރަމުންދިޔަ މަގުތަކުންދިމާވާ އަސްވާރުންނާއި ސުވާލުކޮށް ޚަބަރުތައް ބައްލަވަމުން ގެންދެވިއެވެ. އަދި ޚަބަރުތައް ގެނެސްދޭ މީހުންގެ ކިބައިން محمد صلى الله عليه وسلم  ވިޔަފާރި ޤާފިލާއާއި ދިމާކުރެއްވުމަށް ނިކުމެވަޑައިގެންނެވި ޚަބަރު ލިބުމާއެކު ضمضم ابن عمرو الغفارى ކުޔަށް ހިފާފައި އެމީހުންގެ ވިޔަފާރި ޤާފިލާއާއި މެދު އިންޒާރުކުރުވާ ޤާފިލާ ދިފާއުކުރުމުގެ އެހީއަށް އެދި މައްކާއަށް ފޮނުއްވިއެވެ.

މައްކާއަށް ގޮސް ކައުބާގެ ކުރިމަތީގައި ހުއްޓިހުރެ، ضمضم އޭނާގެ ޖަމަލުގެ ނޭފަތާއި ކަންފަތް ކަނޑާލުމަށްފަހު އޭނާގެ ހެދުން ކުރިމަތިންނާއި ފުރަގަހުން ވީދާ ހަޅޭލަވަން ފެށިއެވެ. "އޭ ޤުރައިޝުންނެވެ. އަބޫ ސުފްޔާނާއި އެކުވާ ތިޔަބައިމީހުންގެ މުދާތައް ސަލާމަތްކުރާށެވެ. މުހައްމަދުގެފާނާއި އެކަލޭގެފާނުގެ އަޞްހާބުން އެޤާފިލާއަށް ހަމަލާދެނީއެވެ. އެހީތެރިވާށެވެ. އެހީތެރިވާށެވެ."

މައްކާގެ މުޝްރިކުން ހަނގުރާމައަށް ތައްޔާރުވުން

ضمضم ابن عمرو الغفارى ގެނެސްދިން ޚަބަރާއެކު ޤުރައިޝުން އަވަސްވެގަތެވެ. އެމީހުން ބުންޏެވެ. "މުހައްމަދުގެފާނާއި އެކަލޭގެފާނުގެ އަޞްހާބުން ހީކުރަނީ އެއީ ابن الحضرمى ގެ ވިޔަފާރި މުދާކޮޅު ކަމަށް ހެއްޔެވެ.؟ "

މުޝްރިކުން ވިޔަފާރި ޤާފިލާ ސަލާމަތްކުރުމަށް އަވަސްވެގަތެވެ. އެމީހުންގެ ތެރެއިން އެކަމުގައި ބައިވެރިނުވެވޭ މީހުން، އެމީހުންގެ ބަދަލުގައި އެހެންމީހަކު ފޮނުވިއެވެ. އެގޮތުން އަބޫ ލަޙަބު އޭނާގެ ބަދަލުގައި އެދީނުގެ މަތީގައިހުރި އެހެންމީހަކު ފޮނުވިއެވެ. އަދި މިކަމުގައި މައްކާގެ މުޝްރިކުންނަށް ވާގިވެރިވުމަށް ވަށައިގެންވާ އަރަބި ޤަބީލާތައް އެއްބައިވެގެން ދިޔައެވެ. މިކަމުގައި ހަމައެކަނި ބައިވެރިނުވަނީ ދަރިކޮޅުގެ މީހުންނެވެ.

 

މުޝްރިކުންގެ ލަޝްކަރުގެ ބާރު

މައްކާގެ މުޝްރިކުންގެ ލަޝްކަރު އެކުލެވިގެންވަނީ 1300 ހަނގުރާމަވެރިންގެ މައްޗަށެވެ. މިލަޝްކަރުގައި ގިނަ އަދަދަކަށް ޖަމަލު ހުއްޓެވެ. ލަޝްކަރުގެ ވެރިޔަކީ آبو جهل بن هشام އެވެ. ދުވާލެއްގެ މައްޗަށް ނުވައެއް ނުވަތ ދިހަ ޖަމަލު އެމީހުން ކަތިލަމުންދިޔައެވެ.

 

ބަނީ ބަކުރު ޤަބީލާގެ މައްސަލަ

މައްކާގެ ލަޝްކަރު ހަނގުރާމައަށް ތައްޔާރުވަމުން ދިޔައިރު، ޤުރައިޝުންނަށް އެމީހުންނާއި ބަނީ ބަކުރު ވަންހައިގެ މީހުންނާއި އޮތް ދެކޮޅުވެރިކަން ހަނދާންވެގެން ދިޔައެވެ. އަދި މިހާލަތުގައި އެމީހުން ޤުރައިޝުންގެ ފަހަތުން ހަމަލާއެއް ދީފާނެތީވެ ބިރުހީވިއެވެ. އެހިނދު އިބިލީސް ކިނާނަތުވަންހައިގެ ރައީސް سراقة بن مالك ގެ ސިފައިގައި މައްކާގެ މުޝްރިކުންގެ ގާތަށް އައިސް ބުންޏެވެ. "އަހަރެން ތިޔަބައިމީހުންގެ ފަހަތުން އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ޔަޤީންކަން ދެމެވެ."

 

  • ނުނިމޭ –

 

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *