ރާއްޖޭގެ ޚަބަރު

އޫރު ރޯގާއައި ގުޅިގެން މާބަނޑު މުވައްޒަފުންނަށް ވަޒީފާގެ ލުއިތަކެއް

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ އޫރު ރޯގާ އަދި ވައިރަލް ފްލޫގެ ސަބަބުން ބައެއް އޮފީސްތަކުގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގައި ލުއިތަކެއް ހަމަޖައްސައިދީފިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ(އެމްއެންޔޫ)ގައި ވަޒީފާ އަދާކުރަމުންދާ މާބަނޑު މުވައްޒަފުންނަށްވަނީ ވަގުތީގޮތުން ވަޒީފާއަށް ނިކުންނަން ނުޖެހޭފަދަ އިންތިޒާމެއް ހަމަޖައްސައިދީފައެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒު ޝަރީފު ސޮއި ކުރައްވާ ޔުނިވަރސިޓީގެ ފެކަލްޓީ، ކެމްޕަސް އަދި ސެންޓަރުތަކަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭ ފަރާތްތަކުގެ ތެރޭގައި މާބަނޑު އަންހެނުން ލިސްޓް ކޮށްފައިވާތީވެ އެ ފަރާތްތަކާއި ބަނޑުގައިވާ ދަރިންގެ ރައްކަލަކަށް، މާބަނޑު މުވައްޒަފުން މިދުވަސްވަރު އޮފީހުގެ މަސައްކަތަށް ނިކުންނަން ނުޖެހޭފަދަ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ.

އެމްއެންޔޫގެ މާބަނޑު މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ނުޖެހެނީ ހަފްތާއެއްގެ މުއްދަތަށެވެ. އެއީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެމްއެންޔޫއިން މިފަދައިން ނިންމާފައިވާއިރު އޮޑިޓް އޮފީހުގެ މާބަނޑު މުވައްޒަފުންވެސް އޮފީހަށް ނުކުންނަން ނުޖެހޭ ގޮތަށްވަނީ އެއޮފީހުންވެސް ހަމަޖައްސާފައެވެ.

އެ އޮފީހުން ބުނީ އެގޮތަށް ހަމަޖެއްސީ މާބަނޑު މީހުންނަކީ އެ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުން ކަމަށްވާތީ އެ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ. ހުމުގެ ކަންކަން ހަމައަކަށް އެޅެންދެން އެ އޮފީހުގެ މާބަނޑު މުވައްޒަފުން އޮފީހަށް ނިކުންނަން ނުޖެހޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް އެމުވައްޒަފުންނަށް އެދުވަސްތަކަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެމުވައްޒަފުންނަށް ލިބިގެންދާނެކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *