ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އޫރު ރޯގާގެ ސަބަބުން ބައެއް އަމިއްލަ ޕްރީސްކޫލްތަކުގެ ކިޔެވުން ފެށޭ ހަފްތާގައިވެސް ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލްއިން އެފަރާތުގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައިވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާގެ ސަބަބުން މިމަހުގެ 26 ން 30 އަށް އެސްކޫލުގެ ކިޔެވުން ނޯންނާނެ ކަމަށެވެ.
ހަމައެހެންމެ ކިންޑަރ ޕްރީސްކޫލުންވެސް ހާމަކޮށްފައިވަނީ މާޗް 26 ން 30 އަށް އެސްކޫލުގެ ކިޔެވުންވެސް ބަންދުވާނެ ކަމަށެވެ.
މިހާޜު ފެތުރެމުންދާ ރޯގާގެ ސަބަބުން ސަރުކާރު ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު މާދަމާ ކިޔެވުން ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ހާމަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްކޫލްތައް ހުޅުވަން ނިންމީ، ބަންދުކުރިތާ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަ މިންވަރާއި އިޖުތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށާއި ނަމަވެސް އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަ ނަމަ އެ ކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް ފުރުސަތުގައި އިލްތިމާސް ކުރާ ކަމަށެވެ.
ރޯގާގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލީ މާރޗް 14 ވަނަ ދުވަހުއެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...