އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ނަތީޖާ ފާޅުކޮށްފައިވަނީ ރޭ މިކަމަށްޓަކައި ހާއްސަކޮށްގެން އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި ޖަލްސާއެއްގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު ޝިހާމްއެވެ.
މި މުބާރާތުން ތޭރަ އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ މަރިޔަމް ލީމް އަބޫބަކުރުއެވެ. ތޭރަ އަހަރާއި ސޯޅަ އަހަރާއި ދެމެދުގެ އުމުރުފުރާއިން ކަލާފާނު ސްކޫލްގެ މަރިޔަމް ޝައިފާ ރަޝީދު އެއްވަނަ ހޯދިއިރު ސޯޅަ އަހަރާއި އެކާވީސް އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދީ ސީއެޗްއެސްއީގެ އައިޝަތު މަލްހާއެވެ. މަތީތައުލީމް ދޭ މަރުކަޒްތަކުން އެއްވަނަ ހޯދީ ޤައުމީ ޔުނިވަރސިޓީގެ ޢަލީ އަމީރުއެވެ.
ވާހަކަދެއްކުމުގެ ބައްތިރީސް ވަނަ މުބާރާތުގެ ތޭރަ އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހޯދީ ކަލާފާނު ސްކޫލްއެވެ. މިއީ އެސްކޫލް މިއުމުރު ފުރައިން ޖެހިޖެހިގެން 1 ވަނަ ހޯދި ތިން ވަނަ ފަހަރެވެ. ތޭރަ އަހަރާއި ސޯޅައަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ. ސޯޅައަހަރާއި އެކާވީސް އަހަރުން ދަށުގެ އުމުރުފުރައިން ސީއެޗްއެސްއީ އެއްވަނަ ހޯދިއިރު މަތީ ތައުލީމްދޭ މަރުކަޒްތަކުން އެއްވަނަ ހޯދީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެވެ.
ރޭގެ ޖަލްސާގައިވަނީ މި މުބާރާތުން އެންމެ ގިނަ އެސްއެމްއެސް ލިބިގެން ވަނަވަނަ އަށް އައި ކުދިންނަށް އިނާމާއި ހަނދާނީ ލިޔުންދީފައިވެއެވެ. މީގެއިތުރުން ކޮންމެ ސްކޫލަކުން ބައިވެރިވި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ދަރިވަރަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުންދީފައެވެ.
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ 1984 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...