ސޫރިޔާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ގޮތުގައި ރާއްޖެއިން ފޮނުވާތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިއަދު ބަރުކުރަންފަށާނެއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން މިކަން ކުރިއަށްގެންދާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އާދަމް ނާއިފް ވިދާޅުވީ ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީންނަށް ރާއްޖެއިން ފޮނުވާ އެހީގެ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިއަދު ކޮންޓެއިނަރއަށް ބަރުކުރަން ފަށާނެ ކަމަށެވެ.
ނާއިފް ވިދާޅުވީ ކޮންޓެއިނަރ ބަރުކުރުމުގެ މަސައްކަތް މިއަދުގެ 11 ޖަހާ ކަންހާއިރު ފެށިގެންދާނެ ކަމަށާއި މިފަހަރު 40 ފޫޓުގެ ކޮންޓެއިނަރގެ އެހީގެ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މިހަރަކާތުގައި އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ތެރެއިން މިފަހަރު ފޮނުވަނީ 30 އިންސައްތަ ތަކެތި ކަމަށް ނާއިފް ވިދާޅުވިއެވެ.
ނާއިފް އިތުރަށް ވިދާޅުވީ ތަކެތި ފޮނުވުމަށް ނިންމަންޖެހޭ ލިޔެކިޔުމުގެ ހުރިހާ މަސައްކަތް ނިމިފައިވާ ކަމަށާއި އުއްމީދުކުރަނީ މިމަސް ނިމުމުގެ ކުރިން އެހީގެ ގޮތުގައި ލިބުނުހުރިހާ ތަކެއްޗެއް ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް ފޮނުވާލެވޭނެ ކަމަށެވެ.
މިމަސައްކަތުގައި ވޮލަންޓިއަރކޮށް ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވަމުންދާއިރު މިހާޜުވެސްވަނީ އެފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ވޮލަންޓިއަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން 9122121 ފޯނަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް ކެމްޕެއިން ހިންގާ ފަރާތުން ހާމަކުރެއެވެ.
ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އެތައް މިލިއަން މީހުންނެއް ހާލުގައިޖެހި ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމުތަކުގައި ދަނީ ދިރިއުޅެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...