ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ކަނޑާލަން އާސަންދަ ކުންފުނިން ނިންމައިފި އެވެ.
މިކަމާއި ގުޅޭގޮތުން އެކުންފުނިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުން ކަމަށާއި ސަބަބަކީ "އާސަންދަ ސްކީމް" ހިންގުމުގެ އުސޫލު މުރާޖައާ ކުރަމުންދާތީ ކަމަށެވެ. އެގޮތުން ދައުލަތުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް އަދި ސްކޭން ޚިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި، އަގަކާ ނުލައި ފޯރުކޮށްދެމުން ދާތީ، އަމިއްލަ ތަންތަނަށް އެކަންކަމަށް އާސަންދައިން ކުރާ ޚަރަދު އުނިކުރުމަށް ނިންމީ ކަމަށް އެސާކިއުލާގައި ބުނެފައިވެއެވެ.
އެސާކިއުލާގައި އިތުރަށް ބުނެފައިވާގޮތުން އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލި ނަމަވެސް، މިއަދާ ހަމައަށް އެޑްމިޓްކޮށް، ފަރުވާދެމުން އަންނަ ފަރާތްތަކުގެ ފަރުވާ ނިމެންދެން އާސަންދަ ސްކީމްގެ ތެރެއިން ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ލިބެމުންދާނެ ކަމަށާއި އެ މީހުންގެ މައުލޫމާތު މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އާސަންދަ ކުންފުންޏަށް އެންގުމަށް އެދޭ ކަމަށެވެ.
އާސަންދަގެ ޚިދުމަތް ދިނުމަށް ސިއްޚީ ޚިދުމަތްދޭ އަމިއްލަ ތަންތަނާއެކު ވެފައިވާ އެއްބަސްވުންތައް މިއަދުން ފެށިގެން އުވާލާ، އެއްބަސްވުންތަކުގެ ދަށުން ޚިދުމަތް ދެމުން ގެންދިއުން، މިއަދުން ފެށިގެން ހުއްޓާލަން އަންގާފައިވާއިރު ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެންގުމާ އެއްގޮތަށް، އާސަންދަ ސްކީމްގެ ދަށުން އެއްވެސް ފަރާތަކަށް އެ ހޮސްޕިޓަލުން ޚިދުމަތް ދެވެން ނެތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...