މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ބްރާންޗް ހުޅުވުމަށް އިއްޔެ ހުޅުމާލޭގައި އޮތް ރަސްމިއްޔާތުގައި ބްރާންޗު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރާއި އެމްއައިބީގެ ބޯޑުގެ ޗެއަރމަން ނަޖްމުލް ހަސަންއެވެ.

ހުޅުމާލެ ބުރާންޗު ހުޅުވުމަށް ހުޅުމާލެ ސެންޓްރޯ މޯލްގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވަނީ އިސްލާމިކް ބޭންކު ރާއްޖޭގައި ހުޅުވިފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުމަށް ތައުރީފް ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ބޯޑުގެ ޗެއަރމަން ނަޖްމުލް ހަސަން ވިދާޅުވީ އެ ބޭންކުން ދޭ ޚިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށްޓަކައި މިއަހަރުތެރޭ އަދި އިތުރު ބްރާންޗެއް ރާއްޖޭގައި ހުޅުވާނެ ކަމަށެވެ.
އަލަށް ހުޅުވި މި ބްރާންޗާ އެކު އެމްއައިބީގެ ބްރާންޗުތަކުގެ ޢަދަދު ވަނީ ފަހަކަށް އަރާފައެވެ. އެ ބޭންކުން އަންނަނީ މާލެ، އައްޑޫ ސިޓީ، ގދ.ތިނަދޫ، ހދ.ކުޅުއްދުއްފުށީގައި އެބޭންކުގެ ބްރާންޗްތައް ހުޅުވައި ޚިދުމަތްދެމުންނެވެ.

















ޚިޔާލު