ހަލުވިކަމާއެކު އޫރު ރޯގާއާއި ފެތުރެމުންދާތީ ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ކިޔެވުން ހުއްޓާލުމަށްފަހު އަންނަ އާދީއްތަދުވަހު ކިޔެވުން ފެށުމަށް ހަމަޖެހިފައވާކަމަށް އެފަރާތްތަކުން ހާމަކޮށްފިއެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތައް ހުޅުވަން ނިންމީ، ބަންދުކުރިތާ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަ މިންވަރާއި އިޖުތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށާއި ނަމަވެސް އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަ ނަމަ އެ ކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް ފުރުސަތުގައި އިލްތިމާސް ކުރާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިންވެސްވަނީ އާދީއްތަދުވަހު ކިޔެވުން ފަށަން ހަމަޖެހިފައިވާ ކަމަށް ދަރިވަރުންނަށް އަންގާފައެވެ.
ރޯގާގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން މާރޗް 14 ވަނަ ދުވަހު މެދުކަނޑާލިއިރު ނިމިދިޔަ ހަފްތާއަކީ ސްކޫލްތަކާއި ޔުނިވަރސިޓީގެ މިޑްޓާރމް ބްރޭކްގެ ގޮތުގައި ބަންދު ހަފްތާއެކެވެ.
ބުރާސްފަތިދުވަހާއި ހަމައަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކުރި ހިސާބުތައް ދައްކާގޮތުން 176 މީހަކަށްވަނީ އޫރު ރޯގާ ޖެހިފައެވެ. ރޯގާ ޖެހުނު މީހުންގެ ތެރެއިން 3 މީހުން މަރުވެފައިވާއިރު 33 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...