ހަތަރުވަނަ ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކުގެ ބަހުޡް މުބާރާތުގައި ބައިވެރިވުމަށް ދިވެހި ދަރިވަރުންތަކެއް އިއްޔެ ޤަތަރަށް ފުރައިފިއެވެ.
މިދަތުރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހަތަރު ދަރިވަރުންނާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހަތަރު ދަރިވަރުންނާއި އޮފިޝަލުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގައި، ޤައުމީ ޔުނިވަރސިޓީ ތަމްސީލްކުރާ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ވަޑައިގަންނަވާ އަލްއުސްތާޛު ފައްޔާޒް ޢަލި މަނިކު ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޢަރަބި ބަހުން ކުރިއަށްގެންދާ މި މުބާރާތުގެ ސަބަބުން ދަރިވަރުންގެ ޢަރަބިބަހުގެ ފެންވަރު މަތިވެ، ޢަރަބި ބަހަށް ދޭ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށާއި ގިނަ ޢަދަދެއްގެ ޤައުމުތަކަކުން ބައިވެރިވާ މުބާރާތެއްގައި ރާއްޖޭގެ ޔުނިވަރސިޓީ ތަމްސީލް ކުރުމުގެ ފުރުޞަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ.
މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 6 ން 12 އަށް ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމަދު ބިން ޚަލީފާ ޔުނިވަރސިޓީގައެވެ.
މިމުބާރާތުގައި ދުނިޔޭގެ 71 ޔުނިވަރސިޓީއަކުން 86 އަށްވުރެ ގިނަ ޓީމުތަކުން ވާދަކުރާނެއެވެ.
މިއީ ޢަރަބި ބަސް ކުރިއެރުވުމަށާއި، ވާދަވެރި މާޙައުލެއްގައި ބަހުސްކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...