އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ޓީވީ މެދުވެރިކޮށް ގެނެސްދޭ ދީނީ ޕްރޮގްރާމްތައް އިތުރުކޮށް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމާބެހޭ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލް، އަދި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވި ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް، އިސްލާމީ ވަޙްދަތު އަށަގެންނެވުމުމަށް ޕީ.އެސް.އެމްގެ ޓީވީއެމާއި، ދިވެހިރާއްޖޭގެ އަޑު މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށާއި ޕީ.އެސް.އެމާއި އިސްލާމީ ޔުނިވާސިޓީއާ ދެމެދު ގުޅުން ބަދަހިކޮށް އެއްބާރުލުން ދެއްވުމުގެ ރަސްމީ އެއްބަސްވުމެއް އެކުލަވާލެވުމާއެކު، ދީނީ އެކި ޕްރޮގްރާމްތައް އުފެއްދުމުގައި އިސްލާމީ ޔުނިވާސިޓީގެ ޢިލްމުވެރިންގެ ފަންނީ އެހީ ކުރިއަށްވުރެ ބޮޑަށް ލިބިގެންދާނެކަމަށެވެ.
ޕަބްލިކް ސަރވިސް މީޑީއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި، ޕީ.އެސް.އެމްގެ ޗެނަލްތަކުގެ ދީނީ ކޮންޓެންޓް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި އެގޮތުން ދީނީ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި ޕީ.އެސް.އެމުން އަލަށް ޤާއިމުކޮށްފައިވާ މުންނާރު ޓީވީއާއި، ދީނުގެ އަޑަކީ އިސްލާމް ދީނުގެ ރިވެތި އަޙްލާޤު ޢާންމުންނަށް ގެނެސްނިމުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ޗެނަލްތަކުގެ ކޮންޓެންޓް އިތުރަށް ހަރުދަނާކޮށް، ދީނީ މައުލޫމާތު ގެނެސްދޭ މައި ޗެނަލްތައްކަމުގައި އެޗެނަލްތައް ހައްދަވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.
ޕީ.އެސް.އެމާއި އިސްލާމީ ޔުނިވާސިޓީއާއެކު ސޮއިކުރެވިފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން، ދީނީ އެކި އެކި ޕްރޮގްރާމްތައް ތައްޔާރުކޮށްދީ ހުށައެޅުމުގައި އިސްލާމީ ޔުނިވާސިޓީގެ ފަންނީ ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެފަރާތް ގުޅިގެން ތަފާތު ސެމިނާތަކާއި ވޯކްޝޮޕްތައް ހިންގުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އިސްލާމީ ޔުނިވާސިޓީން ކުރިއަށްގެންދާ، ޢިލްމީ އެކި ޕްރޮގްރާމްތައް ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...